މިހާރު ރަޝިއާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ އިން ދައްކާފައި ވަނީ އާދައިގެ ކުޅުމެކެވެ. އެ ޓީމު މުބާރާތުން ކަޓައިގެން ގޮސްފައިވާއިރު ގިނަ ބަޔަކުު ދެކޭ ގޮތުުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ ޓީމުގެ ކޯޗް ޖޯގޭ ސަމްޕައޮލީއެވެ.

އާޖެންޓީނާ މުބާރާތުގެ ގަދަ 16 އަށް ދިޔަ ނަމަވެސް ވަރުގަދަ ފްރާންސާއި ޖެހި ކަޓައިގެން ދިޔައީ 4-3 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. އެހެން ކަމުން އާޖެންޓީނާާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރުވި އިރު މުބާރާތުގައި މޮޅުވެފައި ވަނީ އެންމެ މެޗެއްގައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އާޖެންޓީނާ އައިސްލޭންޑް އަތުން އެއްވަރުވެ ކްރޮއޭޝިއާ އަތުން ބަލިވުމުން، އާޖެންޓީނާގެ ކޭމްޕުގައި ސަމްޕައޮލީގެ ބާރު ވަނީ މުޅިންހެން ކެނޑިފައެވެ. އަދި ހާފްޓައިމް ގައި ކުޅުންތެރިންނަށް ހިތްވަރު ދެނީ ވެސް މެސީ ކަމަށް ރިޕޯޓުައް ބުންޏެވެ. މެޗުގެ ވަކި ހިސާބަކުުން، ގެންނަން ވީ ބަދަލުތައް ސަމްޕައޮލީ މެސީގެ ގާތުން އެހި ކަމަށްވެސް ވެއެވެ.

މިހާރު އާޖެންޓީނާގެ ފެންވަރު ދަށް ކުޅުމާއެކު އެ ޓީމު މުބާރާތުން ކަޓައިގެން ގޮސްފައިވާއިރު ސަމްޕައޮލީ މަގާމުން ވަކި ކުރާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސަމްޕައޮލީ އާޖެންޓީނާގެ ކޯޗު ކަމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަމަޖެއްސީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެހެން ކަމުން އޭނާ މަގާމުން ވަކި ކުރާ ނަމަ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ލިބެން ޖެހޭ ފައިސާ އާޖެންޓީނާގެ އެފްއޭ އިން ދައްކަން ޖެހޭނެއެވެ. އެއީ 16.8 މިިލިއަން ޕައުންޑެވެ.

އާޖެންޓީނާ އާއި މެސީގެ ސަޕޯޓަރުން ސަމްޕައޮލީއަށް ރުޅިވެރިކަން ފާޅު ކުރާާއިރު އޭނާ އެ ފައިސާ ނަގައިގެން އުފަލުން މަގާމުން ވަކިވާނެ ކަމަށް ބެލެވެއެވެ.