ފުޓްބޯޅައަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެކުޅިވަރަކަށް މަރުދޭ ހަމައެކަނި ކުޅިވަރެކެވެ. ފުޓްބޯޅައަށް ލޯބިކުރާ މީހުން އެކުޅިވަރަށް ލޯބިކުރަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ފުޓްބޯޅައަކީ އެކުވެރިކަމާއި ވާދަވެރިކަމާއި އެނޫންވެސް އެތަކެއް ކަމެއް އެއް ކުޅިވަރެއްގެ ތެރެއިން ފެނިގެންދާ ކުޅިވަރެކެވެ.

ދުނިޔޭގެ ފެންވަރުގެ އެތަކެއް ފުޓްބޯޅަ ކުޅުންތެރިންނެއް ތިބި އިރު އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކުޅުންތެރިއަކީ ޗިލީއަށް އުފަން އުމުރުން 29 އަހަރުގެ އެލެކްސިސް ސަންޗޭސް އެވެ.

ކުޑައިރުއްސުރެއް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ އުމްނީދުކުރަމުން އައި ސަންޗޭސް އަކީ ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގައި އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކުޅުންތެރިއެެވެ.

ފަގީރު އާއިލާއަކަށް ނިސްބަތްވާ ސަންޗޭސް އަކީ ބައްޕައެއްގެ ލޯތްބާއި ނުލައި ބޮޑުވި ކުޅުންތެރިއެކެވެ. އެކަނިވެރި މައެއްގެ ލޯތްބާއި އެކު ސަންޗޭސް ބޮޑުވަމުން އައިރު ސަންޗޭސްގެ ކަންކަން އޭނާގެ މަންމަ ފުރިހަމަ ކޮށްދެނީ އެ އަވަށުގެ ސުކޫލުގެ މަސައްކަތު މީހާގެ ވަޒީފާއިން ލިބޭ މަދު އާމްދަނީއިންނެވެ. ނަމަވެސް މަންމައަށް ލިބޭ މަދު އާމްދަނީއިން ދެކޮޅު ނުޖެހޭތީ ސަންޗޭސްވެސް އަމިއްލަ އަށް މަސައްކަތް ކުރަން ފެށިއެވެ.

ވަރަށް ޅައުމުރުގައި ކާރު ދޮންނަ މީހެއްގެ މަސައްކަތް ފެށި ސަންޗޭސްއަށް ފުޓްބޯޅައިގެ ދުނިޔެއަށް ލޯހުޅުވުނީ އުމުރުން 17 އަހަރުގައި ކޮބެރެލޯ ކިޔާ ކުލަބަކުން އޭނާއަށް ޖާގަ ލިބުނު ހިސާބުންނެވެ. ކޮބެރެލޯގައި ސަންޗޭސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން އިޓަލީގެ އުދިނީސްގެ ލޮލުގައި ސަންޗޭސް އަޅައިގަނެ 2006 ވަނަ އަހަރުގެ ތެރޭގައި އޭނާ އެކުލަބަށް ގެންދެވުނެވެ. އުދިނީސްގައި ސަންޗޭސް ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން ސްޕެއިންގެ އެންމެ ބޮޑު އެއްކުލަބުކަމަށްވާ ބާސެލޯނާގެ ސަމާލުކަން އޭނާއަށް ލިބުނެވެ. 30 މިލިއަން ޔޫރޯއަށް ބާސެލޯނާއަށް ސަންޗޭސް ގުޅުނީ ޗިލީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.

ސަންޗޭސްގެ ވިދުން އެންމެ ގަދަވެގެންދިޔައީވެސް ބާސެލޯނާގައި އޭނާ ހޭދަކުރި ދުވަސްވަރުގައެވެ. ބާސެލޯނާއާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ސަންޗޭސްއަށް އިނގިރޭސިވިލާތުގެ އާސެނަލްގެ ސަމާލުކަން ލިބުމުން 35 މިލިއަންޔޫރޯއަށް އޭނާ ވަނީ އެކުލަބަށް ބަދަލުވެފައެވެ. އާސެނަލްއާއި އެކު އެފްެއޭކަޕް ކާމިޔާބުކުރުމަށް ފަހު މިއަހަރުގެ ތެރޭގައި ސަންޗޭސް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ.

ސަންޗޭސް އަކީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތަށް ހޯދައިފައިވާ ކުޅުންތެރިއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފާހަގަކޮށްލެވެއެވެ.