އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ދެކޮޅަަށް ރާއްޖޭގެ ގޭމު ކުޅެވޭނީ އިންޑިއާގެ ކުޅުންތެރިންނަށް އިރުޝާދުދީފައިވާ ގޮތަށް ފުރުސަތު ދިން ވަރަކުން ކަމަށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބުނެފިއެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އިންޑިއާގެ ތަޖުރިބާކާރު ކޯޗު ބުނީ ރާއްޖޭގެ ފޯވާޑް ލައިނުން ކޮންމެ ގޮތަކަށް ކުޅެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާނީ އިންޑިއާގެ ކުޅުންތެރިން އެ ޖާގަ ދީފިނަމަ ކަމަށެވެ.

"އަހަރެމެން ކުޅުންތެރިން ކައިރި ބުނެފައިވާ ގޮތަށް ކުޅެފިނަމަ ރާއްޖެއަށް އަހަރެމެން ކައިރިން ކުޅެވޭނެ އެއްވެސް ފުރުސަތެއް ނުލިބޭނެ، މުޅި ޓީމު އޮތީ ވަރަށް ސާބިތުކަމާއެކު" އިންޑިއާގެ ކޯޗު ބުންޏެވެ.

މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ބުނީ ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެ މިހާރު ފެންނަނީ ބޯޅަ ހިފަހައްޓައިގެން ވަރަށް ރަނގަޅު ޓީމު ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައިކަމަށެވެ.

"މިހާރު ރާއްޖެ ކުޅެނީ ވަރަށް ރީތި ޕާސިން ގޭމެއް، ލަނޑުޖަހާނެ ފުރުސަތު އެބަ ހޯދާ، މި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ދުވަސްތައް އިސްރާފުނުކޮށް ކުޅުންތެރިން ބިނާކޮށް ރީތި ފުޓުބޯޅައެއް ކުޅުވަން މަސައްކަތްކޮށްފި، މިހާރު ރާއްޖެ ކުޅޭ ކުޅުމުން މި ފެންނަނީ ނަތީޖާ" އިންޑިއާ ކޯޗު ބުންޏެވެ.

ކޯޗު ބުނީ ރާއްޖޭގެ އެންމެ ވަރުގަދަ ހަތިޔާރަކީ ފޯވާޑް ލައިން ކަމަށާއި އެއީ އިންޑިއާއިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމެއް ކަމަށެވެ. އަދި ލަނޑުޖަހަން ރާއްޖެ ޓީމުން ވަރަށް ރަނގަޅަށް ފުރުސަތު ތަނަވަސްކުރާ ކަމަށާއި މިއީ އިންޑިއާ އިން ހާއްސަ ސަމާލުކަމެއް ދޭނެކަމެއް ކަމަށެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ) ނޫނަސް ރާއްޖެ ޓީމުގައި ސަމާލުކަން ދޭންޖެހޭ ކުޅުންތެރިން ތިބިކަމަށް އިންޑިއާ ކޯޗު ބުންޏެވެ.

"ރާއްޖޭގެ ފޯވާޑް ލައިން ބަލާލުމުން އެބަފެނޭ މި މުބާރާތުގައި ތަފާތުކަން، އަހަރެމެންގެ ޑިފެންޑަރުންނަށް އިރުޝާދުދިން ގޮތަށް އަމަލުކޮށްފި ނަމަ މި މެޗުގައި ރާއްޖެ ޓީމަށް ލަނޑުޖަހަން އުނދަގޫވާނެ" އިންޑިއާ ކޯޗު ބުންޏެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން ބުދަދުވަހުގެ ރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ???

  ރާ އްޖެ މޮޅުވާނެ. އިންޝާ ﷲ

  13
 2. ބާރަވަނަ ކުޅުންތެރިޔާ

  މާބޮޑަށް ފޮނި ނުކަނޑާ އިނގޭ. އިންޑިއާއިން ފުރުސަތު ދީގެންތަ ދެފަހަރު ފައިނަލްގަ ބަލިކޮށްފަ ތަށި ގެނައީ. މެޗުގެ ނަތީޖާ އައިސްދާނެ ކޮންމެ ގޮތަކަށްވެސް. ދެން ފޯވަޑްލައިނަށް ސަމާލުވާށޭ ކިޔާފަ ކުރީ ފަހަރުހެން އަޝްފާގުގެ ނޭފަތް ފަޅާލާނީކީ ނޫން.

  10
 3. އަހްމަދު

  ﷲގެހެޔޮ ރަހްމަތާއެކި މިރޭގެމެޗް ރާއްޖެތަފާތުދައްކާނެ އިންޝާﷲ

 4. ކާފަބޭ2020

  ނުސީދާކޮށްއެބުނީ ދިވެހިކުޅުންތެރިއަކަށް ބޯޅަލިބޭއިރަށް ގެރީގެދަޅުންޖަަހާވައްޓާލާނެއޭ! ގެރިތަކުގެދަޅުންޖަހާނެކަން ދަނެގެން އެދަޅުތަކުންޖެހިޔަނުދީ ފުރިހަމަކާމިޔާބެއްލިބޭތޯ ގަދައަޅާމަސައްކަތްކުރާށެވެ. ޢިންޝާﷲކާމިޔާބުދެއްވާނެ!