ބަންގްލަދޭޝްގެ ފުޓުބޯޅައަކީ މި ސަރަހައްދުގައި ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ބައެކެވެ. އެ ގައުމުގެ ލީގަށް ބަލާއިރުވެސް ބޮޑެތި ވިޔަފާރިވެރިންތަކެއް ވަނީ އެ ގައުމުގެ ފުޓުބޯޅަ އަލުން ކޮޅަށް ޖަހަން އަތުކުރި އޮޅާލާފަައެވެ. އެއާއެކު އެ ގައުމުގެ ލީގު ފޯރިގަދަވެ އަލަށް އުފެދެމުން އަންނަ ކުޅުންތެރިންގެ އަދަދު ދަނީ މައްޗަށެޗެ. އެކަޑަމީތަކަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރަން ފަށައިފިއެވެ. ބޭރުން ފެންވަރު ރަނގަޅު ކޯޗުން ލީގަށް ގެންނަން ފަށައިފިއެވެ. ފެންވަރު ރަނގަޅު ކުޅުންތެރިން ގެންނަން ފަށައިފިއެވެ.

މިއީ އަދި ލީގުގެ ވާހަކައެވެ. ރާއްޖޭގެ ނިއުރޭޑިއަަންޓް ސްޕޯޓްސް ކުލަބު ދޫކޮށް ބޮޑު އަގުގައި އެ ގައުމުގެ ބަޝުންދުރަ ކިންގްސްގެ ކޯޗުކަމަށް އޮސްކާ ބްރުޒޮން ދިޔައީ ގިނަ ޕްލޭންތަކާއެކު އެވެ. ދެން ފެނިގެންދިޔައީ ކުޑަ މުއްދަތެއްގެ ތެރޭގައި ބަޝުންދުރަ ކިންގްސް ބަންގްލަދޭޝް ފުޓުބޯޅައިގެ ވަރުގަދަ ބާރަކަށް ވެގެންދިޔަ ތަނެވެ. ލީގުގައި އެ ޓީމު ބަލިކުރެވުނު އެއްވެސް ޓީމެއް ނެތެވެ.

ދެން އޮތީ ބަންގްލަދޭޝް ގައުމީ ޓީމުގެ ވާހަކައެވެ. އެ ގައުމުގެ ގައުމީ ކޯޗުކަން 2018 ވަނަ އަހަރު ހަވާލުކުރީ އިނގިރޭސިވިލާތުގެ ޖޭމީ ޑޭ އާއެވެ. އޭނާގެ ދުރުރާސްތާ ޕްރޮގްރާމްތަކުގެ ތެރޭގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހިމެނުނެވެ. އެ މަސައްކަތުގައި އުޅެނިކޮށް އެންމެ ފަހުވަގުތު ބަންގްލަަދޭޝް ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެ މަގާމަށް ވަގުތީ ގޮތުން ބަޝުންދުރަ ކިންގްސްގެ އޮސްކާ ބްރުޒޮން ގެންނަން ނިންމާފައެވެ. އެއީ ދެ މަސްދުވަހުގެ ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ.

ބަންގްލަދޭޝް ގައުމީ ޓީމުގައި ގިނައިން ތިބީ އޮސްކާ ބްރުޒޮން އާއެކު ބަޝުންދުރަ ކިންގްސްގައި ކުޅުނު ކުޅުންތެރިންނެވެ. މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދިތާ މާ ގިނަދުވަސްތަކެއް ނުވެ ދެން ކުރިމަތިލީ އޭއެފްސީ ކަޕުގައެވެ. ރާއްޖޭގައި ކުޅުނު އޭއެފްސީ ކަޕުގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެއަށްފަހު ދެން އޮތީ ސާފް ޗެމްޕިއަންޝިޕެވެ. އެ ގައުމުގެ ގައުމީ ޓީމަށް ބަޝުންދުރަ ކިންގްސްގެ ގިނަ ކުޅުންތެރިން ހިމެނުނީ ވެސް މި ސަބަބުތަކާއި ހުރެއެވެ. ރާއްޖޭގެ މާހައުލަށް އެމީހުން ހޭނިފައިވުމުންނެވެ. އޮސްކާގެ ކޯޗުކަމާއި އެކު ތަފާތު ނެރެވިދާނެކަން އެ ގައުމުގެ ފެޑެރޭޝަނަށް ގަބޫލު ކުރެވުމުންނެވެ.

އޮސްކާގެ ޕްލޭންތަަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ

ބަންގާޅު ކޯޗު އޮސްކާ ބްރުޒޯން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާއިރު މި މެޗުގައި ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން އަކީ ސަމާލުކަން ދޭންޖެހޭ ކޯޗެކެވެ. އޭނާއަކީ ދިވެހި ފުޓުބޯޅަ ވަރަށް ރަނގަޅަށް ދަސްކޮށްފައި ހުރި މީހެކެވެ. މިހާރު ގައުމީ ޓީމުގައި ތިބި މުހިއްމު އެތަކެއް ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅި ދަންނަ މީހެކެވެ. އެ ކުޅުންތެރިންގެ ބަލިފައި ދަންނަ މީހެކެވެ.

ރާއްޖޭގެ ކޯޗު އަލީ ސުޒެއިން މި މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަގަކުރީ އެ ވާހަކައެވެ. ބަންގްލަދޭޝްގެ ވަރުގަދަކަމެވެ. ރާއްޖޭގެ ލީގުގައި ސުޒެއިން އާއި އޮސްކާ އެތަކެއް މެޗުތަކެއް ކުޅެފިއެވެ. ދެ ކޯޗުންގެ ވިސްނުން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އޮސްކާ ބުނާގޮތުން ސުޒެއިން އަށް އޭނާގެ ކުޅުމުގެ ވައްޓަފާޅި އެނގޭނެއެވެ. ހަމައެގޮތަށް އޮސްކާއަށް ވެސް ސުޒެއިންގެ އުކުޅުތައް އެނގެއެވެ.

ދެން އޮތީ ކުޅުންތެރިންގެ ވާހަކައެވެ. އޮސްކާ އާއެކު ނިއުރޭޑިއަންޓްގައި އޭރު ކުޅުނު ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އުމެއިރު، އަދި ކެޕްޓަން އަކްރަމް އަބްދުލްޢަނީ ފަދަ ކުޅުންތެރިންނަކީ އޮސްކާ އާއެކު މަސައްކަތްތަކެއް ކޮށްފައިވާ ކުޅުންތެރިންތަކެކެވެ.

އެކަން މެޗުގެކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އޮސްކާވެސް ވަނީ ފާހަގަކޮށްފައެވެ. މި ކުޅުންތެރިންގެ ބަލިފައި ތައް އޮސްކާ ވަރަށް ރަނގަޅަށް ދަންނާނެއެވެ. އަދި ކޯޗު ސުޒެއިންގެ ކުޅުމުގެ ވައްޓަފާޅިތައް ވެސް އޮސްކާ ވަރަށް ރަނގަޅަށް ދަންނާނެ އެވެ.

އޮސްކާ ބުނާގޮތުން ރާއްޖޭގެ ބަލިފަޔަކީ ޑިފެންސްލައިނެވެ. އެންމެފަހުން އޭއެފްސީ ކަޕުގައި މާޒިޔާ އަތުން ބަންގްލަދޭޝް 2-0 އިން މޮޅުވި މެޗަށްފަހު ވެސް އޭނާ ވަނީ ރާއްޖޭގެ ޑިފެންސްލައިން ބަލިކަށި ވާހަކަ ފާހަގަކޮށްފައެވެ. ހަމައެގޮތަށް ގައުމީ ޓީމުގެ ޑިފެންސްލައިން ވެސް ބަލިކަށިކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

ބަންގްލަދޭޝް ކޮންމެހެން ވެސް ބަލިކުރަންޖެހޭ

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ނިމުނީ ހިތްދަތި ނަތީޖާއަކާއެކު އެވެ. ނޭޕާލް އަތުން 1-0 އިން ބަލިވުމަކީ ރާއްޖެ ޓީމަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. މިއީ ނޭޕާލް ފުޓުބޯޅައިގައި ވެސް ބޮޑު ކާމިޔާބީއެކެވެ. ނޭޕާލް ވަނީ މި މުބާރާތުގައި މިހާތަނަށް ދެ މެޗުންވެސް މޮޅުވެފައެވެ.

އިންޑިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖެއިން 2018 ގެ މުބާރާތް ކާމިޔާބުކުރުމަށް ފަހު މިއީ ތަށި ދިފާއުކުރަން ނިކުތް ފަހަރެކެވެ. ޓީމުގެ ކުޅުންތެރިންވެސް ތިބީ އެ އަޒުމުގައެވެ. ނަމަވެސް ނޭޕާލް އަތުން ބަލިވުމުން ރާއްޖެއަށް މި ވަނީ އިތުރު ޕްރެޝަރަކާއި ކުރިމަތިވެފައެވެ. މުބާރާތުގައި ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާ ކޮންމެހެންވެސް ނެރެން އެބަޖެހެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ފަހު ކުޅުނު ދެ މެޗުން މޮޅުވެގެން އެއް ވަނައިގައި ނޭޕާލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ބަންގްލަދޭޝް އެވެ. ތިން ވަނައިގައި އޮތް އިންޑިއާ އަށް އަށް ވަނީ މެޗަކުން ޕޮއިންޓެއް ލިބިފަ އެވެ. ރާއްޖެ ހަތަރެއްގައި އޮތީ އެއް މެޗު ކުޅެގެން ޕޮއިންޓެއް ނުލިބި އެވެ. އަދި އެންމެ ފުލުގައި އޮތް ލަންކާ ކުޅުނު ދެ މެޗުން ވެސް ވީ ބައްޔެވެ.

ލީގު އުސޫލުން ފަސް ޓީމާއެކުާއެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާއިރު މިއީ މޮޅުވާން ކޮންމެހެންވެސް ޖެހޭ މެޗެކެވެ. މި މެޗުން ބަލިވެއްޖެ ނަމަ ރާއްޖެއަށް މި މުބާރާތުގެ ފައިނަލަށް ދާން އަމިއްލަ ބާރު ގެއްލޭނެއެވެ. އޭރުން ޖެހޭނީ އެހެން ޓީމުތަކުން ނެރޭ ނަތީޖާތަކަށް މަޑުކުރާށެވެ. ހަނި ފުރުސަތެއް ލިބޭތޯއެވެ. ނަމަވެސް އަމިއްލަ ބާރާއެކު ރާއްޖެއަށް މި މެޗުން މޮޅުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ.

ތާރީހު ރާއްޖެކޮޅަށް، ބަންގްލަދޭޝް ޓާގެޓަކީ އެކަން ބަދަލުކުރުން

މި މުބާރާތަށް ބަންގްލަދޭޝް ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސްވެސް ވަނީ ރާއްޖެ އައިސްފައެވެ. ބަންގްލަދޭޝްގެ 10 ވަރަކަށް ނޫސްވެރިންވެސް ވަނީ ރާއްޖެ އައިސްފައެވެ. މާލޭގައި ދާދިފަހުން އެ ގައުމުގެ ފެޑެރޭޝަނުން ވަނީ ބަންގާޅުގެ ނޫސްވެރިންނާއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ދިވެހި ފުޓުބޯޅަ މިހާރު އޮތް ހިސާބަށްވުރެ އުހަށް ބަންގްލަދޭޝްއަށް ދެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެކަން ސާބިތުވާނީ ރާއްޖޭގެ މެޗަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.

ނޭޕާލް މެޗުގައި ފެނިގެންދިޔައީ ލިބުނު ކައުންޓަރ އެޓޭކެއްގައި ރާއްޖޭގެ ޑިފެންސްލައިން ފޫއަޅުވާލި ތަނެވެ. ދިވެހި ކުޅުންތެރިންނަށް ކައުންޓާ އެޓޭކުތައް ހުއްޓުވުމުގައި އުނދަގޫތަކެއް ވި ތަނެވެ. އެހެންކަމުން މިއީ އޮސްކާ ބްރުޒޮން ވެސް ބޭނުންވާނެ ގޮތްކަން ޔަގީނެވެ. ރާއްޖޭގެ ޑިފެންސްލައިން ފޫއަޅުވާލުމަށް އޭނާ ޕްލޭންތަކެއް ކުރާނެކަން ޔަގީނެވެ. ރާއްޖޭގެ ފޯވާޑް ލައިނާ މެދު އުފެދޭނެ ސުވާލެއް ނެތެވެ. މުބާރާތުގެ ހުރިހާ ޓީމަކުންވެެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އޮތީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ފޯވާޑް ލައިނެވެ.

ރާއްޖެ ބަލިކުރަން ބަންގްލަދޭޝް އިން އަޒުމް ކަނޑައެޅި ނަމަވެސް ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި ރާއްޖެ ބަލިކުރުމަކީ ބަންގްލަދޭޝް އަށް ވަރަށް އުނދަގޫވާނެ ކަމެކެވެ. ތާރީހުން އެކަމަށް ހެކިދެއެވެ. ދިވެހި ކުޅުންތެރިން ތިބީ މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ފެންބޮވައިގަނެފައެވެ. ހަމަ އެގޮތަށް ދިވެހި ސަޕޯޓަރުންވެސް ތިބީ އެ އަޒުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދުވާފަރު މީހާ

    ޢަބަދުވެސް ޓީމާއެކު، ކާމިޔާބަށް އެދެން

    28
    7
  2. ލުބާ

    މަ ސަޕޯޓް އޮތީ ބަންގާޅަށް. އިންޝާالله ބަންގާޅު ޗެމްޕިއަންކަން ނަގާނެ. ބަންގާޅުންނާއި މެދު ދިވެހިން ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް. އެކަމަށް ހަމްދަރުދީވުމުގެ ގޮތުން ބަންގާޅަށް މެޗް ދޫކޮށްލާ ވަރު ހަމަ.

    33
    37
  3. މުހައްމަދު ބިން މުހައްމަދު

    އަޑޭ މެން އެއީ ޖާމިންވެގެން ޖަލުގަ ތިބެން ޖެހޭމީހުން ، މިމީހުން ޓީމުގަ ތިބުމަކީ ގައުމުގަ އަދުލް އިންސާފު ނެތް ކަމުގެ ސާބިތު ހެކި. ޓީމުގަ ތިބީ ހަގީގަތުގަ ވެސް ޓީމުގަ ތިބެންޖެހޭ ކުޅުން ތެރިންތޯ ސުވާލު އުފެއްދުމުގެ ޖާގަ ވަރަށްބޮޑަށް އެބައޮތް.

    29
    11
  4. ސަފާ

    އިންޝާﷲ ބަންގްލަދޭސް މޮޅުވާނީ،

    22
    22
  5. ރައްޔިތުމީހާ

    ބަންގާޅު މޮޅުވުމަށް އެދެން

    2
    4
  6. އަލީމޫސާ

    ދިވެހިޓީމުގެ ކުޅުން އެހާ ރަގަޅެއްނުން. ބަގަަލާދޭޝް އަސް 2 މޮޅުވެފަ އޮތުމަކީ ދިވެހިން ވަރަށް ހިތްވަރުކުރަންޖެހޭ ކަމެއް. ބަންގަލާދޭޝްގެ ކުޅުމަށް ބަލާފަ ގިނަމީހުން ބުނަނީ އެމީހުން ދިވެހިން ބަލިކުރާނެކަމަށް.

  7. سعدية عبدالله

    ޢިންޝަالله ރާޖެމޮޅުވާނީ

    16
    8
  8. ޓެލެކޮމް

    ސުޒޭން ވަކިކުރޭ...ގަބިލުނޫން ސިޔާސީ ކޯޗެއް.

    16
    3
  9. ސު އްލަމް މިޔާ

    މިރޭ 2 ސުމަކުން ބަންގާޅީން ބަލިވާނީ!

    19
    12
  10. ސުއްލަމް މިޔާ

    މިރޭ 2 ސުމަކުން ބަންގާޅީން ބަލިވާނީ!

    17
    8
  11. 5 ސް ދޯދީޕ

    މިރޭ ރާއްޖެ 1 ސުމަކުން ދާނީ

    7
    3
  12. ސަލަފް

    200% ޔަގީން ބަންގާުޅު މޮޅުވާނެކަން. . ސަބަބަކީ ދިވެހިން ބޯޅަކުޅެކުޅެ ބޯޅަ ދަސްނުވާތީ.

    15
    8
  13. ފޭކް

    ތާރީޙް ބުރަވެފައޮތީ ނޭޕާލް މެޗްގަވެސް ފޮނިބޮޑުވެފަ ތިބީ މީޑިއާތައްވެސް ހީވަނީ އެހެންކަމެއްހެން. ބުރަވެފަ އޮށްވަމެޅުނީ.

    13
    1
  14. ޙހހހ

    ތާރީޙް ބުރަވެފައި އޮއްވާ ނޭޕާލް މެޗުން ތާރީޚް ބަދަލުވީނު

    14
  15. سعدية عبدالله

    އިންޝާﷲ ރާޖެ މޮޅުވާނި

    15
    5
  16. ޑިމޮކްރަޓިސްޓް

    ތާރީހް ބުރަވި ނޭޕާލް މެޗްގަވެސް. އެކަން ވީބާ؟

    14
  17. ޙަދިސައިބު

    ޢިންޑިޔާ ތަށިގެންދިޔަސް އެއީ ހަމަ މިއަދު އަހަރެމެންނޭ!

  18. ސަންގު

    ތިޔާކޯޗްހުރެގެން ރާއްޖެ މޮޅެއްނުވާނެ. މީރޭގެ މެޗް 2 ސުމަކުން ބަންގާޅު މޮޅުވާނީ.

    6
    3
  19. Anonymous

    ވެރިން ރައްޔިތުންނަށް ދޮގުހަދާ މަކަރު ހަދާ އިންސަފެއް ނެތް ތަނެއްގައި ކުރިމަތިލާންޖެހޭނީ ނާކާމިޔާބީއާ. 2 ސުމަކުން ބަންގާޅު މޮޅުވާނީ. މުޖައްރިބު

  20. ބަގުލާ

    ވެރިން ރައްޔިތުންނަށް ދޮގުހަދާ މަކަރު ހަދާ އިންސަފެއް ނެތް ތަނެއްގައި ކުރިމަތިލާންޖެހޭނީ ނާކާމިޔާބީއާ. މިހާރުވެސް ބަންގާޅު މީހުންނަށް ކިހާ އިހާނެތިިކޮއް ކަންތައްކުރަނީ.

  21. ޖަޒުބާތު

    މިރޭ މެޗުން ބަންގާޅު މޮޅުވޭތޯ އަހަރެން ހިތާއި ރޫހުން ދުއާކުރާނަން . ތާރީޚު ބުރަވަނީ ދިވެހިރާއްޖެ މި މުބާރާތް ކާމިޔާބުކޮށްޕިނަމަ މި ސަރުކާރު ދެން އަންނަ ދައުރެއްގައި ނުހޮވި ޕީޕީއެމް ވެރިކަމަށް އަންނާނެކަމަށް. ކުރީ ދެފަހަރުވީވެސް އެހެން. ސާފް ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރު މައުމޫން ގެ ސަރުކާރު ވެއްޓުނީ. 2 ވަނަ ފަހަރު މޮޅުވުމުން ޔާމީން ގެ ސަރުކާރު ވެއްޓުނީ. ވީމާ އެމްޑީޕީ ގެ ކޯލިޝަން ސަރުކާރަށް ތާއީދުކުރާ އެންމެން މިފަހަރު ބަންގާޅަށް ތާއީދު ކުރުން މުހިންމު . މިއީ ގައުމާއި ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި. ފުރަތަމަ ގައުމު. ދެވަނަ އަށް ގައުމީ ޓީމު. މިރޭ މެޗުން ބަންގާޅު 2 ލަނޑު 0 ލަނޑުން މޮޅުވުމަށް އެދެން. މިކޮމެންޓައް ގިނަ ބަޔަކު ޑިސްލައިކް ދޭނެކަންވެސް އެނގޭ. އެކަމަކު ހަގީގަތް ވާނީ ހަގީގަތައް. މާބޮޑަށް ޖަޒުބާތުގައި ނުޖެހި މިކޮމެންޓައް ރައްދު ދިނުން އެދެން.

    1
    5
    • ގުއިރީންދޫ

      ޖަޒުބަތޭ؟ ކެކެ. ކަލޭ ހީކުރީ މީހުން ކުރިން ނުދައްކާ ހުރި އާވާހަކަ ތަކެއް ދެއްކުނީ ކަމަށް ތަ؟