ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް ލިވަޕޫލްގައި އިތުރު ފަސް އަހަރު އެ ކްލަބުގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފިއެވެ.

މީޑީޔާ ރިޕޯޓުތައް ބުނާގޮތުން އާ ކޮންޓްރެކްޓާއެކު ސަލާހު އަށް ހަފްތާއަކު 200،000 ޕައުންޑް ލިބޭނެއެވެ. އެއާއެކު ސަލާހު ވެގެން ގޮސްފައިވަނީ ލިވަޕޫލްގެ ތާރީހުގައި ވެސް އެންމެ ބޮޑު މުސާރައެއްދޭ ކުޅުންތެރިޔާއަށެވެ.

ނިމިގެންދިޔަ ސީޒަންގައި ސަލާހުގެ ފަަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ ލިވަޕޫލް އަށް 44 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ސަލާހް ވަނީ އެއް ސީޒަނެއްގައި ލިވަޕޫލްއަށް އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ ރެެކޯޑްވެސް މުގުރާލައިފައެވެ. ކުރިން މި ރެކޯޑް އޮތީ ލިވަޕޫލް ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ އަތުގައެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައިވާ ސަލާހްއަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ސަލާހް އަކީ މިސްރު ވޯލްޑްކަޕަށް ކޮލިފައިކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން ވޯލްޑްކަޕްގައި ސަލާހަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ގްރޫޕް ސްޓޭޖުން ބަލިވެ މިސްރު މިހާރު ވަނީ ވޯލްޑްކަޕާއި އަލްވަދާއު ކިޔާފައެވެ.

އައު ކޮންޓްރެކްޓުގައި ސަލާހް ސޮއިކުރުމުން ދެ ކަމެއް ހާމަވެގެން ގޮސްފައިވާ ކަމުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވެއެވެ.

އެގޮތުން ކޯޗު ކްލޮޕް ބުނީ އައު ކޮންޓްރެކްޓްގައި ސޮއިކުރުމުން ލިވަޕޫލްއަށް ސަލާހް ބޭނުންވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށާއި ސަލާހް އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި ސަލާހް އާއި އެކު އަންނަ ސީޒަންގައި ކާމިޔާބީ ހޯދޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ކޯޗު ކްލޮޕް ވަނީ ބުނެފައެވެ.

ރިލީސް ކްލައުސް އަކާއި ނުލާ އައު ކޮންޓްރެކްޓްގައި ސަލާހް ސޮއިކުރި އިރު ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުއެވެ.