އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ލީޑުގައި ވަނިކޮށް އެވަަޓަން އިން އެއްވަރުކުރި ލަނޑު ޖެހުމަށްފަހު އެވަޓަންގެ އެންޑްރޯސް ޓައުންސެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލް ސެލެބްރޭޝަން ކޮޕީކޮށް ރޮނާލްޑޯއާއި މައްލަވަކޮށްފި އެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެވަޓަންއާއި އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑާއި އެވަޓަން ވެސް އޮތީ ދާދި އެއް ހަމައެއްގައެވެ. ދެ ޓީމުވެސް ހަތް މެޗު ކުޅެ ލިބިފައިވަނީ 14 ޕޮއިންޓެވެ. ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ދެވަނައިގައި ޔުނައިޓެޑު އޮތްއިރު ތިންވަނައިގައި އޮތީ އެވަޓަން އެވެ.

މި މެޗު ޔުނައިޓެޑުން ފެށީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޭޑަން ސަންޗޯ ބެންޗުގައި ބަހައްޓައިންނެވެ. ފޯވާޑް ލައިނުގެ ދައުރު އަދާކުރަން ދިނީ އެންތަނީ މާޝިއަލް އާއި އެޑިސަން ކަވާނީ އެވެ. މާޝިއަލް އަކީ މި މެޗުގައި ޔުނައިޓެޑަށް ލަނޑުޖަހައިދިން ކުޅުންތެރިޔާ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް މާޝިއަލް މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުނީ ޔުނައިޓެޑު ލީޑުގައި އޮވެގެންނެވެ.

ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި މާޝިއާލް އާއި ކަވާނީގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސަންޗޯ ކުޅެން އެރިއެވެ. ނަމަވެސް ކަން ދިމާވީ ވަރަށް ބަދުނަސީބުކޮށެވެ. މި ދެ ކުޅުންތެރިން ކުޅެން އެރިތާ ނުވަ މިނެޓުފަހުން އެވަޓަން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

އަބްދުﷲ ޑޮކޯރޭ ގެ އެހީއާއެކު މި ލަނޑު އެވަޓަންއަށް ކާމިޔާބުކޮށްދިނީ އެންޑްރޯސް ޓައުންސެންޑް އެވެ. އޭނާ ވަނީ މި ލަނޑު ޖެހުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ސެލެބްރޭޝަން ކޮޕީކޮށްފައެވެ. އެވަގުތު ދަނޑުގައި ތިބި ޔުނައިޓެޑުގެ ސަޕޯޓަރުން ތިބީ ރަތުގައެވެ. އެހާވެސް ސަޕޯޓަރުން ރުޅިގަދަވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެއީ މައްލަވަކުރިކަމަކަށް ނުވެ ހިނގާދާނެ! ކުޅުންތެރިން ލަނޑުޖަހާފައި ސަޕޯޓަރުންނާ ދިމާލަށްވެސް ފާޑުފާޑުގެ އިޝާރާތްކުރޭ! ތި ސެލެބްރޭޝަންއަކީ ހަމައެކަނި ރޮނާލްޑޯ ކުރާ އެއްޗެއްކަމަށް ޤާނޫނެއް ފާސްކުރިއްޔާ ތި މައްސަލައެއް ނުޖެހޭނެ!

    4
    3
  2. އާދަމް

    ދެން ކޮބާ މައްސަލަ އަކީ
    ތިކަހަލަ ބޭކާރު ނޫސް ނުލިޔަބަ

    1
    3