ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގެނައުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

ރެއާލް އިން މިހެން ބުނެފައިވާއިރު ސްޕެއިންގެ ޓީވީ ޗެނަލެއް ކަމަށްވާ "ޓީވީއީ" އިން އިއްޔެ ވަނީ ނޭމާ ގެނައުމަށް ރެއާލް އިން 275 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ.

ނަމަވެސް މިކަމާ ގުޅިގެން ރެއާލް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ ބަހެއް ހޯދުމެއް ނެތި މިފަދަ ވާހަކައެއް އާއްމު ކުރުމުން ވަރަށް ބޮޑަށް ހައިރާންވާ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. ރެއާލް މެޑްރިޑުން އެފަދަ ހުށަހެޅުމެއް ޕީއެސްޖީ އަށްވެސް އަދި ނޭމާ އަށްވެސް ހުށަހަޅާފައެއް ނުވާނެ" ރެއާލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރެއާލް އިން މިކަން ދޮގުކޮށްފައިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ނޭމާ ގެންނަން ރެއާލް އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކުރިމަގާ ގުޅޭގޮތުން ނޭމާ މިހާތަނަށް ވާހަކަ ދައްކާފައިނުޥާއިރު ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ ވަނީ އަންނަ ސީޒަނުގައި ވެސް ނޭމާ އެ ކްލަބުގައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

ބާސެލޯނާ ދޫކޮށްލުމަށްފަހު ނޭމާ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާ 200 މިލިއަން ޕައުންޑަށެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ފަހުކޮޅު ނޭމާ އަށް ކުޅެވޭގޮތް ނުވިއިރު އޭނާ ވަނީ ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބަށް ކުޅެދިން 30 މެޗުގައި 28 ގޯލު ކާމިޔާބުކޮށްދީފައެވެ.