އިންޑިވިޖުއަލް ކޮށް ބަލާނަމަ އަލީ އަޝްފާގު (ދަގަނޑޭ) ފެންވަރުގެ ކުުޅުންތެރިއެއް ނޭޕާލް ޓީމުގައި ނެތް ކަމަށާއި ނަމަވެސް ޓީމެއްގެ ސިފައިގައި އެއީ ސަމާލުވާންޖެހޭ ބައެއް ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފިއެވެ.

އުމުރުން 37 އަހަރުގެ އިންޑިއާ ކެޕްޓަން ސުނިލް ޗެތްރީ މިހެން ބުނެފައިވަނީ އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ނޭޕާލާއި އިންޑިއާ ބައްދަލުކުރާ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ޗެތްރީ އަކީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޖުމްލަ ހަތަރު ލަނޑު މި މުބާރާތުގައި ޖަހާ ދުނިޔޭގެ ލަނޑު ލިސްޓުން ކުރިއެރުންތަކެއް ހޯދާފައެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ-- ވަގުތު އިމޭޖަސް : އަބްދުﷲ އަބީދު

ޗެތްރީ މިހެން ބުނެފައިވަނީ އިންޑިއާގެ މީޑިއާތަކާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޗެތްރީ ވަނީ މި މުބާރާތުގައި އިންޑިއާއިން އެ ޓީމުގެ އަސްލު ކުޅުން ފެންނަން ފެށުމުން ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

"އަހަރެމެން މުބާރާތުގެ ކުރީކޮޅު ވަރަށް އުނދަގޫވި، އެކަމަކު ރާއްޖެ މެޗުން އެ ފެނިގެންދިޔައީ އަސްލު ފެންވަރު، ޔަގީނުންވެސް ލަންކާއަށްވުރެ ރާއްޖެ ވަރުގަދަވާނެ، އެކަމަކު މި ފެނުނީ ރާއްޖެ މެޗުން އަހަރެމެންގެ ފެންވަރު، ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް އަހަރެން މިހިރީ ވަރަށް އުފާވެފައި" ސުނިލް ޗެތްރީ ބުންޏެވެ.

ޗެތްރީ ބުނީ އިންޑިއާ ރަނގަޅު ފޯމަކަށް އެޅުނީ މި މުބާރާތުގައި ރަނގަޅު ދަނޑިވަޅެއްގައި ކަމަށާއި ފައިނަލުގައި ވެސް މިގޮތަށް ކުޅެފިނަމަ އިންޑިއާއަށް ކާމިިޔާބު ލިބޭނެ ކަމަށެވެ. އަދި ނޭޕާލަކީ އަބަދުވެސް ސަމާލުވާންޖެހޭ ޓީމެއް ކަމަށާއި ފައިނަލް އެއްވެސް ގޮތަކަށް ފަސޭހަ ނުކުރާނެކަމަށް ޗެތްރީ ބުންޏެވެ.

"ނޭޕާލް ހަގީގަތުގައި ޓީމެއްގެ ސިފައިގައި ވަރުގަދަ، އަހަރެމެންނަށް ވަރަށް އުނދަގޫތަކެއް ކުރިމަތިވި އެ ޓީމުގެ ފަރާތުން، ވަރަށް ރަނގަޅު ގުޅުމެއް އޮވޭ ކުޅުންތެރިންގެ، މިއީ އިންޑިއާ ސަމާލުވާން ޖެހޭނެކަމެއް" ޗެތްރީ ބުންޏެވެ.

މި މުބާރާތުގައި ޖެހި ލަނޑުތަކާއެކު ޗެތްރީ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ ޖަހާފައިވާ ލަނޑުޖެހުމުގެ ރެކޯޑު މުގުރާލާފައެވެ.