ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި އެންމެފަހުން ކުޅުނު މެޗު ކާމިޔާބުކޮށް ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ބްރެޒިލް މޮޅުވެފައިވަނީ އަމިއްލަ ގައުމުގައި އުރުގުއޭ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު 2022 ގެ ވޯލްޑްކަޕަށް ކޮލިފައިވާ ބްރެޒިލްއަށް ދެން ބޭނުންވަނީ އެއް މޮޅެވެ.

ދެކުނު އެމެރިކާ ކޮލިފައިންގެ ތާވަލުގެ އެއްވަނައިގައި ބްރެޒިލް މިހާރު އޮތީ ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. އާޖެންޓީނާވެސް ވަނީ ކޮލިފައިންގައި ކުޅުނު މެޗު ކާމިޔާބުކޮށް ވޯލްޑްކަޕަށް ކޮލިފައިވުމާއި ގާތަށް ޖެހިލާފައެެވެ. އާޖެންޓީނާ ކޮލިފައިންގައި ކުޅުނު މެޗުން މޮޅުވީ ޕެރޫ އަތުން 1-0 އިންނެވެ.

އުރުގުއޭ އަތުން ބްރެޒިލް މޮޅުވި މެޗުގެ ވަރަށް ކުރީކޮޅު ބްރެޒިލް ވަނީ ލަނޑެއް ޖަހާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނޭމާ އެވެ. މި ލަނޑު ޖެހިތާ އަށް މިނެޓުފަހުން ބްރެޒިލް އިން ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. ފުރަތަމަ ހާފު ނިމުނީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ބްރެޒިލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ބާބޯސާއެވެ. އުރުގުއޭ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ހިލޭޖެހުމަކުންނެވެ.

އާޖެންޓީނާ އާއި ޕެރޫ ބައްދަލުކުރި މެޗުގެތެރެއިން

މި މޮޅާއެކު ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ 11 މެޗުން 25 ޕޮއިންޓާއެކުއެވެ. އެކުއެޑޯ އޮތީ ތިންވަނައިގައެވެ. އެއީ 12 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ވޯލްޑްކަޕަށް ކޮލިފައިވާން އާޖެންޓީނާއަށް ބާކީ ބޭނުންވަނީ ފަސް ޕޮއިންޓެވެ. ކޮލިފައިންގައި އާޖެންޓީނާއަށް އަދި ބާކީ ހަތް މެޗު އެބައޮތެވެ.