ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ އިންގްލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި މި ވަގުތު އަނިޔާގައި ހުރި ކޮލަމްބިޔާގެ ހުނަރުވެރި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ކުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޓީމުގެ ކޯޗު ހޯޒޭ ޕެކަމެން ބުނެފިއެވެ.

ރޮޑްރިގޭޒްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެނެގާލް އަތުން 0-1 އިން ކޮލަމްބިޔާ މޮޅުވި މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާއަށްފަހު ކޮލަމްބިޔާ އިން އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގައި ރޮޑްރިގޭޒް ބައިވެރިވެފައެއް ނުވެއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޕެކަމެން ބުނީ ރޮޑްރިގޭޒް އަށް ލިބުނު އަނިޔާއާ ގުޅިގެން ހެދި ޓެސްޓުތަކުން އެއީ ސީރިއަސް އަނިޔާއެއް ނޫންކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ރޮޑްރިގޭޒްގެ ފަރާތުން ކުރިއެރުންތަަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އުއްމީދަކީ މިރޭގެ މެޗުގައި ރޮޑްރިގޭޒް އަށް ކުޅެވުމުން ކަމަށްވެސް ޕެކަމަން ބުންޏެވެ.

"ރޮޑްރިގޭޒް އަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން. މުބާރާތުގައި ކުރިއަށް މި ހުރި މެޗުތަކުގައި އޭނާ އަށް ކުޅެވޭނެ ކަމަށް އަހަރުމެން އުއްމީދު މިކުރަނީ" ޕެކަމަން ބުންޏެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ "ރަން ބޫޓު" ހޯދި ރޮޑްރިގޭޒް އަށް މިރޭގެ މެޗުގައި ނުކުޅެވޭނަމަ އޭނާގެ ބަދަލުގައި އަރާނެ ކަމަށް ބޮޑަށް ބެލެވެނީ ސެވިއްޔާ އަށް ކުޅެމުން އަންނަ ފޯވާޑް ލުއިސް މުރިއެލްއެވެ.

"މުރިއެލް އަކީ އަހަރުމެންނަށް އޮތް އޮޕްޝަނެއް. އެންމެފަހުން ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މުރިއެލް ވަރަށް ރަނގަޅަށް ކުޅުނު. އޭނާ އަކީ ހަލުވި އަދި ޓީމާއެކު ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ދަންނަ ކުޅުންތެރިއެއް" ޕެކަމަން ބުންޏެވެ.

ކޮލަމްބިޔާ ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް މިރޭގެ މެޗަށް ނިކުންނައިރު އިންގްލޭންޑް ޓީމުގައި އެފަދަ އެއްވެސް މައްސަލައެއް ނެތެވެ.

އިންގްލޭންޑާއި ކޮލަމްބިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.