ސަރަހައްދީ ފުޓުބޯޅައިގައި ނޭޕާލަށް އެންމެ ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނީ ދިވެހިރާއްޖެ އަތުންނެވެ. އެއީ ސާފް ޗެމްޕިއަންޝިޕުގައި އެކަނި ބަލާލި ނަމަވެސް ނޭޕާލަށް ރާއްޖެ މައްޗަށް އަތްގަދަ ކުރެވިފައި ނެތުމުންނެވެ. އެ ގައުމުގެ ސަޕޯޓަރުންގެ ހާޒިރުގައި ވެސް ދިވެހި ޓީމު ބަލި ނުކުރެވުނުންނެވެ. އެއާއެކު އެ ޓީމުން ފެށީ މުސްތަގްބަލަށް އަމާޒުހިފާ ޒުވާން ޓީމެއް ބިނާކުރުމަށެވެ.

ނޭޕާލް އެންމެ ބޮޑަށް ފާހަގަވަނީ އުމުރުފުރާ ފުޓުބޯޅައިގައި ބޮޑު ކާމިޔާބީތަކެއް ހޯދާ ޓީމެއްގެ ގޮތުގައެވެ. މީގެކުރިން 2015 ވަނަ އަހަރަށް ބަލާއިރު އެ ގައުމުގެ ފުޓުބޯޅައިގެ ސީނިއާ ޓީމަށްވުރެ އެ ގައުމުގެ ފުޓުބޯޅައިގެ މައި އިދާރާއިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދިނީ އެ ގައުމުގެ ޔޫތު ޓީމުތަކަށެވެ. އެއީ މުސްތަގްބަލަށް ދޮންވެ ފައްކާކުރާ ޓީމަކަށް ހެދުމަށެވެ. ސީނިއާ ޓީމަށް އެ ދޭންޖެހޭވަރަށް ސަމާލުތަކެއް އޭރުވެސް ނުދެއެވެ. ނަތީޖާތަކަށް ވެސް މާ ބޮޑަށް އަޅައެއް ނުލައެވެ.

ސާފް ޗެމްޕިއަންޝިޕުގެ އުމުރުފުރާ މުބާރާތްތަކަށް ނޭޕާލުން އުފެއްދީ ވަރުގަދަ ފޯމިއުލާއެކެވެ. އެ ގައުމުން ކުޅުންތެރިން ބިނާކުރަން ފަށާ އުމުރަކަށް 8 އަހަރުންދަަށް ހަދާ ހަރުދަނާ ޕްލޭނެއްގެ ދަށުން އެކަންކަން ކުރަމުންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެގޮތަށް ތައްޔާރުކުރި ފުރަތަމަ ބެޗު 2015 ވަނަ އަހަރު 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ރާއްޖެ ކޮޅަށް ލަނޑުޖެހުމަށްފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ

އޭގެ ހަ އަހަރުފަހުން މިހާރު އެ ގައުމު މި ވަނީ ސަރަހައްދީ ފުޓުބޯޅައިގެ ގަދަބާރު ކަމަށްވާ ދިވެހިރާއްޖޭގެ ސީނިއާ ޓީމު ބަލިކޮށްފައެވެ. އެ ގައުމުގެ ދިގު ތާރީހުގައި މިއީ ފުޓުބޯޅަައިން މިހާތަނަށް އެ ގައުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ގައުމުގެ މީޑިއާއިން ފާހަގަކުރެއެވެ. މުޅި ނޭޕާލަށްވެސް މިއަދަކީ އީދެއްގެ ގޮތުގައި ފާހަގަވިއެވެ. އެ ގައުމުގެ ފުޓުބޯޅައިގެ މައި އިދާރާއިން މިކަމުގެ އުފަލުގައި މިއަދު ވަނީ ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.

ރާއްޖޭގެ ޒުވާން ޓީމުތަކާއި ދެކޮޅަށް ނޭޕާލް ވަނީ މިހާތަނަށް އައި އިރު މޮޅުތަކެއް ހޯދާފައެވެ. އޭރުވެސް ދިވެހި ބައެއް ކޯޗުން ބުނަމުންދިޔައީ ނޭޕާލުގެ ކުރިއެރުންތަކުގެ ވާހަކައެވެ. އެންމެ ފުރަތަމަ ނޭޕާލް ވަނީ 2016 ގައި ބޭއްވި ބަންގްލަދޭޝް ގޯލްޑްކަޕް ގައި 4-1 އިން ރާއްޖެ ބަލިކޮށްފައެވެ. މީގެއިތުރުން 2016 ގައި ނޭޕާލުގައި ބޭއްވި ސައުތް އޭޝިއަން ގޭމްސްގައި ވެސް ނޭޕާލް ވަނީ ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު 4-3 އިން ބަލިކޮށްފައެވެ. އަދި އޭގެ ޖެހިގެން 2019 ގެ ސައުތް އޭޝިއަން ގޭމްސްގައި ނޭޕާލުން ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު ބަލިކުރީ 2-1 އިންނެވެ.

ރާއްޖޭގެ ސީނިއާ ޓީމު ބަލިކުރި ނޭޕާލްގެ ގައުމީ ޓީމު- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ނޭޕާލް ވަނީ އެންމެފަހުން 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޓީމެކެވެ. އެ ޓީމުގެ ހުވަފެންތައް އެފަހަރު ފުނޑުފުނޑުކޮށްލީ ވެސް ރާއްޖެއިންނެވެ. އެފަހަރު ޓީމުގެ ކޯޗިން ސްޓާފުން ތިބީ ރާއްޖެ ބަލިކުރަން ނުހަނު ބޭނުންވެފައެވެ. އެކަމަށް އަޒުމްކަނޑައަޅައިގެން މި ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ޒުވާން ކުޅުންތެރިން ހިމަނައިގެން ވަނީ ސީނިއާ ޓީމު ވަރުގަދަކޮށްފައެވެ. އެ ގައުމުން ދެކޭގޮތުގައި މި ސަރަހައްދުން އެ ގައުމު ކުރިއަރާނީ ރާއްޖެ ބަލިކޮށްގެންނެވެ.

ނޭޕާލް ގައުމީ ޓީމުގެ މިހާރުގެ ކޯޗަކީ ކުވެއިތުގެ އަބްދުﷲ އަލް މުތައިރީއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއާއި ދެކޮޅަށް މިއީ ކުޅުނު ފުރަތަމަ މެޗެވެ. މިއީ ސަރަހައްދީ ޓީމެއް އަތުން އަމިއްލަ ދަނޑުގައި ރާއްޖެ ބަލިވި ދެވަނަ ފަހަރެވެ. 2008 ގެ މުބާރާތުގައި ރާއްޖެ ވަނީ އަމިއްލަ ދަނޑުގައި އިންޑިއާ އަތުން ބަލިވެފައެވެ.

ނޭޕާލްގެ އަރަމުން އަންނަ ބެޗުގެ ކުޅުންތެރިން ހޯދި ކާމިޔާބީތައް

2015- ސާފް 19 އަހަރުންދަށުގެ ޗެމްޕިއަންޝިޕް

2016- ސާފް 19 އަހަރުންދަށުގެ ޗެމްޕިއަންޝިޕް

2016- ބަންގަބަންދު ގޯލްޑް ކަޕްގެ ޗެމްޕިއަން

2016- އޭއެފްސީ ސޮލިޑާރިޓީ ކަޕް

2016- ސައުތް އޭޝިއަން ގޭމްސް ރަން މެޑަލް (23 އަހަރުންދަށުގެ ޓީމު)

2017- ސާފް 19 އަހަރުންދަށުގެ ޗެމްޕިއަންޝިޕް

2019- ސައުތް އޭޝިއަން ގޭމްސް ރަން މެޑަލް (23 އަހަރުންދަށުގެ ޓީމު)

މީގެއިތުރުން ނޭޕާލުން އިސްނަގައިގެން ކިރްގިސްތާނުގެ 23 އަހަރުންދަށުގެ ޓީމާއި ބަންގްލަދޭޝް ގައުމީ ޓީމާއެކު ބޭއްވި ތްރީ ނޭޝަންސް ކަޕުވެސް ނޭޕާލް ވަނީ ކާމިޔާބުކޮށްފައެވެ.

ނޭޕާލުގެ އަމާޒަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އަދި މާޒީތައް ހަނދާން ނައްތާލުމެވެ. އެ ގައުމުގެ ތާރީހުގައި މިހާތަނަށް ސަރަހައްދީ މުބާރާތެއްގެ ތަށި ނުލިބި އޮތް ތާރީހު ބަދަލުކޮށްލުމަށެވެ. ނޭޕާލު ޓީމުގައި މި ކާމިޔާބީ ހޯދިދާނެ ފެންވަރު އޮތް ޓީމެއް ބިނާކުރަން ކުރި ބުރަ މަސައްކަތުގައި މިވަނީ ކުލަޖެހެން ފަށާފައެވެ. ރާއްޖެއިން ވެސް ޒުވާން ޓީމުތަކަށް ހާއްސަ ސަމާލުތަކެއް ދޭންވީއެވެ. އެއީ މުސްތަގްބަލުގައި މި ސަރަހައްދުގެ ރަސްކަން ކުރަން ބޭނުންނަމަ ކުރަން ޖެހިފައި އޮތް މުހިއްމު ކަމެކެވެ.

ދިވެހިރާއްޖެ އަދި ނޭޕާލް އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 1984 ވަނަ އަހަރު ސައުތް އޭޝިއަން ފެޑެރޭޝަން ގޭމްސްގަައެވެ. އެފަހަރު ނޭޕާލް މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއާއި ނޭޕާލް އެންމެ ފަހުން ބައްދަލުކުރީ 2018 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން ވަނީ 8 ފަހަރު ނޭޕާލް އަތުން މޮޅުވެފައެވެ. ނޭޕާލަށް މޮޅުވެވުނީ 4 ފަހަރެވެ. އެއްވަރުވީ ވެސް ހަތަރު ފަހަރެވެ. ނޭޕާލް އަތުން ރާއްޖެ އެންމެ ފަރަގުބޮޑުކޮށް މޮޅުވެފައިވަނީ ރާއްޖެއާއި ލަންކާ ގުޅިގެން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ރާއްޖެ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

ނޭޕާލަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ. މުބާރާތުގައި ނޭޕާލް އެންމެ ދުރަށް ދެވުނީވެސް ސެމީފައިނަލާއި ހަމައަށެވެ. އަދި މިހާތަނަށް ފައިނަލާއި ހަަމައަށް އެ ގައުމަށް ވާސިލެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮސް

    ތިހެން ފޮނިކަނޑަން ތިއްބާ މިވަގުތު ސަރަހައްދުގެ އެންމެ ފޯމް ރަނގަޅުކޮށް އޮތް ނޭޕާލް ތަށިގެންދާތަން ފެންނާނެ. ޢަހަރުމެން ހުރިހާ ދިވެހިންވެސް ބޭނުންވާނީ ރާއްޖެއަށް ތަށިލިބުން. އެކަމަކު މުބާރާތް ކާމިޔާބު ކުރެވޭނެ ވަރުގެ ފޯމެއްގައި ރާއްޖޭގެ ޓީމް ނެތްކަން ނޭޕާލާއި އެކު ކުޅުނު މެޗުން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ. ރާއްޖޭގެ ފުޓްބޯލް އިދާރާއިން އެބަޖެހޭ ފުޓްބޯޅައަށްކުރާ ހޭދަ ބޭނުންތެރި ދުރު މުސްތަގުބަލަށް ފައިދާވާ ގޮތަށްކުރަން. ރާއްޖޭގެ މިވަގުތުހުރި ޢެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާކަމަށް އަޅިގަނޑު ހިމެނޭހެން ހުރިހާ ދިވެހިން ގަބޫލުކުރާ އަޝްފާގުގެވެސް ފެނުނީ ފެންވަރުދަށް ކުޅުމެއް. ޢަސްލު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މުޅި ރާއްޖެއިން ޒުވާން ކުޅުންތެރިންހޯދާ ތަމްރީނުކޮށް ދުރަށް ވިސްނައިގެން ތައްޔާރުކުރަން އެބަޖެހޭ. ނަމޫނާއަކަށް ނޭޕާލް ބެލިއަސް ރަނގަޅުވާނެ.