ބެލްޖިއަމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެނެވެ. ގުރޫޕްގެ ފަހު މެޗުގައި ބެލްޖިއަމް ކުރި ހޯދީ އިންގްލެންޑްގެ މައްޗަށެވެ. ދެވަނަ ބުރަށް ކުރިމަތިލާއިރު، ބެލްޖިއަމް ޓީމުގެ "ކޮންފިޑެންސް" ވަނީ އިތުރުވެފަ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ބެލްޖިއަމްގެ ޓީމު އޮތީ ދެވަނަ ބުރަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެެވެ.
"އަހަރެމެން ބަލިނުވެ ވަރަށް ގިނަ މެޗު ކުޅެެފިން. އެހެންވީމަ ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވަނީ. ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" މާޓިނޭޒް ބުންޏެެވެ.

މާޓިނޭޒް ބުނީ ބެލްޖިއަމްގެ މުހިންމު ފޯވަޑް ރޮމެއޫ ލުކާކޫ މިހާރު މުޅިން ފިޓުވެފައިވާ ކަމަށެވެ. އަނިޔާގެ ސަބަބުން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލުކާކޫ ނުކުޅެ އެވެ.

ޖަޕާން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުުކުރީ "ފެއާ ޕްލޭ" ގަވައިދުގެ ދަށުންނެވެ. ސެނެގާލް އާއި ޖަޕާން ޕޮއިންޓްގެ ގޮތުންނާއި ލަނޑުގެ ގޮތުން އެއްވަރުވުމުން، ދެވަނަ ބުރަށް ޖަޕާން ދަތުރުކުރީ މެޗުތަކުގައި ދައްކާފައިވާ ކާޑުގެ އަދަދު މަދުވުމުންނެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ޖަޕާން ވެސް ފެނިފައިވަނީ ރަނގަޅު ޓީމެއްގެ ގޮތުގަ އެވެ. އަދި މިހާރު ވޯލްޑް ކަޕްގައި އޮތް އޭޝިއާގެ ހަމައެކަނި ޤައުމަށްވުމުން، ޖަޕާން އިން ކުއާޓާ ފައިނަަަލަށް ދަތުރުކުރުމަށް އިތުރު މަސައްކަތެއް ކުރާނެ އެވެ.

މި މެޗަށް ނުކުންނައިރު، ޖަޕާންގެ ފޯވަޑް ސިންޖީ އޮކަޒާކީގެ ފިޓްނަސްއާމެދު ވަނީ ސުވާލުު އުފެދިފަ އެވެ.

ބެލްޖިއަމް:

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބެލްޖިއަމް މިހާތަނަށް ޖާގަ ހޯދާފައިވަނީ ދެ ފަހަރު.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބެލްޖިއަމް އިން ނުވަ ލަނޑު ޖެހި. މިއީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމު.

ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި ބެލްޖިއަމް މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން އެ ޓީމު ވަނީ ބަލިވެފަ.

ޖަޕާން:

ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގެ މެޗަކުން ޖަޕާން އަދި މޮޅެއް ނުވޭ.

ޔޫރަޕްގެ ޤައުމުތަކާ ދެކޮޅަށް ޖަޕާން ވޯލްޑް ކަޕްގައި ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުން.

އެނގޭތަ؟

މި އަަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ތިން ޓީމުގެ ތެރޭގައި ބެލްޖިއަމް ހިމެނެ އެވެ.