ދެކުނު އޭޝިއާގެ ފުޓުބޯޅައަކީ މުޅި ދުނިޔެއަަށް ބަލާއިރުވެސް އެންމެ ނިކަމެތި ފުޓުބޯޅަ ހިސާބެވެ. ކުޅުންތެރިންނަށް ބަލާއިރުވެސް، އުމްރާނީ ވަސީލަތްތަކަށް ބަލާއިރު ވެސް މި ސަރަހައްދުގެ ފުޓުބޯޅައަކީ އެހެން ހިސާބުތަކާއި އަޅާބަލާއިރު ދަށް ހިސާބެކެވެ. ފަހަރެއްގައި މިއީ ކްރިކެޓަށް މި ސަރަހައްދުން އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މި ބައްރުން ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން އެބަތިއްބެވެ. ދުނިޔޭގެ ރެކޯޑޫ ފޮތްތަކުން ވެސް މި ދެ ކުޅުންތެރިން ވަނީ ޖާގަ ހޯދާފައެވެ. އެއީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިންޑިއާގެ ސުނިލް ޗެތްރީ އެވެ.

މި ދެ ކުޅުންތެރިންނަކީ ވެސް ފޯވާޑުންނެވެ. އިންޑިއާގެ ފުޓުބޯޅައަށް ބަލާއިރު ސުނިލް ޗެތްރީއަކީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. އުމުރުން 37 އަހަރުގައި ވެސް އޭނާ ދަނީ ގައުމީ ޓީމާއި ކުލަބް ފުޓުބޯޅައިގައި ތަފާތު ދައްކަމުންނެވެ. އިންޑިއާގެ އެންމެ ކާމިޔާބު ކެޕްޓަން ބައިޗަންގް ބުޓިއާ ފާހަގަކުރާ ގޮތުގައި ޗެތްރީއަކީ އިންޑިއާގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

ދެން އޮތީ ދަގަނޑޭ ގެ ވާހަކައެވެ. އުމުރުން 36 އަހަރުގެ ދަގަނޑޭ އަކީ ރާއްޖޭގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު އަދި އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާގެ ކޮށްޓުމާއި ނެއްޓުމަކީ ބޭރުގެ ފުޓުބޯޅައިގެ ލޮލުގައި އަދިވެސް އަޅައިގަންނަ ކަންތައްތަކެވެ. ދަގަނޑޭގެ ވާހަކަ މި ބައްރުގައި ނުދައްކާ ބަޔަކު މަދުވާނެއެވެ.

ދަގަނޑޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް 85 މެޗު ކުޅެދީފައެވެ. މީގެތެރެއިން ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުތަކުގެ އަދަދު އުޅެނީ 55 ގައެވެ. އޭނާއާއި ވާދަަވެރި ސުނިލް ޗެތްރީ ގައުމީ ޓީމަށް މިހާތަނަށް 123 މެޗު ވަނީ ކުޅެދީފައެވެ. މީގެތެރެއިން އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުތަކުގެ އަދަދު އުޅެނީ 77 ގައެވެ. ބޮޑު ފަރަގެއް އޮތް ނަމަވެސް މެޗުގެ ނިސްބަތުން ދަގަނޑޭ އުޅެނީ ކުރީގައެވެ.

ދުނިޔޭގެ އެންމެ ގިނަަ ލަނޑުޖެހި 50 ފޯވާޑުންގެ ތެރޭގައި ޗެތްރީއާއި ދަގަނޑޭ ހިމެނޭ

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ އެންމެ ގިނަ ލަނޑުޖެހި 50 ކުޅުންތެރިންގެ ލިސްޓުގައި ދަގަނޑޭ އާއި ޗެތްރީ ހިމެނެއެވެ. މި މުބާރާތުގައި އެކަނިވެސް ޗެތްރީ ވަނީ ރެކޯޑެއް ހަދާފައެވެ. މިހާތަނަށް މި މުބާރާތުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޗެތްރީ ވަނީ ބްރެޒިލްގެ ފުޓުބޯޅަ ތާރީހުގެ އެންމެ އަލިގަދަ އެއް ކުޅުންތެރިޔާ ޕެލޭ އާއި އަރާ ހަމަކޮށްފައެވެ. އެއީ ޖުމްލަ 77 ލަނޑު ޖަހައިގެންނެވެ. ޗެތްރީ މި ލިސްޓުގައި ހިމެނެނީ ޕެލޭ އާއެކު 9 ވަނައިގައެވެ.

މި ލިސްޓުގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ 32 ވަނައިގައި ރޭންކުކޮށްފައެވެ. އެއީ ޗެކް ރިޕަބްލިކްގެ ޖެން ކޮލާ އާއި ސިންގަޕޫރުގެ ފަންޑީ އަހުމަދު އާއެކު އެވެ. ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް ދަގަނޑޭ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ އިންގްލޭންޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ފަހަތަށް ޖައްސާލާފައެވެ.

މި ލިސްޓުގައި ދެކުނު އޭޝިއާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގަދަ 50 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ އާއި ޗެތްރީ ފިޔަވާ އެހެން ކުޅުންތެރިންނެއް ނެތެވެ. އެހެންކަމުން މިއީވެސް މި ދެ ކުޅުންތެރިންގެ ތަފާތުކަން ހާމަވާ އެއް ކަމެވެ.

ދެ ކުޅުންތެރިން ތިބީ އަދިވެސް ކެރިއަރު ނިންމާލާ ވިސްނުމެއްގަައެއް ނޫނެވެ. ނަމަވެސް މިއީ މި ދެ ކުޅުންތެރިން އެކުގައި އެއް މުބާރާތެއްގައި ފެންނާނެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ވަރަށް ގާތެވެ. ފުޓުބޯޅަ ކެރިއަރުގައި މި ދެ ކުޅުންތެރިން އަދިވެސް ތިބީ ގިނަ ލަނޑުތަކެއް ޖެހުމުގެ ވިސްނުމުގައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ރަސްގެފާނަކީ ދަގަނޑޭ!

ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕެވެ. 1993 ގައި ޕާކިސްތާނުން ފެށިގެން ބާއްވަމުން އައި މި މުބާރާތުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބެނީ އަލީ އަޝްފާގު (ދަގަނޑޭޭ) އަށެވެ. ދަގަނޑޭ މިހާތަނަށް ޖުމްލަ 22 ލަނޑު މި މުބާރާތުގައި ޖަހާފައިވާއިރު އޭނާއާއި އެންމެ ކައިރިން ވާދަކުރަނީ ސުނިލް ޗެތްރީއެވެ. ޗެތްރީއަށް މިހާތަނަށް ޖެހުނީ 15 ލަނޑެވެ.

މި ލިސްޓުގެ ތިންވަނައިގައި ޖުމްލަ 12 ލަނޑާއެކު އިންޑިއާގެ ބައިޗުންގް ބުޓިއާ ހިމެނޭއިރު ހަތަރުވަނަ އަދި ފަސްވަނައިގައި ހިމެނެނީ ދިވެހި ކުޅުންތެރިންނެވެ. އެއީ ޖުމްލަ 10 ލަނޑު ޖަހައިގެން އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގު (ޓޮމް) އެވެ.

ދަގަނޑޭގެ އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕަކީ 2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި މުބާރާތެވެ. އެ ބުރު ސެމީފައިނަލުން ރާއްޖެ ކެޓި ނަމަވެސް މިއީ ދަގަނޑޭގެ ކާމިޔާބީގެ ފެށުމަށް ވިއެވެ. މި މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި ދަގަނޑޭ ހިމެނުނެވެ. އެއީ ޖުމްލަ ތިން ލަނޑު ޖަހައިގެންނެވެ.

އޭގެފަހުން 2008 ގައި ރާއްޖެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލިއެވެ. އެފަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ހޯދިއެވެ. އަދި އެ މުބާރާތުގެ އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިއަކަށް ވެސް އޭނާ ވިއެވެ. ސަރަހައްދީ މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި ދަގަނޑޭގެ ނަން އެރިއެވެ.

ދަގަނޑޭ ކުޅުނު ސާފް ޗެމްޕިއަންޝިޕުތަކުގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 2013 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެއީ ޖުމްލަ 10 ލަނޑު ޖަހައިގެންނެވެ. މީގެތެރޭގައި ސްރީލަންކާ އަތުން 10-0 އިން މޮޅުވި މެޗުގައި ހެދި ޑަބަލް ހެޓްރިކް ފާހަގަކޮށްލެވެއެވެ. މިއީ މި މުބާރާތުގެ ރެކޯޑެކެވެ. އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތީ ދަގަނޑޭ އަތުގައެވެ.

މިހާރު ރާއްޖޭގައި ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ދަގަނޑޭ އެންމެފަހުން ސާފް ޗެމްޕިއަންޝިޕެއްްގަައި ވާދަކުރީ 2015 ގައެވެ. އެފަހަރު އޭނާއަށް ޖެހުނީ ދެ ލަނޑެވެ.

މިއީ އިންޑިއާ- ރާއްޖެ މެޗެއްގައި ދަގަނޑޭ ޗެތްރީ ކުޅޭ ފަހު ފަހަރަށްވުން ގާތް

ޗެތްރީއާއި ދަގަނޑޭ އަކީ މިހާރުވެސް ފުޓުބޯޅައިން ރިޓަޔާވާ އުމުރުގައި ތިބި ދެ ކުޅުންތެރިންނެވެ. މި ދެކުނު އޭޝިއާ ބައްރުގެ ރަސްކަން ގިނަ އަހަރުތަކެއް ވަންދެން މި ދެ ކުޅުންތެރިން ކުޅުނުއިރު މިއީ މި ދެ ކުޅުންތެރިން އެކުގައި އެއް މެޗެއްގައި ގައުމު ތަމްސީލުކުރާނެ ފަހު ފަހަރަށްވުން ވަރަށް ގާތެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗެތްރީ އަދި ގައުމީ ޓީމުން ރިޓަޔާވުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ނަމަވެސް އިންޑިއާގެ ސީނިއާ ޓީމުން ސާފް ޗެމްޕިއަންޝިޕެއްގައި ދެން ވާދައެއްނުކުރާނެ އެވެ. މިފަހަރުވެސް އިންޑިއާއިން މި މުބާރާތުގައި ވާދަކުރަން ނިންމީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވުމަށް ކަމަށް ބުނެއެވެ.

ރާއްޖެއިން 2018 ގެ ސާފް ތަށި އުފުލާލިއިރު ފައިނަލުގައި ކުޅުނީ އިންޑިއާގެ ޒުވާން ޓީމެވެ. އެފަހަރު ޗެތްރީ ސްކޮޑުގައި ނުހިމެނީ އެއީ ސީނިއާ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވުމުންނެވެ.

މިފަހަރުގެ މުބާރާތުގެ ކުރިން މިއީ ދަގަނޑޭގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތްކަމަށް ވާހަކަދެކެވުނެވެ. އަދި މި މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. މިކަމުގެ ހަގީގަތެއް ދަގަނޑޭ އަދި މީޑިއާއަކަށް ހާމައެއްނުކުރެއެވެ. ނަމަވެސް ޔަގީންވާ އެއް ކަމަކީ މާ ގިނަ އަހަރުތަކަކަށް ދަގަނޑޭ ގައުމީ ޓީމަށް ދެން ނުކުޅޭނެ ކަމެވެ.

މިފަހަރު ޗެމްޕިއަންކަން ހޯދަން މި ދެ ކުޅުންތެރިންނަށް ބަރޯސާވާ މިންވަރު ބޮޑު

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާއިރު މި ދެ ޓީމުވެސް މިހާތަނަށް ތިން މެޗެއް ކުޅެފިއެވެ. ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އެއް މެޗުން ވީ ބައްޔެވެ. އިންޑިއާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ އެއް މެޗުން އޮތީ މޮޅުވެފައެވެ. އިންޑިއާ އާއި ދެކޮޅަަށް ކުޅޭ މެޗުން ރާއްޖެ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އެބައޮތެވެ. އިންޑިއާ އަށް އޮތް ހަމައެކަނި ގޮތަކީ ރާއްޖެ ބަލިކުރުމެވެ.

އަލީ އަޝްފާގް (ދަގަނޑޭ)-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އިންޑިއާގެ ކޯޗުގެ ވާހަކަތަކުން ވެސް އެ ޓީމުން އެންމެ ބަރޯސާވާނެ އެއް ކުޅުންތެރިއަކީ ޗެތްރީއެވެ. އިންޑިއާއިން މި މުބާރާތުގައި ކުޅުނު މެޗުތަކުން ޗެތްރީ ދެ ލަނޑު ޖެހިއިރު މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ވެސް އިންޑިއާއިން އެ ކުޅުންތެރިއަކަށް ބަރޯސާވާ ކުޅުންތެރިއަކީ ޗެތްރީކަން ހާމަވެއެވެ. މުބާރާތުގައި ލަނޑު ނުޖެހުމުގެ މައްސަލަ ދިމާވެފައިވާ އިންޑިއާ ޓީމު އެންމެފަހުން ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް އިންޑިއާ ސަލާމަތްކޮށްދިނީ ޗެތްރީއެވެ. ފޯވާޑް ލައިނަށް ލާ ކޮންމެ ބޯޅައެއްގައި ޗެތްރީ ބޮޑު ދައުރެއް އަދާކުރެއެވެ.

އަލީ އަޝްފާގު (ދަގަނޑޭ) އަކީ ރާއްޖޭގެ ގައުމީ ޓީމު އަދިވެސް އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިއެވެ. އަދި މިފަހަރުގެ މުބާރާތުގައި ފެންނަ އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާއެވެ. އިންޑިއާ ކޯޗުގެ ވާހަކަތަކުން ވެސް އެ ގައުމުން އެންމެ ސަމާލުކަން ދޭންޖެހޭ ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ފާހަގަކުރެއެވެ. އަދި އިންޑިއާގެ ޑިފެންސްލައިނަށް އެންމެ ނުރައްކާކުރާނެ ކުޅުންތެރިއަކީ ވެސް ދަގަނޑޭ ކަަމަށް ފާހަގަކުރެއެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ގަލޮޅު ދަނޑުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މި މެޗަކީ ދެ ކުޅުންތެރިންނަށް ވެސް ހާއްސަ މެޗަކަށްވާނެ ކަން ޔަގީނެވެ. ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް މި މެޗުގެ ވާހަކަ ދައްކާއިރު މީސްމީޑިއާގައި ވެސް ދެ ކުޅުންތެރިންގެ ބަހުސްތައް ވަނީ ފަށާފައެވެ. ދަގަނޑޭ ކޮޅަށް އިންޑިއާގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝް ސަޕޯޓަރުން އަރަމުންދާއިރު ޗެތްރީ ކޮޅަށް އަރަމުންދާ ސަޕޯޓަރުންވެސް މަދެއްނޫނެވެ. ދެ ކުޅުންތެރިންވެސް ބޭނުންވާނީ މިފަަހަރުގެ ސާފް ތަށި ހޯދަންކަން ޔަގީނެވެ. އެއީ ކެރިއަރު ނިންމާލާއިރު މިއަށްވުރެ ރީތިކޮށް ނިންމާލާނެ ރަނގަޅު ފުރުސަތެއް އަވަހަށް ދެން ލިބެން ނެތީމައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ދަގަޑޭ ހީވަނީ ސްޓޯން އޭޖް ގެ މީހެއް ހެން ބޮޑު ތުބުޅު އާ އެކު! ވ ދެން ނީޓް ނުން!

  16
  20
  • ކޭ

   ތުނބުޅި ބެހެއްޓިއަސް ގްރޫމްކުރާނަމަ ތާހިރުވާނެ.

 2. ހުސެން ސަނީ

  އަސްފާގައްވުރެ ޗެތްރީ މޮޅު

  17
  17
 3. ސަމާ

  މުބާރާތުން މިރޭ #އިންޑިއާއައުޓް ކުރާނެ. ހަމަ ޔަގީނުންވެސް ދިވެހި ޓީމްގެ ވިންދަކީ އެއީ.

  21
  7
  • ނިކް

   ލޮލް ނިކަން އައުޓް ވެއްޖެއެނުން

 4. ވަސީމާ

  މިރޭ އިންޑިއާ ކަޓުވާލައިފިނަމަ އަހަރެންނަށް އެވަރުން ވާނެ، ހެޔޮ ތަށި ނުލިބުނަސް.

  24
  4
 5. މޯދީ ޖީ

  މިރޭ އިންޑީޔާ މޮޅުވާނެ! ހަމާރާ ދޭޝް ދޯސްތޯންކޯ ގްރޭވް! ނިކަން އަރުވަބަލަ! މިރޭ ގަލޮޅު ދަނޑޫ ފުރާލާނީ އިންޑިޔާ ސިފައިން ވެގެން.. ދެން ލަލަލާ!

 6. ޢާދަނު

  ޗެތުރީ އަދިވެސް ހަމަ ވަރަށް މޮޅު...ދަގަނޑޭ މިހާރު ޗެތުރީއާއި އެއް ލިސްޓަށް ލާވަރުވެސް ނުވޭ...

 7. ނިސްރީ

  ބޯހަލާކު..ދެން ކާކުތަ ޗެތް ރީ އަޝްފާގު ޗެތް ރީ އާއެއްވަ ރު ކު ރާނީ ؟ ބޯޅަ ފައިގަ ޖެހޭއި ރަށް ކުނި ބަބުކޭލެއް ހެން ބިން މައްޗަށް ޗަސްވެފަ އޮންނަ މީހެއް ތި އަޝްފާގަކީ. މިހާ ރު ދެން ގައުމީ ޓީމަށް ވެސް ހު ރި ލަދެއް ތި ކަސްފާގަކީ..