ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗަށްފަހު ނޭޕާލުގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ނޭޕާލްގެ ކޯޗު އަބްދުﷲ އަލްމުތައިރީ ނިންމައި އެކަން ހާމަކޮށްފިއެވެ.

ކޯޗު މިހެން ބުނެފައިވަނީ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ނޭޕާލްގެ ތާރީހުގައި އެ ޓީމު ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރި މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުންނެވެ.

ނޭޕާލްގެ ކޯޗު ވަނީ ނޭޕާލްގެ މީޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ނޭޕާލުން މެޗު ވިއްކާލާކަމުގެ ތުހުމަތުތަކާއި ނޭޕާލްގެ މީޑިއާތަކުން އޭނާގެ ނަން ބޭނުންކޮށްގެން ކުރަމުންދާ ނޭދެވޭ އެންމެހާ ކަންކަމުގެ ސަބަބުން ކޯޗު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އަހަރެންގެ ނަން ބޭނުންކޮށްގެން ތި ކުރާ ހުރިހާ ނޭދެވޭ ކަންތަކުން ދުރުވޭ، އަހަރެންގެ އާއިލާއަށް ދައްކާނީ ކޮން މޫނެއް، އަހަރެމެން ފައިނަލަށް ދިއުމަކީ ދުޝްމަނުންނަށް ﷲ ދިން ވަރުގަދަ މެސެޖެއް" ނޭޕާލްގެ ކުވެއިތް ކޯޗު ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ނޭޕާލްގެ ނޫސްވެރިން ވަނީ ކޯޗާއި ނޫސްވެރިންނާއި ދެމެދު އޮތް ގުޅުން ގޯސްކަމަށް ބުނެފައެވެ. އަދި މައްސަލަ ކުރިމަތިވީ ލިޔުނު ރިޕޯޓުތަކަކާއި މީސްމީޑިއާގައި ކޯޗާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ. އަދި ބަންގްލަދޭޝް އާއި ދެކޮޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ނޭޕާލުގެ ނޫސްވެރިން ކޯޗާއި ވާހަކަދެއްކުމުގެ އެއްވެސް ފުރުސަތެއް ނުދޭކަމަށާއި ޕްރީމެޗް ކޮންފަރެންސަށް ވެސް ހާޒިރުނުވުމުން ކަންބޮޑުވާ ކަމަށް ބުނެފައެވެ.

ނޭޕާލް ކޯޗު މި މަގާމާއި ހަވާލުވެފައިވަނީ މީގެ ހަތްވަރަކަށް މަސްކުރިންނެވެ. ކޮލިފައިންގެ މެޗުތަކަށް އޭނާ ހަވާލުވިއިރު ނޭޕާލްގެ ނަތީޖާތައް ދަށްވުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޭޕާލްގެ ކޯޗު ބުނީ އޭނާ އިސްތިއުފާދިނުމަަށް މީގެ އެއްމަސްކުރިން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް މަޑުކުރީ ސާފް ޗެމްޕިއަންޝިޕަށްފަހު އިސްތިއުފާދޭން ކަމަށެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ބަންގްލަދޭޝް އާއި އެއްވަރުކުރި މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއީ ނޭޕާލްގެ ތާރީހުގައި އެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެ ދުރަށްވެސް ނޭޕާލަށް މިހާތަނަށް ދެވުނީ މުބާރާތުގެ ސެމީފައިނަލާއި ހިސާބަށެވެ. ފައިނަލުގައި ނޭޕާލް ބައްދަލުކުރަން ޖެހެނީ މިރޭ ރާއްޖެއާއި އިންޑިއާގެ ތެރެއިން ޓީމަކާއެވެ.

ރާއްޖެއަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އެބައޮތެވެ. އިންޑިއާއަށް ޖެހޭނީ މި މެޗުން ރާއްޖެ ބަލިކުރާށެވެ. މި މެޗު ފަށާނީ މިރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޔަގީން ދެން ތިކޯޗު ގެންނަނީ ރާއްޖޭގެ ކޮންމެސް ކުލަބަކަށްކަން.

  2. މިސްޓަރ މާޅޮސް

    މިކޯޗު ގެންނަން މި ވިސްނަނީ ރަށުޓިމްއަށް // އަޒުމް ރަނގަޅު މަސައްކަތް ރަނގަޅު އަޙްލާގު ރަނގަޅު ކަޮޗެއް ،.