0-2 އިން މެކްސިކޯ ބަލިކުރުމަށްފަހު، ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ބްރެޒިލް އިން ވަނީ މެކްސިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ނޭމާ ފޮނުވާލި ހަމަލާއެއް މެކްސިކޯގެ ކީޕަރު އުޖޯއާ ދިފާއުކުރިއިރު ކުޓީނިއޯ އާއި ގެބްރިއަލް ޖީސެސް ފޮނުވާލި ހަމަލާތައް ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ވެސް ކުޓީނިއޯ ވަނީ މެކްސިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާގެ ހުރަހަކަށް ވެސް ވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މެކްސިކޯގެ ކީޕަރެވެ.

ބްރެޒިލްގެ ފުރަތަމަ ގޯލު ނޭމާ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ބްރެޒިލް އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ވިލިއަން ހުރަސްކޮށްލި ބޯޅަ އަކުން މި ގޯލު ބްރެޒިލް އަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ ނޭމާ މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ގޯލެވެ.

މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއްފަހުން ވިލިއަން އާއި ޕައުލީނިއޯ އަށް ލީޑު ފުޅާކޮށްލަން ފުރުސަތުތަކެއް ލިބުނުއިރު އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވެސް މެކްސިކޯގެ ކީޕަރު އުޖޯއާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މެޗުގައި މެކްސިކޯ އިން ބްރެޒިލްގެ ގޯލަށް އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ މެޗުގެ 62 ވަނަ މިނެޓްގައެވެ. ނަމަވެސް ބްރެޒިލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކާލޯސް ވެލާ ފޮނުވާލި ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ބްރެޒިލް އިން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭ ނޭމާ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ރޮބާޓޯ ފަމީނޯއެވެ.

ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފަމީނޯ - ފޮޓޯ: އޭއެފްޕީ

މިއީ ބްރެޒިލް މުބާރާތުގެ ކުއާޓާ އަށް ޖެހިޖެހިގެން ދަތުރުކުރި ހަތްވަނަ ފަހަރު ކަމަށްވާއިރު އެޓީމު ކުއާޓާ އަށް ނުގޮސް އެންމެފަހުން މުބާރާތުން ކެޓީ 1990 ވަނަ އަހަރުއެވެ. އަނެއްކޮޅުން މިއީ މުބާރާތުގެ ދެވަނަ ބުރުން މެކްސިކޯ ޖެހިޖެހިގެން ކެޓި ހަތްވަނަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ކުއާޓާގައި ބްރެޒިލް ބައްދަލުކުރާނީ މިރޭ ބެލްޖިއަމް އާއި ޖަޕާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.