ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ ކުޅުނު ފަހު މެޗަށް ނުކުތް އިރު ބައްޕަ ރަހީނުކޮށްފައިވާ ކަން އެނގޭ ކަމަށާއި އެ މެޗު ކުޅެން ނިންމީ އެތަށް މިލިއަން ބައެއްގެ އުންމީދުތަކާއި އެ މެޗު ގުޅިފައިވާތީކަމުގައި ނައިޖީރިއާގެ ކެޕްޓަން ޖޯން އޮބި މިކޭލް ބުނެފިއެވެ.

އާޖެންޓީނާ އަތުން 2-1 ގެ ނަތިޖާއަކުން ބަލިވެ ނައިޖީރިއާ ވޯލްޑްކަޕާއި އަލްވަދާއު ކިޔާފައިވާއިރު ކުޅިވަރު ހަބަރު ގެނެސްދޭ އީއެސްޕީއެން އަށް ދިން އިންޓަވިޔުއެއްގައި މިކޭލް ބުނީ އާޖެންޓީނާ މެޗަށް ނުކުތް އިރުވެސް ހުރީ ގޮތް ހުސްވެފައި ކަމަށެވެ.

" އަހަރެން ހުރީ ވަރަށް ހާސްވެފައި. އަހަންނަކަށް ނޭނގުނު ކަންތަށް ކުރަންވީ ގޮތެއް. ނަމަވެސް އެންމެ ފަހުން އަހަންނަށް ވިސްނުނީ 180 މިލިއަން ނައިޖީރިއާ ރައްޔިތުންގެ އުންމީދުތަށް އަހަންނަށް ފުޑުފުޑުކޮށް ނުލެވޭނެ ކަން. އެހެންވެ ބައްޕަގެ ހިޔާލު ދޫކޮށް އަހަރެން ފުރަތަމަ ގައުމު އިސްކުރީ" މިކޭލް ބުނެފައިވެއެވެ.

އަދި ބައްޕަ ރަހީނުކުރިކަން އެއްވެސް މީހެއްކައިރީގައި ބުނި ނަމަ ވަގުތުން ބަޑި ޖަހާ މަރާލާނެ ކަމަށް އިންޒާރު ދީފައިވާ ކަމަށްވެސް މިކޭލް ބުނެފައިވެއެވެ.

"އަހަންނަށް އަންގާފައި އޮތީ ބައްޕަ ރަހީނުކުރި ވާހަކަ ކަމާބެހޭ އެއްވެސް ވުޒާރާއަކަށް އަންގައިފި ނަމަ ބައްޕަގެ ގަޔަށް ވަގުތުން ބަޑި ޖަހާ މަރާލާނެ ކަމަށް" އޭނާ ބުންޏެވެ.

އަދި އެކަންތަށް މެޗުގެ ކުރިން ކޯޗާއި އެހެން ކުޅުންތެރިން ކައިރީގައި ވެސް ބުނަން ބޭނުންވި ކަމަށާއި ނަމަވެސް ބައްޕައަށް ކަމެއް ވެދާނެތީ ބުނަން ނުކެރުނީ ކަމަށްވެސް ކުރިން ޗެލްސީ އަށް ކުޅުނު މިކޭލް ބުންޏެވެ.

މިކޭލްގެ ބައްޕަ މިހާރު އެގައުމުގެ ފުލުހުން ކުރި މަސައްކަތުން ސަލާމަތްކޮށްފައިވާއިރު މިކޭލްގެ ބައްޕަ ރަހީނުކުރީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށާއި ބައްޕަ ރަހީނު ކުރި ފަރާތްތަކުން ޑިމާންޑް ކުރަމުން ދިޔައީ 10 މިލިއަން ޔޫރޯ ދިނުމަށް ކަމުގައި ފުލުހުން ބުނެފައިވެއެވެ.

އާޖެންޓީނާއާއި ދެކޮޅަށް ނުކުތް އިރު މިކޭލްއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް މެޗުގެ ކުރިން ޑޮކްޓަރުން ހެދި ބައެއް ޓެސްޓުތަކުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު