ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ބެލްޖިއަމް އާއި ކުޅެ ހިތްދަތިކޮށް ބަލިވި ނަމަވެސް ޖަޕާނުގެ ސަޕޯޓަރުންގެ ފަރާތުން ރީތި ނަމޫނާއެއް ފެނިގެން ގޮސްފިއެވެ.

ރޭގެ މެޗުގެ ދެވަނަ ހާފު ފެށިގެން އިރުކޮޅެއް ނުވެ ޖަޕާނުން 2 ލަނޑުގެ ލީޑެއް ނެގި ނަމަވެސް ބެލްޖިއަމް އިން ވަނީ ފަހަތުން އަރައި މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. މި މޮޅާއި އެކު ބެލްޖިއަމް އިން ވަނީ ވޯލްޑް ކަޕު ރެކޯޑަކާއި ވެސް އަރާ ހަމަ ކޮށްފައެވެ. އެގޮތުން ބެލްޖިއަމް އަކީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕު މެޗެއްގައި 2 ލަނޑުން ބަލިކޮށް އޮވެ ފަހަތުން އަރައި މެޗަކުން މޮޅުވި ފުރަތަމަ ޓީމެވެ.

ހިތްދަތި ގޮތަކަށް މެޗުން ބަލިވި ނަމަވެސް ޖަޕާނު ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔަ ރީތި މަންޒަރެކެވެ. ޖަޕާނު ޓީމުގެ ސަޕޯޓަރުން ސަޕޯޓު ކުރަން ތިބި ސަރަހައްދުގައި ތިބި ކުނި ނަގައި ތަން ސާފު ކުރި މަންޒަރު ތައް ފެނި، މުޅި ދުނިޔެ ވަނީ އެމީހުންނަށް އިހުތިރާމު ކޮށް ސޯޝަލް މީޑިއާ ގައި ޕޯސްޓު ތައް ޖަހާފައެވެ.

މެޗުން ބަލިވުމުން ގިނަ މީހުން ތަނަށް ގޯނާކޮށް ތަން ހަޑި ކުރަމުން ދިޔުން އެއީ އާއްމު ކަމަކަށް ވާއިރު ޖަޕާނު ސަޕޯޓަރުން ވަނީ ގުރޫޕް ސްޓޭޖުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗު ނިންމާފައި ވެސް އެމީހުން ތިބި ސަރަހައްދު ސާފުކޮށްފައެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ބަރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގައި ވެސް ޖަޕާނު ސަޕޯޓަރުން ވަނީ ތަން ސާފު ކޮށްފައެވެ.