އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނޭޕާލް ދަތުރުކޮށް ލިބުނު މި ބޮޑު ކާމިޔާބީއަކީ ﷲ ސުބްހާނަހޫ ވަތައާލާ އޭނާއަށް ދެއްވި ބޮޑު އުފާވެރިކަމެއް ކަމަށް ނޭޕާލްގެ ކޯޗު އަބްދުﷲ އަލްމުތައިރީ ސިފަކޮށްފިއެވެ.

ކޯޗު މިހެން ބުނީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލް ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދިއުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނޭޕާލް ދަތުރުކުރީ ފަސް ޓީމު ވާދަކުރާ ލީގުގައި ބަންގްލަދޭޝް އާއި 1-1 އިން އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓް ހޯދައިގެންނެވެ.

މެޗަށްފަހު ނޭޕާލްގެ ކޯޗު ވަނީ މީޑިއާތަކުން އޭނާއާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކޯޗު ސިފަކުރާ ގޮތުގައި މިއީ އެ ފަރާތްތަކަށް ﷲ ދެއްވި ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނޭޕާލުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް

"އަހަރެން ދެކޭ ގޮތުގައި މިއީ ދުޝްމިނުންނަށް ﷲ ދެއްވި ބޮޑު މެސެޖެއް، މިއީ ﷲ އަހަންނަށް ދިން ބޮޑު އުފާވެރިކަމެއް، ހުރިހާ ޝުކުރެއްވެސް ވަނީ ﷲ އާއެކު، އަހަންނާ ގުޅޭގޮތުން ދޮގު ވާހަކަދައްކާ މީހުންނަށް މިއީ ލިބުނު ވަރުގަދަ ފިލާވަޅެއްކަމަށް އުއްމީދުކުރަން" ކުވެއިތަށް ނިސްބަތްވާ ކޯޗު ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލްގެ ކޯޗު ވަނީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށްފަހު ނޭޕާލްގެ ކޯޗުކަމުން އިސްތިއުފާދޭނެ ކަމަށް ބުނެފައެވެ. މިއީ ކުރިންވެސް އޭނާ ނިންމައިގެން ހުރި ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނޭޕާލް ދަތުރުކުރިއިރު، 1993 އިން ފެށި މި މުބާރާތުގައި މިހާތަނަށް ނޭޕާލަށް ދަތުރުކުރެވުނީ މުބާރާތުގެ ސެމީފައިނަލާއި ހަމަޔަށެވެ. އެގޮތުން އެ ޓީމު ވަނީ ފަސް ފަހަރެއްގެ މަތިން ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މި ހުރިހާ ފަހަރެއްގައި ވެސް އެ ޓީމު ވަނީ ސެމީގައި ބަލިވެފައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަބުނީ

    ކޯޗުގެ ބަސްކޮޅު ވ.ފުރިހަމަ...

    45
  2. ބަނޑޭރި

    ހާދަބަރާބަރު ކޯޗެކޭ / ކާމިޔާބު ލިބޭވަގުތު ގިނަމީހުން އެކަން ނުދަނޭ //

    10
  3. ޯބޯޖަލީލު

    ދިވެހިންގެ ހަލާކަކީ ދީނަށް ފުރައްސާރަކުރާ ކެނެރީގޭ ނަސީދު