ރާއްޖޭގައި ބީޗް ވޮލީގެ ހަރަކާތްތައް ފުޅާކުރުމަށް ރާއްޖޭގައި ވޮލީބޯޅައިގެ މައި އިދާރާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އެފްއައިވީބީއާއެކު އެއްބަސްވެއްޖެއެވެ.

ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ރޭ ބޭއްވި ހަފުލާއެއްގައި ވަނީ މިކަމަށް އެއްބަސްވެ ހާއްސަ ސޮއިކުރުމުގެ ހަފްލާއެއް ބާއްވާފައެވެ. އެފްއައިވީބީގެ ފަރާތުން މި އެއްބަސްވުމުުގައި ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބްރެޒިލުގެ އަރީ ގްރާސާއެވެ. ވީއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަނޭޝްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއައިވީބީގެ ރައީސް ގްރާސާ ވިދާޅުވީ ރާއްޖެއަށް ބަލާނަމަ ބީޗް ވޮލީބޯޅައަކީ ކުރިއަރާނެ ކުޅިވަރެއް ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބީޗް ވޮލީ އުނދަގުލަކާ ނުލައި ކުޅެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހިތްގައިމުކަން އަމިއްލަ ލޮލުން ދެކިލުމަށް އެދޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާތަނަށް ދަތުރު ކުރެވިފައިވާއިރު، ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ބީޗް ވޮލީބޯޅައަށް ފައްކާވެފައިވާ ގައުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގްރާސާ ވިދާޅުވީ ވޮލީބޯޅަ ކުރިއެރުވޭނީ ހުރިހާ ގައުމަކަށްވެސް އެއްވަރަކަށް ފުރުސަތުތައް ތަނަވަސްކޮށްދީގެން ކަމަށާއި، ކުޅިވަރަކީ ހަމައެކަނި ފައިސާ ޚަރަދުކޮށްގެން ކުރިއަރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިޔަށްއޮތް ތަނުގައި ރާއްޖޭގައި އެފްއައިވީބީގެ ވޮލީ މުބާރާތްތައް ބާއްވާނެކަމުގެ ޔަގީންކަންދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީޗް ވޮލީބޯޅައަކީ ސްޕޯޓްސް ޓުއަރިޒަމެއްގެ ގޮތުގައި ކުރިއެރުވޭނެ ކުޅިވަރެއް ކަން ފާހަގަކުރަމުން ގްރާސާ ވިދާޅުވީ ރާއްޖެއަކީ ވޮލީ ކުރިއެރުވުމުގައި ލާމަސީލު ބައެއް ކަމަށެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބީޗް ވޮލީބޯޅައަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަވެގެންދާނެ ކުޅިވަރެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ސަރުކާރުން ވޮލީބޯޅައިގެ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.