އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުން ބަލިވުމުން އެ ހިތާމަކުރާނީ ހަމައެކަނި ސަޕޯޓަރުންނެއް ނޫނެވެ. ދިވެހި ކޯޗުންނެއް ނޫނެވެ. އެ ބުރަ ޒިންމާ އުފުލައިގެން ދަނޑުމަތީގައި ގައުމަށްޓަކައި ކުޅުނު ދިވެހި ކުޅުންތެރިންނެވެ. ބަލިވިޔަސް އެ ކުޅުންތެރިން ވަނީ ދިވެހިންގެ ހިތްތަކުން ބޮޑު ޖާގައެއް ދީފައެވެ. އެ ލޯބި އަދިވެސް އެބައޮތެވެ.

ފައިނަލަށްފަހު އެ ރޭ މާ ބޮޑު ކަމެއް ނުފެނުނު ނަމަވެސް ޖެހިގެން އައި ދުވަހު ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ މީސްމީޑިއާ އެކައުންޓުތަކުގައި ސަޕޯޓަރުންނަށް ފަށްފަށުން ޝުކުރުއަދާކޮށްފައެވެ. އަދި މި ހުރިހާ ކުޅުންތެރިންގެ މެސެޖުގައި ވެސް ފާހަގަކޮށްލެވޭ އެއް މެސެޖެއް ވެއެވެ. އެއީ "އެނބުރި އަންނާނީ ވަރުގަދަކޮށް" މިހެންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ. ލީގު އުސޫލުން ފަސް ގައުމާއެކު ކުރިޔަށްދިޔަ މި މުބާރާތް ރާއްޖެ ނިންމާލީ ޖުމްލަ ހަ ޕޮއިންޓާއެކު އެވެ. އެއީ ބަންގްލަދޭޝް އާއި ސްރީލަންކާ އަތުން ހޯދި މޮޅާއެކު ލިބުނު ޕޮއިންޓުތަކުންނެވެ. ނޭޕާލާއި އިންޑިއާ އަތުން ރާއްޖެ ވަނީ ބަލިވެފައެވެ.

މުބާރާތުން ކެޓިނަމަވެސް ދިވެހިންގެ ހިތްތަކުން ކުޅުންތެރިންނަށް ދެވިފައިވާ ލޯބި ކުޑައެއްނުވި އެވެ. މީސްމީޑިއާގައި އަދިވެސް ދަނީ އެ ކުޅުންތެރިންގެ ހިތްވަރަށް ޝުކުރުއަދާކުރަމުންނެވެ. އަދި އަރަމުން އަންނަ ހައިޝަމް، ހަމްޕު، އައިސަމް، ނިހާން، ސިފާއު ފަދަ ކުޅުންތެރިންގެ މޮޅު ވާހަކަ އަދިވެސް ދަނީ ދައްކަމުންނެވެ. އެހެންކަމުން މިއީ އެ ކުޅުންތެރިންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.

ފައިނަލާއި މި ކުޅުންތެރިން ކުރިމަތިލީ ބޮޑު ޒިންމާއަކާއެކު އެވެ. ދަނޑަށް ވަދެތިބި ސަޕޯޓަރުންނާއި ދުރާއި ގާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ކުޅުންތެރިން ނެރޭ ނަތީޖާއަކަށް އިންތިޒާރުކުރާނެ ކަން ވިސްނައިގެންނެވެ. މި ޕްރެޝަރާއެކު ވެސް ދިވެހި ކުޅުންތެރިން ކުރި މަސައްކަތް އައްސަރިބަހާއި ސާބަސް ކިޔާ ދިވެހިން ވަރަށް ގިނައެވެ.

ސިޔާސީގޮތުން މަދު ބަޔަކު މީގެ ފައިދާ ނެގި ނަމަވެސް ޖުމްލަކޮށް ބަލާއިރު މި މުބާރާތުގައި ދިވެހި ޓީމުން ދެއްކި ކުޅުމާއި މެދު ގިނައިން ފެނިގެންދަނީ ރަނގަޅު ވާހަކަތަކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަޙްމަދު

  ސިޔާސީމީހުންގެ ކިބައިން އެއްކިބާވެ ސުޒޭނުގެ ފަރާތުން ދިވެހި ޤައުމީ ޓީމު މިނިވަންވެގެން ސަލާމަތް ވާންއޮތީ! އިންމަ، މޯހަން އަދި ނިޒާމް މިމީސްމީހުންނަކީ ރަނގަޅުކަމަށް ލަފާކުރެވޭ ކޯޗުން!

  12
  2
 2. ޢުމަރު

  ދިވެހިގައުމީޓީމް ގެހިތްވަރާ ކުރިމިންނަތް މަސައްކަތައް ހަމަ
  ހިތުހެފުންމިނުން ޝުކުރުވެރިވަން. ވަކިން ހާއްސަކޮށް އަޝްފާގް އަދި ހަމްޒާ ގެފަރާތުން ފެނިގެންދިޔަ ހުނަރު ވެރިކުޅުން އުފަލާއެކު ފާހަގަކުރަން. ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތަކީ ފުޓުބޯޅަ ކުޅޭނީ ކޮންމެވެސް ދެޓީމެއްކަމާ މޮޅުވާނީ ކޮންމެެވެސް އެއްޓީމެއްކަން.

  6
  2
 3. މަ

  އަބަދުވެސް އެންބުރި އަންނަނީ.ވާކަމެއްނެތް.ލޮލް

  8
  7