ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކަށް އިންގްލެންޑް އަނެއްކާ ވެސް ނުކުންނައިރު، ފަހުގެ ތާރީހު އޮތީ އެ ޓީމާ އެއްކޮޅަކަށް ނޫނެވެ. އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު، އިންގްލެންޑް ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ ދެވަނަ ބުރު ކަށަވަރުވުމުން، ގުރޫޕްގެ ފަހު މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް އިންގްލެންޑް އިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެހެންކަމުން، މިރޭ ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗަކީ އިންގްލެންޑްގެ ޒުވާން ޓީމުން މި ވޯލްޑް ކަޕްގައި މިހާތަނަށް ކުރިމަތިލާ އެންމެ ވަރުގަދަ އިމްތިހާނެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މި މުބާރާތުގައި އިންގްލެންޑްގެ ޒުވާން ކުޅުންތެރިންގެ ހުނަރު ފެނިއްޖެ ކަމަށާއި އެ ކުޅުންތެރިންނާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

މި މެޗަށް ނުކުންނައިރު، އިންގްލެންޑްގެ ޓީމުގައި އިންޖަރީގެ މައްސަލައެއް ނެތެވެ. ގުރޫޕްގެ ފަހު މެޗުގައި ރެސްޓް ދިން ކުޅުންތެރިންނަށް މިރޭގެ މެޗުގައި އަލުން ފުރަތަމަ 11 އިން ޖާގަ ލިބޭނެ ކަމަށް ބެލެވެ އެވެ. އިންގްލެންޑްގެ ޑެލީ އަލީ މުޅިން ފިޓުވި ނަމަވެސް، މިރޭގެ މެޗުގައި އޭނާ އަށް ފުރަތަމަ 11 އިން ޖާގަ ލިބޭނެކަމުގެ ޔަޤީންކަމެއް ނެތެވެ.

ކޮލަމްބިއާ އަށް މުބާރާތުގެ ފެށުން ރަނގަޅުނުވި ނަމަވެސް، ގުރޫޕްގައި ދެން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ކޮލަމްބިއާ ވަނީ އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ޓީމުގެ އުންމީދަކަށް ވާނީ މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އެ ހިސާބަށް ދަތުރުުކުރުމެވެ.

މެޗަށް ނުކުންނައިރު ކޮލަމްބިއާ އަށް އޮތް އެންމެ ބޮޑު ފިކުރަކީ ޕްލޭމޭކަރ ހަމޭސް ރޮޑްރިގޭޒްގެ ފިޓްނަސް އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގެ ފުރަތަމަ ހާފުގައި ހަމޭސް ބޭލީ އަނިޔާގެ މައްސަލައަކާ ގުޅިގެންނެވެ. މިރޭގެ މެޗުގައި ކޮލަމްބިއާގެ ފުރަތަމަ 11ގައި ކުޅޭވަރަށް އޭނާ ފިޓުވެފައިވާކަން މުޅިން ޔަޤީނެއް ނޫނެވެ.

އިންގްލެންޑް:

ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން އިންގްލެންްޑް މޮޅުވެފައިވަނީ ދެ މެޗުން.

ވޯލްޑް ކަޕްގައި ނޮކްއައުޓް މެޗަކުން އިންގްލެންޑް އެންމެ ފަހުން މޮޅުވީ 2002 ވަނަ އަހަރު.

މިއީ ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅޭ 18 ވަނަ މެޗު. އިންގްލެންޑް ވަނީ މީގެ ކުރިން ކުޅުނު މެޗުތަކުގެ ތެރެއިން 8 މެޗުން މޮޅުވެފަ.

ކޮލަމްބިއާ:

މިއީ ކޮލަމްބިއާ ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި ވާދަކުރާ ތިން ވަނަ ފަހަރު.

ކޮލަމްބިއާގެ ކޯޗުކަމާ ހޯސޭ ޕެކަމަން 2012 ވަނަ އަހަރު ހަވާލުވި ފަހުން، ޔޫރަޕްގެ ޓީމެއް އަތުން ކޮލަމްބިއާ ބައްޔެއްނުވޭ.
އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު 8 މެޗުގައި ވެސް ކޮލަމްބިއާ ވަނީ ލަނޑު ޖަހައިފަ. ކޮލަމްބިއާ އަށް ވޯލްޑް ކަޕް މެޗެއްގައި އެންމެ ފަހުން ލަނޑެއް ނުޖެހުނީ 1998 ވަނަ އަހަރުގެ މުބާރާތުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ.

އެނގޭތަ؟

ވޯލްޑް ކަޕްގައި މީގެ ކުރިން ކޮލަމްބިއާ އާއި އިންގްލެންޑް ކުރިމަތިލީ އެންމެ ފަހަރަކު އެވެ. ފްރާންސްގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ކޮލަމްބިއާ އަތުން އިންގްލެންޑް މޮޅުވީ 2-0 އިންނެވެ.