ބްރެޒިލްގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވިލިއަން ބޯގެސް ދި ސިލްވާ ސްޕެއިންގެ ބާސެލޯނާއަށް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

މުންޑޯ ޑިޕޯވޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިލިއަން ބާސެލޯނާއާއި ގުޅެނީ 80 މިލިއަން ޔޫރޯއަށެވެ. އަދި އެއީ އޭނާގެ މިހާރުގެ ކުލަބު ޗެލްސީއިން ޑިމާންޑް ކުރާ ވަރުކަމަށްވެސް ޑިޕޯވޯއިން ބުނެއެވެ.

އަދި ބާސެލޯނާއަށް ބަދަލުވުމަށް ވިލިއަން ތައްޔާރަށް ހުރި އިރު އޭނާ ބާސެލޯނާއަށް ބަދަލުވެއްޖެ ނަމަ 2020 ވަނަ އަހަރު އަންނަން ދެން ބާސެލޯނާގައި މަޑު ކުރާނެ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

އުމުރުން 29 އަހަރުގެ ވިލިއަން އަކީ އެޓޭކިންގް މިޑްފީލްޑަރެއްގެ މަގާމަށްވެސް ކުޅެމުން އަންނަ ކުޅުންތެރިއެވެ.

2013 ވަނަ އަހަރު 30 މިލިއަން ޔޫރޯއަށް އިނގިރޭސިވިލާތުގެ ޗެލްސީއަށް ބަދަލުވުމަށްފަހު ވިލިއަން ވަނީ ޗެލްސީއާއި އެކު ޕްރިމިއާ ލީގާއި ލީގު ކަޕް ހޯދައިފައެވެ.

ބްރެޒިލްއާއި އެކު 2014 ގެ ވޯލްޑްކަޕް އަދި 2015 ގެ ކޮޕަ އެމެރެކާވެސް ކުޅެދީފައިވާ ވިލިއަން އަކީ މިއަހަރުގެ ވޯލްޑްކަޕްގައިވެސް ބްރެޒިލް އާއި އެކު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެވެ.

2006 ވަނަ އަހަރު ކޮރެންތިއަންސް އިން ކެރިއަރުފެށި ވިލިއަން ވަނީ ޝަކްތާރު އަންޒީ ފަދަ ކުލަބުތަކަށް މީގެ ކުރިން ކުޅެދީފައެވެ.

ވިލިއަންގެ ކުލަބު ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް 515 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 84 ގޯލު ކާމިޔާބުކޮށްފައެވެ. ވިލިއަން ވަނީ ބްރެޒިލްއަށް ކުޅެދިން 61 މެޗުގައި 8 ގޯލު ކާމިޔާބުކޮށްދީފައެވެ.

ވިލިއަން ބާސެލޯނާއަށް ދިޔުމަށް ބޭނުންވާއިރު މިދިޔަ ސީޒަންގެ ތެރޭގައި ބާސެލޯނާއިން ވަނީ ބްރެޒިލްގެ ފޯވާޑް ކުޓީނިއޯވެސް ބާސެލޯނާއަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ތީ އުފާވެރި ހަބަރެއް