ބޮރާޝިޔާ ޑޯޓްމަންޑްގެ ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްޓަތޮޕޮލޮސް އާސެނަލް އާއި ގުޅިއްޖެއެވެ. އޭނާ އާސެނަލް އާއި ގުޅުމާއި އެކު ބުނެފައި ވަނީ އާސެނަލް އަކީ ޕްރެމިއާ ލީގުގެ އެންމެ ވަރުގަދަ 3 ޓީމުގެ ތެރެއިން ޓީމެއް ކަމަށެވެ.

ގްރީސް ގައުމީ ޓީމަށް ކުޅެމުން އަންނަ އުމުރުން 30 އަހަރުގެ ޕަޕަސްޓަތޮޕޮލޮސް އާސެނަލް އާއި ގުޅިފައި ވަނީ ކިހާ ވަރެއްގެ ޓްރާންސްފާ ފީ އެއް ކަން އެނގިފައި ނުވާއިރު އާސެނަލް އިން ބުނެފައި ވަނީ އޭނާ ބަދަލުވީ ދިގު މުއްދަތަކަށް ކަމަށެވެ. ޑޯޓްމަންޑަށް 186 މެޗު ކުޅެދިނުމުގެ ކުރިން ޕަޕަސްޓަތޮޕޮލޮސް ވަނީ ވާޑާ ބްރެމެން، ޖެނޯއާ އަދި އޭސީ މިލާން އަށް ވެސް ކުޅެފައެވެ.

" އަހަރެން ވަރަށް ހިތްހަމަ ޖެހޭ، ހުރިހާ ކަމެއް ވެސް ވަރަށް ތަފާތު" އާސެނަލް އާއި ގުޅުމަށް ފަހު ޕަޕަސްޓަތޮޕޮލޮސް ބުންޏެވެ. "މިއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް، ކުރިޔަށް އޮތް އަހަރު ތަކުގައި އާސެނަލް އަށް ކުޅުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވޭ، އަދި މީގެ އިތުރުން އާސެނަލް އަކީ ޕްރެމިއާ ލީގުގެ އެންމެ ވަރުގަދަ 3 ޓީމުގެ ތެރެއިން 1 ޓީމު" ޕަޕަސްޓަތޮޕޮލޮސް އާސެނަލްގެ ވެބްސައިޓަށް މައުލޫމާތު ދެމުން ބުންޏެވެ.

ޕަޕަސްޓަތޮޕޮލޮސް މިހާތަނަށް ގްރީސް އަށް 79 މެޗު ކުޅެދީފައި ވާއިރު އާސެނަލް ގައި އޭނާ ކުޅޭނީ ފަސް ނަމްބަރު ޖާޒީ ގައި ކަން އާސެނަލް އިން ވަނީ ޔަގީން ކޮށްދީފައެވެ. މިއީ އުނޭ އެމެރީ އާސެނަލްގެ ކޯޗު ކަމާއި ހަވާލު ވުމަށް ފަހު ގެނައި 3 ވަނަ ކުޅުންތެރިޔާ ކަމަށް ވާއިރު އޭނާ ވަނީ ޕަޕަސްޓަތޮޕޮލޮސްގެ އިތުރުން ސްޓެފަން ލިޗްސްޓެއިނާ އަދި ބަޔާ ލެވަކޫސެންގެ ކީޕަރު ބާރންޑް ލެނޯ ވެސް ވަނީ އާސެނަލް އާއި ގުޅުމަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު