އަންނަ ހޫނުމޫސުމުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމާފައިވާ ކަން އެ ކުލަބަށް ކުޅެމުން އަންނަ ފްރާންސްގެ އުއްމީދީ ތަރި ކީލިއަން އެމްބާޕޭ ހާމަކޮށްފިއެވެ.

އެމްބާޕޭ ގަތުމަށް ޕީއެސްޖީއަށް އެތަކެއް ފަަހަރުމަތިން ސްޕެއިންގެ ރެއާލް މެޑްރިޑުން ބިޑުކުރިއެވެ. އަންނަ އަހަރުގެ ޖޫންގައި ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އިތުރު އެއްބަސްވުމެއްގައި އެމްބާޕޭ އަދި މިހާތަނަށް ސޮއިނުކުރެއެވެ. ނަމަވެސް ޕީއެސްޖީން ދަނީ އެމްބާޕޭގެ އެއްބަސްވުން ދިގުދަންމާލަން ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ރެއާލް މެޑްރިޑުން އެންމެ ފުރަތަމަ އެމްބާޕޭ އަށް ބިޑުކުރީ 188 މިިލިއަން ޑޮލަރު (160 މިލިއަން) ޔޫރޯ އެވެ. ދެން ކޮށްފައިވަނީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ބިޑެކެެވެ. މި ދެ ބިޑަށްވެސް ޕީއެސްޖީން ވަނީ ދެކޮޅުހަދާފައެވެ. އެއީ އެމްބާޕޭ އަކީ ޕީއެސްޖީގެ ޕްލޭންތަކުގައި ހިމެނޭ މުހިއްމު ކުޅުންތެރިއަކަށް ވާތީއެވެ.

އަންނަ އަހަރު އެމްބާޕޭގެ އެއްބަސްވުން ހަމަވުމުން އޭނާ ބޭނުން ޓީމަކަށް ހިލޭ ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެއާއެކު ބެލެވޭގޮތުގައި އޭނާ ދިޔުން ގާތީ ރެއާލް ނުވަތަ މެންޗެސްޓަރ ސިޓީއާއެވެ. ސިޓީގެ ވެރިޔާވެސް ވަނީ އެމްބާޕޭއަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ.

"އަހަރެންގެ ނިންމުން ވަރަށް ސާފު، ޕީއެސްޖީއަކީ އަހަރެންގެ ކެރިއަރަށް ވަރަށް އެހީތެރިވި ބައެއް، ދެން ބޭނުމީ ކުލަބު ދޫކޮށް "ކޮލިޓީ" ބަޔަކާއެކު މަސައްކަތްކުރަން" އެމްބާޕޭ ބުންޏެވެ.

ފްރާންސްއަށް ވޯލްޑްކަޕް ހޯދައިދިން ސްކޮޑުގައިވެސް ހިމެނުނު އެމްބާޕޭ ވަނީ ޕީއެސްޖީއަށް ކުޅެދިން 182 މެޗުން 136 ލަނޑު ޖަހައިދީފަައެވެ. ފްރާންސްގެ މޮނާކޯ ދޫކޮށް އޭނާ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުގައެވެ.