ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ބެލްޖިއަމް އާއި ކުޅެ ހިތްދަތިކޮށް ބަލިވި ނަމަވެސް ޖަޕާނުގެ ކުޅުންތެރިން ނަމޫނާ ދައްކައިފިއެވެ.

އެގޮތުން މުބާރާތާއި އަލްވަދާއު ކިޔައި ސްޓޭޑިއަމް ދޫކުރުމުގެ ކުރިން ޖަޕާނުގެ ކުޅުންތެރިންވަނީ އެކުޅުންތެރިން ތިބި ޗޭންޖިންގް ރޫމް ވަރަށް ރީތިކޮށް ސާފުކޮށްފައެވެ. އަދި ސާފުކުރުމަށް ޖަޕާނުންވަނީ ރަޝިއާއަށް ޝުކުރު އަދާކޮށް ކުޑަ ކަރުދާންކޮޅެއް ޗޭންޖިންގް ރޫމަށް ދޫކޮށްފައެވެ.

ރޭގެ މެޗުގެ ދެވަނަ ހާފު ފެށިގެން އިރުކޮޅެއް ނުވެ ޖަޕާނުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ބެލްޖިއަމް އިން ވަނީ ފަހަތުން އަރައި މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. މި މޮޅާއި އެކު ބެލްޖިއަމް އިން ވަނީ ވޯލްޑް ކަޕު ރެކޯޑަކާއި ވެސް އަރާ ހަމަ ކޮށްފައެވެ. އެގޮތުން ބެލްޖިއަމް އަކީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕު މެޗެއްގައި 2 ލަނޑުން ބަލިކޮށް އޮވެ ފަހަތުން އަރައި މެޗަކުން މޮޅުވި ފުރަތަމަ ޓީމެވެ.

ޖަޕާނުގެ ޓީމުން އެމީހުން ތިބި ޗޭންޖިންގ ރޫމު ސާފުކޮށްފައިވާއިރު މެޗަށް ފަހު ޖަޕާނުގެ ސަޕޯޓަރުންވެސް ވަނީ ސްޓޭޑިއަމްއަށް އަޅާފައިހުރި ކުނިތަށް ސާފުކޮށް މުޅި ދުނިޔޭގެ ތައުރީފް ހޯދައިފައެވެ.

މެޗުން ބަލިވުމުން ގިނަ މީހުން ތަނަށް ގޯނާކޮށް ތަން ހަޑި ކުރަމުން ދިޔުން އެއީ އާއްމު ކަމަކަށް ވާއިރު ޖަޕާނު ސަޕޯޓަރުން ވަނީ ގުރޫޕް ސްޓޭޖުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗު ނިންމުމަށް ފަހުވެސް އެމީހުން ތިބި ސަރަހައްދު ސާފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަވަ

    ޖަޕާނު މީހުންނަކީ ވަރަށް ލާމަސީލުބައެއް. އުޅުމާއި އަޙްލާގު އަދި އެނެކުންނަށް ގަދަރާއި އިހްތިރާމް ކުރާ ތީތި އުޅުމެއްގެ ވެރިބައެއް.
    އަޅުގަނޑުމެންވެސް މިފަދަ ކަންކަމުން އިބްރަތް ހާސިލްކުރަމާހިންގަވާ..