މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ އެހީއާއެކު އެންޖާސް ބަލިކޮށް ކީލިއަން އެމްބާޕޭ ޕީއެސްޖީ ސަލާމަތްކޮށްދީފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެވެ. އެއް މެޗު މަދުން ކުޅެގެން އެންމެ ކައިރިން ދެވަނަ ލިބެނީ 18 ޕޮޮއިންޓް ލިބިފައިވާ ލެންސް އެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެންޖާސް އެވެ. މެޗު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެންޖާސް އަށް މި ލަނޑު ޖަހައިދިނީ އެންޖަލޯ ފުލްޖިނީ އެވެ. އޭނާ މި ލަނޑު ޖެހީ ބޯފާލް ނެގި ހުރަހަކުންނެވެ. ފުރަތަމަ ހާފު އެންޖާސް ލީޑުގައި އޮވެ ނިންމާލި ނަމަވެސް ޕީއެސްޖީން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ.

މި މެޗުގައި ޕީއެސްޖީއަށް ނިސްބަތްވާ ދެކުނު އެމެރިކާގެ ތަރިން ކަމަށްވާ މެސީ، ނޭމާ، ޑިމާރިއާ ފަދަ ކުޅުންތެރިން ނެތެވެ. އެހެންކަމުން އެންމެ އިސް ކުޅުންތެރިއެއްގެ ރޯލު މި މެޗުގައި ކުޅުނީ އެމްބާޕޭ އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޕީއެސްޖީން ނަތީޖާ ހަމަހަމަކޮށްފައި ވަނީ 69 ވަނަ މިނެޓުގައވެެ. މި ލަނޑު ޑެނީލޯ ޕެރޭރާ ކާމިޔާބުކޮށްފައިވަނީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 87 ވަނަ މިނެޓުގައި ޕީއެސްޖީ މޮޅުވި ލަނޑު އެމްބާޕޭ ޖެހީ ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މިއީ އިކާޑީ ޖަހަން އުޅެނިކޮށް އެންޖާސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ވީއޭއާރުން ނިންމާ ދިން ޕެނަލްޓީއެކެވެ.