ރޭ ވޯލްޑްކަޕްގެ ގަދަ 16 ގައި ރަޝިއާ ދެކޮޅަށް ކުޅެ ބަލިވެ ސްޕެއިން ވޯލްޑްކަޕާއި އަލްވަދާއު ކިޔަން ޖެހިފައިވާއިރު މެޗަށް ފަހު އެ ގައުމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ހިތާމަކުރާ މަންޒަރު ފެނުމުން އިނގިރޭސިވިލާތުގެ ލިވަޕޫލްގެ ސަޕޯޓަރުން އޭނާއަށް ހަމްދަރުދީވުމުގެ ބަދަލުގައި ޖޯކު ޖަހައިފައެވެ.

ރާމޯސް ކަރުނަ އަޅާ ރޯ ވީޑިއޯތަކާ ފޮޓޯތަށް މީސްމީޑިއާގައި އާންމުވެފައިވާިރު ލިވަޕޫލްގެ އެތަށް ސަޕޯޓަރުންނެއް ދަނީ އެ ފޮޓޯތަކާއި ވީޑިއޯތަށް މީސް މީޑިއާގައި ހިއްސާކުރުމަށް ފަހު ރާމޯސްއަށް ޖޯކު ޖަހާ އެކި އެކި ޝުއޫރުތަށް ފާޅުކޮށްފައެވެ.

ބައެއް ސަޕޯޓަރުން ރާމޯސް ރޯ މަންޒަރު ފެނުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމުގައި ބުނެފައިވާއިރު އަނެއް ބަޔަކު ވަނީ ދިމާކުރުމުގެ ނިޔަތުގައި ރޯން އެއިނީ ކާކުތޯ ސުވާލު އުފައްދާފައެވެ.

ލިވަޕޫލްގެ ސަޕޯޓަރުން ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ޖޯކު ޖަހައިފައިވަނީ ނިމިގެންދިޔަ ޗެމްޕިއަންސްލީގުގެ ފައިނަލްގައި ލިވަޕޫލްގެ އެންމެ މުހިންމު އެއްކުޅުންތެރިޔާ މުހައްމަދު ސަލާހްއަށް ކުރި ފައުލާއި ގުޅިގެން ސަލާހް ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހުމުން ކަމުގައި ބެލެވެއެވެ.

އަދި ސަލާހްއަށް ރާމޯސްކުރި ފައުލްއާއި އެކު ލިވަޕޫލްގެ ސަޕޯޓަރުން ނުހުރުން ފާޅުކޮށްފައިވާއިރު އޭގެ ރައްދެއްގެ ގޮތުގައި ރާމޯސް ވަނީ ސަލާހަށް ކުރީ ފައުލެއް ނޫންކަމަށާއި ސަލާހްއަށް ތަދު ކަނޑުވާ އިންޖެކްޝަން އެއް ޖަހައިގެން ފައިނަލް މެޗު ފުރިހަމަ ކުރެވުނިސް ކަމުގައި ބުނެފައެވެ.

މީގެ އިތުރުންވެސް ރާމޯސް ވަނީ ސަލާހްއަށް ކުރި ފައުލާއި ގުޅިގެން ލިވަޕޫލްގެ ސަޕޯޓަރުން ރަތަށް އަރާވަރުގެ އެތަކެއް ވާހަކައެއް ދައްކާފައެވެ.