ކާމިޔާބީއަކީ ކޮންމެ ފަހަރަކު ލިބޭނެ އެއްޗެއް ނޫނެވެ. ނާކާމިޔާބީއިން ހިތްވަރު ލިބި ކުރިއަށް އޮތް ތާނގައި ކާމިޔާބީއަށް ވާސިލް ވުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ދުނިޔޭގައި އުޅެއެވެ. އަދި ނާކާމިޔާބީއަކީ ބަދު ނަސީބުކަމުގައި ނުދެކި އާފެށުމަކުން ފަށާ މީހުންވެސް އުޅެއެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ނާކާމިޔާބު ވުމުން އަލުން ބަދަލަކާއި އެކު ނުކުމެ ތަފާތު ދައްކަފައި އެބަހުއްޓެވެ.

މިގޮތުން މިއަހަރުގެ ވޯލްޑްކަޕްގެ އެންމެ ހިތްދަތި ނިމުމަކަށް ވެގެންގޮސްފައިވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއާއި ދެކޮޅަށް ކުޅެ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަނުން ކަމަށްވާ ވަރުގަދަ ސްޕެއިން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުމެވެ.

ވޯލްޑްކަޕާއި އަލްވަދާއު ކިޔުމަށް ފަހު އެގައުމުގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ އޭނާ ގައުމީ ޓީމުން ރިޓަޔާ ނުކުރާ ކަމަށާއި 2022 ވަނަ އަހަރު ގަތަރު ގައި އޮންނަ ވޯލްޑްކަޕްގައި އޭނާ ކުޅޭނެ ކަމަށެވެ. އަދި އެ ވޯލްޑްކަޕަށް އޭނާ ނުކުންނާނީ ނުރަ ތުނބުޅިއަކާއި އެކުގައި ކަމަށްވެސް ރާމޯސް ވަނީ ބުނެފައެވެ.

ވޯލްޑްކަޕާއި އަލްވަދާއު ކިޔަން ޖެހުމުން ރާމޯސް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވޯލްޑްކަޕާއި އަލްވަދާއުކިޔަން ޖެހުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށާއި ނަމަވެސް އާފެށުމަކުން ފަށައިގެން ކާމިޔާބީއަށް ވާސިލްވުމަށް ކެނޑި ނޭޅި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސްޕެއިންގެ އަގު ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށްވެސް ރާމޯސް ބުނެފައިވެއެވެ.

2022 ގައި ރާމޯސް ކުޅޭ ވޯލްޑްކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕަށް ވުންވެސް އެކަށީގެންވެއެވެ. އަދި ނުރަ ތުނބުޅި ރާމޯސް އެ ސިފަ ކުރަނީ ގަތަރު ވޯލްޑްކަޕަށް އޭނާއަށް 36 އަހަރުވާނެތީ ކަމަށްވެސް ބެލެވެއެވެ.