ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖްގައި ގަލޮޅު ދަނޑު ސަރަހައްދުގައި އުޅުނު ބަންގްލަދޭޝްގެ ރިޕޯޓަރެއްގެ މަސައްކަތަށް ހުރަސް އަޅައި އެފްއޭއެމްގެ އޮފިޝަލަކު އުޅުނު ގޮތުން އެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މާފަށް އެދިވަޑައިގެންފިއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗަށް ޓިކެޓު ވިއްކަމުން ދިޔަ ވަގުތު ދަނޑު ކައިރީ އުޅުނު ރިޕޯޓަރެއް ކައިރިއަށް އެފްއޭއެމްގެ އެ އޮފިޝަލް ގޮސް އެ ރިޕޯޓަރުގެ ކާޑާއި މައިކު އަތުލައި އޭނާ ދުރަށް ޖައްސަން އުޅެއެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕްތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މީގެ އެއް ވީޑިއޯއާއެކު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެސޯސިއޭޝަންގެ އޮފިޝަލްގެ ފަރާތުން ފެނިގެން ދިޔައީ އެއް ގޮތަކަށް ވެސް ފެނިގެން ނުވާނެ އަދި ގަބޫލު ނުކުރާ ކަމެއް ކަމަށެވެ. މި މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"އެފްއޭއެމްގެ ފަރާތުން މި ކަމަށް މާފަށް އެދެން،" ބައްސާމް ލިޔުއްވާފައިވެއެވެ.

ގަލޮޅު ދަނޑަށް ވަންނަން ވެސް ބަންގްލަދޭޝް ސަޕޯޓަރުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޚާއްސަ 200 ޓިކެޓު ވިއްކި މީހުނަށް އޮލިމްޕަސް ފަޅި ގޭޓުން އެކަނި ވަދެވޭ ގޮތަށް ހަދައި، ވޯކް ވިސާއާއި ޕާމިޓް ދައްކައިގެން ނޫނީ ނުވަދެވޭ ގޮތަށް ނިންމައިފައެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާ މި މެޗަށް ކަނޑައަޅާފައިވާ 5000 ޓިކެޓު ޖުމްލަ ހަ ގަޑިއިރުގެ ތެރޭގައި ވަނީ ވިކި ހުސްވެފައެވެ.

ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އެއް ގައުމަކަށް ނިސްބަތްވާ އެންމެ ގިނަ ބަޔަކީ ބަންގްލަދޭޝް މީހުނެވެ. ވިސާ ފަދަ ލިޔެކިއުންތައް ނުލައި، އޮޅުވާލައިގެން އިންސާނީ ވަގުފާރީގެ ގޮތުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ވެސް މި ރާއްޖެއަށް އެތެރެވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި، މާދަމާ ރޭގެ އެ މެޗަށް ވަންނަން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ބޭނުންވެ، ރާއްޖޭގެ ސަޕޯޓަރުންނަށް ޚާއްސަ ޓިކެޓުތައް ދިވެހިން ގަތުމަށް ފަހު ގެންދަނީ ބޮޑެތި އަގުތަކުގައި ބަންގްލަދޭޝް މީހުނަށް ވިއްކަމުންނެވެ.

އެފްއޭއެމުން ވަނީ ދިވެހިންނަށް ހާއްސަކޮށްފައިވާ ޓިކެޓުތަކުން ބިދޭސީންނަށް މެޗުބަލަން ނުވަދެވޭނެ ކަމަށް ބުނެފައެވެ. އަދި ބިދޭސީންނަށް ދަނޑަށް ވަދެވޭނީ ވޯކް ވިސާ ނުވަތަ ވޯކް ޕާމިޓު ދައްކައިގެން ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ. އަދި ބަންގްލަދޭޝް ބައްދަލު ކުރާ ތިންވަނަ މެޗެވެ.

ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ. ބަންގްލަދޭޝް ފުރަތަމަ ކުޅުނު މެޗު ލަންކާ އަތުން 0-1 އިން މޮޅުވިއިރު، ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއިން އެއްވަރުކޮށްފައެވެ. ބަންގްލަދޭޝް އޮތީ ވެސް ތާވަލުގެ ދެވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސާމީ

    މާސްކު ކޮބާ؟

    3
    1
  2. ރަދީފު އަމާ

    ރަދީފޫ ލަންކާ އަތުން 1 ލަނޑުން މޮޅުވުމަކީ އަދި ދުނިޔޭގެ އެންމެ މޮޅު ޓީމަށް ވެގެން ފޮނިކަޑަން ވީ ސަބަބެއް ނޫން. އެއީ ކޮންފިޑެންސް ރަނގަޅު ވުމެއްވެސް ނޫން. އެއީ އޯވަރ ކޮންފިޑެންސް ވުން. ރާއްޖެ ނޭޕާލް އަތުން ބަލި ވުމަކީ އަދި މިދައްކާ ވާހަކަޔާ ރިލެވެންޓް ކަމެއްވެސް ނޫން. ހަޖަމޭ، ދިވެހިންނޭ ކިޔަސް މޮޔަ ވާހަކަ ވާނީ މޮޔަ ވާހަކައަށް.

    2
    1
  3. ޖާމުނަގަރު

    ދަަނޑު ބޭރުގައި ވެސް ވަކި ފޯރިއެއް ކުޑަނުވާނެ // ވަރަށް ހީވޭ // ދިވެހިގައުމީ ޓީމު މޮލުވާނެ / އިންޝާﷲ //

    4
    3
  4. މޯދި

    އެފް އޭއެމް ވަރައްވެސް ބޭއިންސާފު 5000 ޓިކެޓުގެ ތެރެއިން 200ޓިކެޓު ބަންގާޅު ޓީމައްދިނުން، މަދުވެގެން 500 ޓިކެޓުދިންނަމަ ކިހާރަގަޅުވީސް އަދި ދަޑައްވައްނަމް ވޯކު ޕާމިޓު އޮއްތޯބެލުމަކީ ވަރައްނާތަހުޒީބު ފިޑި އަމަލެކެވެ. މިސާލަކައް މާދަމާ ބަންގާޅުގައި މުބާރާތެއް އޮވެ ދިވެހިޓީމެއް ކުޅެންޖެހި ކުޅިބަލަން ދާ ދިވެހިންނަށް މިފަދަ ދަތިތަކެއް ބަންގާޅުން ކުރުވާއިފި ނަމަޔޯ!

    6
    3
  5. ސަނީ

    އަދިވެސް ބެހޭ ތާކުން ބޮންދެން ފެންނައިރަށް

    5
    1
  6. ޖުއްބާ

    އެފްއޭއެމް ބަންގްލާދޭޝް މީހުނާ ދެކޮޅައް ގެންގުޅޭ ނަސްލީ އިމްތިޔާޒުވަނީ ހައްދުންނެއްޓިފަ.

    8
    2
  7. ގައުމު

    ވަރަށް ހީވޭ މެޗް އޮންނަ ގަޑީގައި ދަނޑުން ނޫނީ ދަނޑު ބޭރުުން ވަރަށް ފޯރި އަރުވާލާނެހެން .. މަވާ ސަލާން .. ގާތްވެސް ނުވާނަން . މި ހުރިހާ ދުވަހު ގައުމީ ޓީމް މެޗް ދުވަސްތަކުގައި ދަނޑަށް ވަދެ ބޮލުގައި ރިއްސަންދެން ހަޅޭލެވިޔަސް ދިވެހިޓީމަށް ވާކަމެއް ނެތް .. ސަޕޯޓުން ފޯރި އާދެޔޭ ބުނެ .. އެކަމު ދިވެހި ޓީމު މިހާރު އެފޯރިޔަށް ހޭނިއްޖެ.