1-0 އިން ސްވިޒަލޭންޑް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ސްވިޑެން ދަތުރުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ދެ ޓީމަށްވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

އެގޮތުން މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްވިޑެންގެ އަލްބިން އެކްޑަލް އަށް ކަމަށްވާއިރު ސްވިޒަލޭންޑްގެ ގޯލު ކައިރީ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. މީގެއިތުރުން ސްވިޑެންގެ މާކަސް ބާގް އަށް ވެސް ފުރުސަތެއް ލިބުނުއިރު ސްވިޒަލޭންޑް ޓީމުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ޒާކާ އާއި ޝަގީރީ އަދި ޒޫބާއެވެ.

ފޯސްބާގް ސްވިޑެންގެ ގޯލު ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 66 ވަނަ މިނެޓްގައި ފޯސްބާގް ވަނީ ސްވިޑެން އަށް ލީޑު ނަގާދީފައެވެ. ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޯސްބާގް ފޮނުވާލި އެ ހަމަލާ ގޯލަށް ވަދެފައިވަނީ ސްވިޒަލޭންޑްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.

ސްވިޑެންގެ މި ގޯލަށްފަހު ސްވިޒަލޭންޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކުރި ނަމަވެސް ސްވިޑެންގެ ޑިފެންސިވް ކުޅުމުގެ ސަބަބުން ތަނަވަސްކުރެވުނީ ވަރަށް މަދު ފުރުސަތުތަކެކެވެ. އެގޮތުން އެމްބޯލޯ ބޮލުން ފޮނުވާލި ހަމަލާއެއް ސްވިޑެންގެ ޑިފެންޑަރަކު ދިފާއުކުރިއިރު ރެމޯ ފޮނުވާލި ހަމަލާ ސްވިޑެންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ އެންމެފަހު މިނެޓްގައި ލީޑު ފުޅާކޮށްލަން ސްވިޑެން އަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބޯޅަ ހިފައިގެން ސްވިޑެންގެ އޯލްސަން ދުވެފައި ދަނިކޮށް ސްވިޒަލޭންޑްގެ ލޭންގް ވަނީ ފަހަތުން އައިސް އޭނާ އަށް ފައުލްކޮށްފައެވެ. މި ފައުލާ ގުޅިގެން ރެފްރީ ވަނީ ލޭންގް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ސްވިޑެން އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިއީ 1994 ވަނަ އަހަރަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ސްވިޑެން ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ މުބާރާތުގެ ދެވަނަ ބުރުން ސްވިޒަލޭންޑް ކެޓި ހަތަރުވަނަ ފަހަރެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ސްވިޑެން ބައްދަލުކުރާނީ، މިރޭ އިންގްލޭންޑާއި ކޮލަމްބިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.