ޕެނަލްޓީގައި 3-4 އިން ކޮލަމްބިޔާ ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

މިރޭގެ މެޗަށް ކޮލަމްބިޔާ ނިކުތްއިރު އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ހަމޭސް ރޮޑްރިގޭޒް އަށް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ. މި މެޗުގައި ރޮޑްރިގޭޒް އަށް ކުޅެވޭ ގޮތް ނުވީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިން އަދިވެސް މުޅިން ރަނގަޅު ނުވާތީއެވެ.

ގޯލަށްފަހު ކޭން އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ އިންގްލޭންޑަށް ލިބުނީ ކޮލަމްބިޔާގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރަކު ކޭން އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ މި މުބާރާތުގައި ކޭން ކާމިޔާބުކުރި ހަވަނަ ގޯލެވެ.

އިންގްލޭންޑްގެ މި ގޯލަށްފަހު ކޮލަމްބިޔާ ކުޅުންތެރިންގެ ފަރާތުން ކައިރިކައިރީގައި ގިނަ ފައުލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި ފައުލްތަކާއެކު ރެފްރީ ވަނީ ކޮލަމްބިޔާގެ ހަތަރު ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައެވެ.

އިންގްލޭންޑްގެ ލީޑު ފުޅާކޮށްލަން މެޗުގެ 63 ވަނަ މިނެޓްގައި ޑެލެ އަލީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ. އަދި މެޗުގެ 81 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ކޮލަމްބިޔާގެ ހުއާން ކުއަޑްރާޑޯ އަށް ފުރުސަތެއް ލިބުނު ނަމަވެސް އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ޔެރީ މީނާ ކޮލަމްބިޔާ އަށް ނަތީޖާ އެއްވަރުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ އިތުރު ވަގުތުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޔެރީ މީނާ ވަނީ ކޮލަމްބިޔާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މީނާ މި ގޯލު ކާމިޔާބުކުރީ އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ބޯޅަ ހުރަސްކޮށްލުމުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއް އަންނަ ގޮތް ނުވިއިރު ދެން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.

ޕެނަލްޓީގައި އިންގްލޭންޑުން އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އިންގްލޭންޑްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އާއި މާކަސް ރަޝްފޯޑް އާއި ޓްރިޕިޔާގެ އިތުރުން އެރިކް ޑަޔާއެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ ޖޯޑަން ހެންޑަސަން އަށެވެ.

ކޮލަމްބިޔާ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ތިން ދެ ޕެނަލްޓީއެވެ. ކޮލަމްބިޔާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ރަޑަމެލް ފަލްކާއޯ އާއި ލުއިސް މުރިއެލްގެ އިތުރުން ހުއާން ކުއަޑްރާޑޯއެވެ. ޕެނަލްޓީތައް ކާމިޔާބު ނުކުރެވުނީ އުރީބޭގެ އިތުރުން ކާލޯސް ބެކާ އަށެވެ.

މިއީ ޕެނަލްޓީ ޖަހައިގެން އިންގްލޭންޑަށް ވޯލްޑް ކަޕްގައި ހޯދުނު ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އިންގްލޭންޑް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި އިންގްލޭންޑް ބައްދަލުކުރާނީ ސްވިޑެންއާއެވެ.