މެންޗެސްޓަރ ޔުނައިޓެޑުގެ ބަލިވުމުގެ ސިލްސިލާއިން ސަލާމަތްކޮށްދީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުވަގުތު ވިޔަރެއާލް ކޮޅަށް ޖެހި ލަނޑާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑު ސަލާމަތްކޮށްދީފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑު މި މެޗު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ދަނޑުގައި ސްޕެއިންގެ ވިޔަރެއާލް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފުުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ވިޔަރެއާލް އެވެ.

ވިޔަރެއާލް އިން މެޗުގައި ލީޑުނެގި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. މމި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަކޯ އަލްކަސާ އެވެ. ނަމަވެސް މި ލީޑުގައި ވިޔަރެއާލް އަށް މާ ގިނައިރަކު ނުހުރެވުނެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓުފަހުން ޔުނައިޓެޑުގެ އެލެކްސް ޓެލޭސް އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައަކުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ޖެސޭ ލިންގާޑް ގެ އެހީއާއެކު ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރި އިރު މި މެޗަކީ ރޮނާލްޑޯ އަށް ވަރަށް ހާއްސަ މެޗެކެވެ. އަދި މިއީ ޔުނައިޓެޑަށްވެސް ހާއްސަ މެޗެކެވެ.

ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ

އެންމެފަހުން ބޭއްވި ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ވިޔަރެއާލް ހޯދާފައިވަނީ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑު އަތުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އެ ހިތްދަތިކަމަށް ރޮނާލްޑޯ މި ވަނީ ބަދަލުހިފާފައެވެ.

މި މެޗުގައި ކުޅުމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މެޗުތައް ކުޅުނު ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ މިހާރު ޖުމްލަ 178 މެޗު ކުޅެފައެވެ. މި ރެކޯޑު ކުރިން އޮތީ ރެއާލަށް ކުރިން ކުޅުނު ކީޕަރު އިކާ ކަސިޔަސް އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ޔަންގް ބޯއިސް ވަނީ އެޓަލަންޓާ އަތުން 1-0 އިން ބަލިވެފައެވެ. މި މެޗުތަކާއެކު ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ އެޓަލަންޓާ އެވެ. ދެވަނައިގައި ޔަންގް ބޯއިސް އޮތްއިރު ތިންވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.