ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ 2-1 އިން ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ ޗެމްޕިއަން ފްރާންްސް ހޯދައިފިއެވެ.

ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ޕޯޗުގަލް އެވެ. އެއީ 2018 ގައެވެ.

ސްޕެއިން އާއި ފްެރާންސް ބައްދަލުކުރި ފައިނަލް މެޗު ބާއްވާފައިވަނީ އިޓަލީގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. ނަމަވެސް މި ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ތަނަވަސްވެގެންދިޔަ އެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސްޕެއިން އެވެ. މި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ އޮޔަޒަބަލް އެވެ. މިއީ ފްރާންސްގެ ފަހަތުން ޑިފެންސްލައިން ކަޓުވާލުމަށްފަހު ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ގޯލުގެ ކަނަށް އަމާޒުކޮށްގެން ކާމިޔާބުކުރި ލަނޑެކެވެ.

ސްޕެއިންއަށް މި ލީޑުގައި މާ ގިނައިރަކު ހިފަހައްޓައިގެން ނުހުރެވުނެވެ. ސްޕެއިން އިން ލަނޑެއް ޖެހިތާ ދެ މިނެޓުފަހުން ފްރާންސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ކަރިމް ބެންޒެމާ ކާމިޔާބުކުރި މޮޅު ގޯލެކެވެ. ފްރާންސް އިން ނަތީޖާ ހަމަހަމަކުރި ނަމަވެސް ސްޕެއިން ދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ.

މެޗުން ފްރާންސް މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ ކީލިއަން އެމްބާޕޭ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މި ލަނޑާއެކު ސްޕެއިން ވަރަށް ބޮޑަށް ޕްރެޝަރަށްދިޔަ އެވެ. ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް މުޅި ފްރާންސް ޓީމު ވިސްނީ ޑިފެންސަށެވެ. އެއާއެކު ސްޕެއިން އަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ ޓީމަކަށް ހޮވުނީ އިޓަލީ އެވެ. އެ ޓީމު ތިންވަނަ ހޯދީ ބެލްޖިއަމް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.