ރާއްޖޭގެ ފޯވާޑް ލައިނުގައި ހިމެނޭ އަލީ އަޝްފާގު (ދަގަނޑޭ) އާއެކު ފޯވާޑް ލައިނުގައި ހިމެނޭ އެހެން ކުޅުންތެރިންނަކީ އިންޑިއާއަށް ބިރެއް ކަމަށާއި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މި މެޗުން އިންޑިއާ ކޮންމެހެން މޮޅެއް ހޯދަންޖެހެއެވެ. އެއީ އެ ޓީމަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ ބަލިކޮށްގެންނެވެ. ރާއްޖެއަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އެބައޮތެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ބުނީ އިންޑިއާ އިން މެޗުގައި ހާއްސަ އިސްކަމެއް ދޭންޖެހޭ ބަޔަކީ ރާއްޖޭގެ ފޯވާޑުން ކަމަށާއި އިންޑިއާއިން ރާއްޖޭގެ ފޯވާޑުން ހުއްޓުވާނެ ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ.

އިންޑިއާގެ ތަޖުރިބާކާރު ކޯޗު ބުނީ ރާއްޖޭގެ ފޯވާޑް ލައިނުން ކޮންމެ ގޮތަކަށް ކުޅެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާނީ އިންޑިއާގެ ކުޅުންތެރިން އެ ޖާގަ ދީފިނަމަ ކަމަށެވެ.

"އަހަރެމެން ކުޅުންތެރިން ކައިރި ބުނެފައިވާ ގޮތަށް ކުޅެފިނަމަ ރާއްޖެއަށް އަހަރެމެން ކައިރިން ކުޅެވޭނެ އެއްވެސް ފުރުސަތެއް ނުލިބޭނެ، މުޅި ޓީމު އޮތީ ވަރަށް ސާބިތުކަމާއެކު" އިންޑިއާގެ ކޯޗު ބުންޏެވެ.

ލަނޑުޖަހަން ރާއްޖެ ޓީމުން ވަރަށް ރަނގަޅަށް ފުރުސަތު ތަނަވަސްކުރާ ކަމަށާއި މިއީ އިންޑިއާ އިން ހާއްސަ ސަމާލުކަމެއް ދޭނެކަމެއް ކަމަށެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ) ނޫނަސް ރާއްޖެ ޓީމުގައި ސަމާލުކަން ދޭންޖެހޭ ކުޅުންތެރިން ތިބިކަމަށް އިންޑިއާ ކޯޗު ބުންޏެވެ.

"ރާއްޖޭގެ ފޯވާޑް ލައިން ބަލާލުމުން އެބަފެނޭ މި މުބާރާތުގައި ތަފާތުކަން، އަހަރެމެންގެ ޑިފެންޑަރުންނަށް އިރުޝާދުދިން ގޮތަށް އަމަލުކޮށްފި ނަމަ މި މެޗުގައި ރާއްޖެ ޓީމަށް ލަނޑުޖަހަން އުނދަގޫވާނެ" އިންޑިއާ ކޯޗު ބުންޏެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން ބުދަދުވަހުގެ ރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯސް

    އިންޑިއާގެ ޕްލޭން އަކީ ރާއްޖޭގެ ޓީމަށް މެޗުގެ ކުރިން ތައުރީފުގެ ބަސްތައް އޮސުވައިގެން އޯވާރ ކޮންފިޑެންސް ދީގެން ޓީމުގެ ކުޅުން ހަލާކު ކޮއްލުން. މުސްކުޅިން ބުނާ ގޮތުގަ ވެއްޖެއާމުން އެސްފީނާ އެޅުން. މާތްﷲ އިރާދަފުޅު ކުރެއްވީއާމުން އެކަމެއް ހާސިލެއް ނުވާނެ. އިންޝާﷲ، މީ އަހަރުމެންގެ ފަހަރެއް. ދިވެހި ޓީމު ފިޒިކަލީ އަދި މެންޓަލީ ދުޅަހެޔޮ ކަންމަތަކީ ލަހައްޓަވާށި. އާމީން.

    10