ކޮލިފައިންގައި ލަންޒެމްބާގް ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއިން ބަލިކޮށް ގަތަރުގައި 2022 ވަަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމާއި ގާތަށް ޕޯޗުގަލް ޖެހިލައިފިއެވެ.

ޕޯޗުގަލްގައި ކުޅުނު މި މެޗުގައި ލަގްޒަމްބާގް އަތުން އެ ޓީމު މޮޅުވެފައިވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑަކީ ރޮނާލްޑޯ ގެ ލަނޑުތަކެވެ. މި ހެޓްރިއާއެކު އޭނާ ގައުމީ ޓީމަށް ހަދައިދިން ހެޓްރިކްތަކުގެ އަދަދު ވަނީ 10 އަށް އަރާފައެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ ޕޯޗުގަލް އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑަކީ މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި ޕެނަލްޓީ ފަސޭހަކަމާއި އެކު ކާމިޔާބުކޮށްފައެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން އަނެއްކާވެސް ޕޯޗުގަލްއަށް ޕެނަލްޓީއެއް ލިބުުނެވެ. މި ލަނޑުވެސް ޖެހީ ރޮނާލްޑޯ އެވެ.

ޕޯޗުގަލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ބްރޫނޯ ފެނާންޑޭޒް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ޕޯޗުގަލް ތިން ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފުގައި ވެސް ޕޯޗުގަލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގައި ލަގްޒަމްބާގް ބޮޑަށް މަސައްކަތްކުރީ އެޓޭކަށް އެރުމަށްވުރެ ބޮޑަށް ފަހަތަށް ފައިބައިގެން ޕޯޗުގަލްއަށް އިތުރު ލަނޑުތަކެއް ޖެހިޔަނުދީ ހިފެހެއްޓުމަށެވެ. ނަމަވެސް އެކަން އެ ޓީމަށް ނުވިއެވެ. މެޗުގެ 69 ވަނަ މިނެޓުގައި ޕޯޗުގަލްގެ ހަތަރުވަނަ ލަނޑެއް ވަނީ ޖަހާާފަައެވެ. މި ލަނޑު ބްރޫނޯގެ އެހީއާއެކު ޖެހީ ޖާއޯ ޕައުލީނިއޯ އެވެ.

ރޮނާލްޑޯ ހެޓްރިކް ފުރިހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ.

މި ނަތީޖާއާއެކު ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ޕޯޗުގަލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ދެވަނަ މަގާމުގައެވެ. އެއް މެޗު އިތުރަށް ކުޅެގެން މި ގްރޫޕުގެ އެއްވަނައިގައި 17 ޕޮއިންޓާއެކު އޮތީ ސާބިއާއެވެ.

މިހާތަނަށް ޖުމްލަ ތިން ޓީމެއް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. އެއީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރާއި ކޮލިފައިވި ދެ ޓީމު ކަމަށްވާ ޑެންމާކް އަދި ޖަރުމަނެވެ.