މާވަށުގެ ފިރިހެން ޒުވާނުންނަށް ޚާއްޞަކޮށްގެން އެ ރަށުގެ ކައުންސިލާއި ގޭމްސް އެސޯސިއޭޝަން އޮފު މާވަށް (ގެމް) އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ފުޓުސަލް މުބާރާތެއް އިޢުލާންކޮށްފިއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 17 އޮކްޓޯބަރ 2021 ގައެވެ. މި މުބާރާތް ހޯސްޓުކޮށް ހިންގާނީ މާވަށުގައި ކާމިޔާބު އެތަކެއް މުބާރާތެއް ބާއްވާ އަދި ހިންގާފައިވާ ގޭމްސް އެސޯސިއޭޝަން އޮފު މާވަށް (ގެމް) އާއެކު މާވަށު ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާއިންނެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހަމައެކަނި މާވަށުގެ ޓީމުތަކަށް އޮތް ނަމަވެސް ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ލިބެއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން މުބާރާތް ހޯސްޓުކުރާ ގޭމްސް އެސޯސިއޭޝަން އޮފް މާވަށް (ގެމް) ގެ ރައީސް އިބްރާހިމް ނަޒްމީ ވިދާޅުވީ މި މުބާރާތް ގެމްސް އިން ހޯސްޓުކުރަން ނިންމީ މާވަށު ޒުވާނުންނަށް މި ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެވޭނެ ޖަމްއިއްޔާއަކީ މި ޖަމްއިއްޔާ ކަމަށް ޔަގީންކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގެމް ގެ އަންނަ އަހަރު ބާއްވަން ރާވާ ގެމް ފުޓްސަލް ޗެލެންޖް 2022 އަށް ވާމްއަޕް މުބާރާތަކަށް މި މުބާރާތް ހެދުން،" ގެމް ގެ ރައީސް ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 05 އޮކްޓޫބަރ 2021 ވަނަ ދުވަހުގެ ރޭ 10:00 އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާއަށް ވުރެ ބޮޑު ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

މާވަށު ކައުންސިލަކީ ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ރާވަމުން ކުރިއަށްދާ ކައުންސިލެކެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައިވެސް ކުޅިވަރަށާއި އިޖުތިމާއީ ތަރައްޤީއަށް ޕްރޮގްރާމުތައް ހިންގާފައިވެއެވެ. މިއަހަރުވެސް އަގު ބޮޑު ވޮލީ މުބާރާތެއް ބޭއްވުމަށް ކައުންސިލް ދަނީ ރާވަމުންނެވެ.