ރާއްޖޭގައި ފުޓުބޯޅަ ކުޅޭތާ ލައްކަ ޒަމާނެއް ވެއްޖެއެވެ. ޒަމާނަށް އައި ބަދަލާއެކު ފުޓުބޯޅަައަށް އައި އިންގިލާބި ބޮޑު ބަދަލާއެކު ވެސް ދިވެހިންނަށް ނޭނގޭ އެއްކަމެއް ވެއެވެ. އެއީ ރާއްޖޭގެ ފުޓުބޯޅައަަށް ލަންކާއިން ވެދިން އެހީތެރިކަމެވެ. ރާއްޖޭގެ ފުޓުބޯޅަ މިހާހިސާބަށް އައުމަށް ލަންކާއިން އަދާކުރި ދައުރެވެ. މިއަދު ރާއްޖޭގެ ފުޓުބޯޅަ އެކަން ބަލައިގަންނަން ޖެހެނީ ޝުކުރުވެރިކަމާ އެކުއެވެ.
އެއީ 1950 ގެ އަހަރުތަކެވެ. ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުވަރަކަށް ރާއްޖޭގެ އެންމެ ގިނަދުވަސްވީ މަދަރުސާ ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ ފުޓުބޯޅަ އިންސްޓަރަކްޓަރަކަށް މައިކަލް ޑި ސިލްވާ ކިޔާ މީހެއް ގެނައެވެ. އަމީން މިކަން ކުރެއްވީ ބޮޑު ޕްލޭނަކާއެކު އެވެ. އެއީ ރާއްޖޭގައި ފުޓުބޯޅަ ކުޅޭ ދަރިންތަކެއް އުފެއްދުމުގެ ފޮނި އުއްމީދުގައެވެ.
މައިކަލް ޑި ސިލްވާ މަޖީދިއްޔާ ސްކޫލުގެ ފުޓުބޯޅަ އިންސްޓްރަކްޓަރުގެ މަގާމާއި ހަވާލުވިތާ ކުރީކޮޅު އޭނާ އެންމެ ފުރަތަމަ ފެށީ ފުޓުބޯޅައިގެ އެންމެ އަސާސީ ފިލާވަޅުތަކެވެ. ނުވަތަ އެންމެ "ބޭސިކް" ބައިތަކެކެވެ. ޕްރެކްޓިކަލް ބައިތަކާއި ތިއަރީ ބައިތަކެއްވެސް ނެގިއެވެ. އެ ކުދިން އެންމެފަހުން ވީ މާލޭގެ ހަތަރު އަވަށް ކަމަށްވާ މާފަންނު، ހެންވޭރު، ގަލޮޅު، މައްޗަންގޯޅި އަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިންނަށެވެ. މިއީ އިތުރު ގިއަރެއްގައި ދިވެހި ފުޓުބޯޅަ އަރައިގަތުމުގެ ފެށުމެވެ.
މަޖީދިއްޔާއިން މައިކަލް ޑި ސިލްވާ ދަސްކޮށްްދިން ފިލާވަޅުތަކާއެކު ހަތަރު އަވަށުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ބޮޑު ތަފާތެކެވެ. އެ ކުޅުންތެެރިން ވީ އެ ހަތަރު އަވަށުގައި އިތުރު މޮޅެތި ކުޅުންތެރިން އުފެއްދުމަށް ބޮޑު ހިތްވަރަކަށެވެ. އަވަށު ފޯރީގައި ކުޅުނު މުބާރާތްތަކުގައި ތަފާތަކަށްވެސް ފެނުނީ މި ކުދިންނެވެ. އަދި ދިވެހި ފުޓުބޯޅައަށް އޭގެ ފޮނިމީރުކަން ވެސް ދިޔައީ ލިބެމުންނެވެ.
ރާއްޖޭގައި ފުޓުބޯޅަ ވަރަށް ބޮޑަށް ވައިގަ ހިފައިފިއެވެ. ސަރުކާރުން ދެން ބޭނުންވީ ރާއްޖޭގައި ފުޓުބޯޅަ ދެން އެންމެ ބޮޑަށް ކުރިއެރުވޭނެ ގޮތްތަކަށެވެ. އޭގެތެރެއިން ދެން ހިޔާލު އައީ ރާއްޖެ ތަމްސީލުކުރާނެ ގައުމީ ފުޓުބޯޅަ ޓީމެއް އުފެއްދުމަށެވެ. އެ ހިޔާލުގައި ކުލަޖެހުނީ 1979 ވަނަ އަހަރުގައެވެ. އޭގެ ތިން އަހަރުފަހުން 1982 ގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވުޖޫދުވިއެވެ. މިއީ ހަރުދަނާގޮތެއްގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއަރަން ފެށި ހިސާބެވެ.
އޭރު އަވަށު ފުޓުބޯޅަ ޓީމުތަކުގައި ކުޅުނު ނަންތައް ދެން ބަދަލުވީ މިހާރު މި ފެންނަ މަޝްހޫރު ޓީމުތަކަށް ކަމަށްވާ ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވިކްޓްރީ ފަދަ ޓީމުތަކަށެވެ. ވިޔަފާރިވެރިން ވެސް މި ޓީމުތަކުގެ ފަހަތަށް އައެވެ. ހަރަދުތަކެއް ވެސް ކުރަން ތައްޔާރުވިއެވެ. މި ޓީމުތައް އިތުރަށް ބިނާކުރަން މިފަހަރުވެސް ހިޔާލަށް އައީ ލަންކާއެވެ. އެއާއެކު ދެން އަމާޒުހިފީ ރާއްޖެއަށްވުރެ އޭރު ވަރުގަދަ ލަންކާގެ ކުޅުންތެރިން މި ޓީމުތަކަށް ގެންނާށެވެ.
ލަންކާއިން އޭރު ރާއްޖެއަށް ކުޅެން އައި ކުޅުންތެރިންނަކީ ދިވެހި ކުޅުންތެރިންނަށްވުރެ ވަރަށް ބޮޑުތަން ވަރުގަދަ ކުޅުންތެރިންތަކަކަށް ވިއެވެ. ނަމަވެސް އަހަރަކަށް ފަހު އަހަރެއް ދިވެހިން ދިޔައީ މަޑުމަޑުން އެ ކުޅުންތެރިންގެ ކުޅުމަށް ހޭނެމުންނެވެ. އަދި އެ ކުޅުންތެރިންނަށް ވުރެ ވަރުގަދަ ކުޅުންތެރިންނަށް ވުމަށެވެ.
ކުޅުންތެރިންގެ އިތުރަށް ރާއްޖެއަށް އޭރު އައި ގިނަ ކޯޗުންނަކީވެސް ސްރީލަންކާގެ ކޯޗުންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކޯޗަކީ ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ނަންތަކެއް ކަމަށްވާ މޯނިންސަން މޫސާ މަނިކު، އިސްމާާއީލް ޒަރިޔަންދު، އެފޯނިއަމް މުހައްމަަދު ހަލީމް، މުހައްމަދު ކަލީމް ފަދަ ކުޅުންތެރިންް އުފެއްދި ލަންކާގެ ސްމިތު ކޯޗެވެ.
ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ފޯރި ރާއްޖޭގައި އެތައް ގުނައެއް ގަދަވިއެވެ. އޭގެފަހުން ދެން ފެނިގެންދިޔައީ ސަރަހައްދީ ގައުމުތައް ބައިވެރިކޮށްގެން "ޕޮމިސް ކަޕް" މާލޭގައި ފެށިތަނެވެ. 1987 ގައި އެންމެ ފުރަތަމަ ބޭއްވި މުބާރާތަށްވެސް އެންމެ ފުރަތަމަ ގެނައީ ލަންކާގެ ކުޅުންތެރިންނެވެ. ކޮންމެ އަހަރަކު މި މުބާރާތް ބޭއްވިއިރު އެންމެ ފުރަތަމަ ދެ އަހަރު ކާމިޔާބުކޮށްފައިވަނީ ލަންކާާއެވެ. ނަމަވެސް ރާއްޖޭގެ ޓީމުތައް ދިޔައީ މަޑުމަޑުން ކާމިޔާބާއި ހިސާބަށް ވާސިލްވަމުންނެވެ.
މި މުބާރާތާއެކު ރާއްޖޭގެ ފުޓުބޯޅައަށް ބޮޑު ކުރިއެރުންތަކެއް އައިކަން އެނގިގެނދިޔަ އެވެ. އޭގެ ހެއްކަކަށް ވީ 1992 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ފުޓުބޯޅައިން ފުރަތަމަ ރިހި މެޑަލް ގެނައުމުންނެވެ. ސާފް ގޭމްސްގައި ރާއްޖެ ވަނީ އެފަހަރު ލަންކާ 1-0 އިން ބަލިކޮށްފައެވެ. މިއީ ލަންކާގެ މައްޗަށް ރާއްޖޭގެ ފުޓުބޯޅަ އަތްގަދަކުރަން ފެށި ހިސާބެވެ.
ރާއްޖޭގެ ފުޓުބޯޅަ މިހާރު އާ އުސްމިނެއްގައި، އެ އިހްތިރާމު އެބައޮތް
އޭގެފަހުން ރާއްޖޭގެ ފެންވަރު އެންމެ ރަނގަޅަށް ސާބިތުކޮށްދިން އެންމެ ބޮޑު މުބާރާތަކީ ސާފް ޗެމްޕިއަންޝިޕެވެ. މި މުބާރާތުގައި ލަންކާއަކީ ފެށުނުއިރު ގަދަ ބާރެކެވެ. ނަމަވެސް މިހާރު ތާރީހު ވަނީ ބަދަލުވެފައެވެ. ލަންކާއަށް ވުރެ ރާއްޖެއަކީ މިހާރު އެތަކެއް ގޮތަކުން ކުރިއަރާފައިވާ ގައުމެކެވެ. ފުޓުބޯޅައިގައި ލަންކާ ހޯދާފައިވާ ކާމިިޔާބީތަކަށް ވުރެ ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ގިނަވިއެވެ.
ރާއްޖޭގެ ފުޓުބޯޅައާއި ލަންކާ ފުޓުބޯޅައިގެ އެންމެ ބޮޑު ތަފާތެއް މިހާރު ފެންނަން އޮތީ ތާރީހުންނެވެ. 2002 ގެ ފަހުން އަދި މިހާތަނަށް ސްރީލަންކާއަށް ރާއްޖެ އަތުން މޮޅެއް ހޯދިފައެއް ނުވެއެވެ. އެއީ މީގެ 19 އަހަރު ފަހެވެ. ލަންކާއަށް ރާއްޖެއަތުން އެންމެ ފަހުން މޮޅުވީ އެފަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. 1-0 އިން ލަންކާ މޮޮޅުވި މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރާއްޖޭގެ ފުޓުބޯޅައިގައި ވެސް ދައުރެއް އަދާކުރި މަޝްހޫރު ކަސުން ޖަޔަސޫރިޔާ އެވެ.
ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ލަންކާއަށް މިހާތަނަށް ރާއްޖޭގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ. ރާއްޖެއާއި ލަންކާ މިހާތަނަށް ހަތް ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރިއިރު މިހާތަނަށް ރާއްޖެއަށް މޮޅުވެވުނީ ފަސް ފަހަރެވެ. އަނެއް ދެ ފަހަރު މެޗު ނިމުނީ ނަތީޖާ އެއްވަރުވެގެންނެވެ.
ރާއްޖެއާއި ލަންކާ އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ރާއްޖެއާއި ލަންކާ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެފަހަރު ރާއްޖެ ލައްވާލީ އިންޑިއާ އާއި ސްރީލަންކާ އާއި އެއް ގްރޫޕެއްގައެވެ. ލަންކާއާޢި ރާއްޖެ އެއްވަރުވުމުން އިތުރުގޮތެއް ނެތުމުން ދެން ޖެހުނީ ގުރުނަގާށެވެ. ރާއްޖެ ސެމީފައިނަލަށް ދިޔައީ މި ގުރުން ކުރިހޯދައިގެންނެވެ.
ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި ބޭރުގެ ގައުމީ ޓީމެއް ކޮޅަށް އެންމެ ގިނަ ލަނޑުޖެހި ޓީމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ. އެއީ 2013 ގެ ސާފް ޗެމްޕިއަންޝިޕެވެ. އެފަހަރު ރާއްޖެ މޮޅުވީ 10-0 ގެ ނަތީޖާއަކުންނެވެ. ދަގަނޑޭ ޑަބަލް ހެޓްރިކެއް ހެދިއެވެ.
ރާއްޖޭގެ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ވަނީ މި މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ފާހަގަކޮށްފަ އެވެ. އަކުރަމް ބުނީ، މިހާރުގެ ލަންކާ ޓީމަކީ މަސައްކަތުގެ ރޭޓް މަތި ޓީމެއް ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މޮޅަށް ކުޅުނު ލަންކާ ޓިީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާގެ ލީޑަޝިޕާއި ކުޅުމަށް ވެސް އަކޫ ވަނީ ތައުރީފްކޮށްފަ އެވެ.
ލަންކާ ފުޓުބޯޅަ އަލުން އަރައިގަތުމުގެ މަގުމަތީގައި
ތާރީހު ކޮންމެގޮތަކަށް ބުރަވިޔަސް މިހާރު ލަންކާ އަންނަނީ ހަރުދަނާ ޕްލޭނެއްގެ ދަށުން ކުރިން އޮތް މަގާމަށް ވާސިލުވުމުގެ މަގުމަތީގައެވެ. އޭގެ ފެށުމަކަށް ވީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. ލަންކާއަށް ނިސްބަތްވާ ރަށުންބޭރުގެ ކުޅުންތެރިން ޓީމު ލިސްޓުގައި ޖަހަން ވަނީ ފަށާފައެވެ. މީގެތެރޭގައި އެންމެ ފުރަތަމަ ހިމެނުނީ އިންގްލޭންޑަށް އުފަން ލަންކާގެ ދެ ކުޅުންތެރިން ކަމަށްވާ މާވިން ހެމިލްޓަން އަދި މިހާރު އިނގިރޭސި ކުލަބް ކްރިސްޓަލް ޕެލަސްގެ ޔޫތު ޓީމަށް ކުޅެމުންއަންނަ ޑިިލިއަން ޑި ސިލްވާއެވެ.
"އަހަރެމެންގެ ފުޓުބޯޅަ މިއޮތީ ވަރުގަދަ ޕްލޭނަކާއެކު، ކުރިޔަށްއޮތް 10 އަހަރެއްހާ ދުވަހުގެ ތެރޭގައި މި ތަފާތު ފެނިގެންދާނެ، ސަރަހައްދީ ގައުމުތަކުން އަހަރެމެން މީގެކުރިން ބަލިކުރިޔަސް މުސްތަގްބަލުގައި މި ގެންގުޅޭ ޕްލޭނާއެކު ލަންކާ ފެންނާނީ ވަރަށް ވަރުގަދަކޮށް" ލަންކާގެ ޓެކްނިކަލް ޑައިރެކްޓަރ އަދި މިހާރު ވަގުތީ ކޯޗު އާމިރް އަލަގިޗް ބުންޏެވެ.
ކޯޗު އެ ދައްކަނީ ބޭރު ކުޅުންތެރިން ގެންނަ ވާހަކައެވެ. މި މުބާރާތަށްފަހު ވެސް ލަންކާއަށް އަންނަން ބޭނުންވާ ގައުމުން ބޭރުގެ ގިނަ ކުޅުންތެރިންތަކެއް ތިބިކަން ކޯޗުގެ ވާހަކަތަކުން އެނގެއެވެ. އެހެންކަމުން މިއީ އެ ގައުމުން ވަރުގަދަ ޕްލޭނެއް ރާވަމުންދާކަމުގެ ހެއްކެކެވެ. މިހާރު ލަންކާއަކީ މި މުބާރާތުގައި މިފަހަރު ކުޅޭ އެންމެ ފިޒިކަލް ވަރުގަދަ ޓީމެވެ. އެ ޓީމު ވަނީ އިންޑިއާ އާއި ލަނޑެއް ނުޖެހި އެއްވަރުކޮށްފައެވެ. މިކަން އެ ގަައުމުންވެސް ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ދެން އޮތީ ރާއްޖެއެވެ. މިއަދު ހަވީރު 4 ޖަހާއިރު ކުޅޭ މި މެޗުން ލަންކާއާއި ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް މިންވަރު ވަރަށް ރަނގަޅަށް ވަޒަންކުރެވޭނެ އެވެ.
ވަރަށް ހިތްތިރި އަދި މައުލޫމާތީ ރަނގަޅު ލިޔުމެއް. ބައެއް ބޮޑެތިނޫސްތަކާއި ބައެއް މީސްމިޑިޔާ ލިޔުންންތަކުގައި “މަމޮޅު” ކަން ތަންކޮޅެއް ކުރިޔައް ނެރެވެނީ
މައިކަލް ޑިސިލްވާ ރާއްޖޭގެ ފުޓްބޯޅަ އަށް ކޮށް ދިން ހިދުމަތް ފޮހެލީ މައުމޫނުގެ ބޮޑު ޕްލޭންގެ ދަށުން ގެނައި ގައުމު ހާލާކު ކުރުމުގެ އިންގިލާބުގެ ތެރޭގައި. ނާސިރު ދައުރު ނިމެންދެން ރާއްޖޭގައި ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުގައި ތިން ތައްޓަށްވާދަކުރާނެ. އެއީ އިގިރޭސި ރާނީގެ ތަށި. މައިކަލް ޑިސިލްވާގެ ތަށި އަދި ރައީސުލްޖުމްހޫރިއްޔާގެ ތަށި. މި އާރޓިކަލްގައި އައްޑޫ ކުޅުންތެރިން 1970 ގެ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގެނުވި ކުރިއެރުންތަކުގެ ވާހަކަ ބުނެލިނަމަ ރަގަޅުވީސް. ތަންކޮޅެއް ފުންކޮށް ދިރާސާ ކޮށްލިނަމަ އާރޓިކަލް ފުރިހަމަ ވީސް.
މިހާރު ކުރަންވީ ކަމަކީ އެކަޑަމީތައް ވަރުގަދަ ކޮށްދީ، ބާރުވެރި ކުރުވަންވީ!
ދިވެހި ފުޓްބޯޅަ އަށް ލަންކާ ކޯޗުން ކޮށްދިން އަގުހުރި ޙިދްމަތަށް ފަށްފަށުން ޝުކުރިޔާ // ހާއްސަކޮށް ސަރ މައިކަލް ޑިސިލްވާ އަށް ///
ރާޖަ ޕަކްސަގެ ތަރައްޤީ އަލުން ގެނައުމަށް ލަންކާ ރައްޔަތުން އޭނަ ވެރިކަމަށް ގެނުވި. އެހެޔޮ ބަދަކު ފުޓްބޯޅައިން ވެސް އެފެންނަނީ. ރާއްޖެއިން ވެސް ޔާމީން ވެރިކަމަށް ގެންނަނިކޮށް އެބަދަލު ފެނިދާނެ.