އާސެނަލްގެ ކޯޗުކަމުގައި 22 އަހަރު ހޭދަކުރުމަށް ފަހު އެ ކުލަބު ދޫކޮށްލުން ސިފަވީ މީހަކު މަރުވުމުން ބާއްވާ "ޖަނާޒާ" އެއްގެ ގޮތުގައި ކަމަށް އާސެން ވެންގާ ބުނެފިއެވެ.

ވެންގާ ވަނީ އާސެނަލްގެ ކޯޗުކަމުގައި އެ ޓީމަށް ތިން ޕްރިމިއަރ ލީގާއި ހަތް އެފްއޭކަޕް ހޯދަދީފައެވެ. އަދި 2004 ވަނަ އަހަރުގެ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ އާސެނަލް ސީޒަން ނިންމާލީވެސް ވެންގާގެ މޭސްތިރިކަމުގެ ދަށުގައެވެ.

ވެންގާއަށް ހާއްސަކޮށް ގެނެސްދޭން ތައްޔާރުވާ "އާސެން ވެންގާ: އިންވިންސިބަލް" ޑޮކިއުމެންޓްރީގައި ވާހަކަދައްކަމުން އޭނާ ބުނީ އާސެނަލް އާއި ވަކިވާން ޖެހުނު ވަގުތަކީ ވަރަށް ހިތްދަތިވި ވަގުތެއް ކަމަށާއި އެންމެ ގާތްކޮށްވެސް ބުނެެވެން އޮތީ އެއީ މީހެއް މަރުވުމުން ބޭއްވި ޖަނާޒާއެއް ކަމަށެވެ. އަދި އޭނާއަށް ކުރެވުނީ މީހަކު މަރުވުމުން އެ އިހުސާސްކަމަށް ވެސް ބުންޏެވެ.

މިއީ އާސެނަލްގެ ކޯޗުކަމުން ވަކިވުމަށްފަހު އެކަމާއި ގުޅިގެން ވެންގާ ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. މި ޑޮކިއުމެންޓްރީ ގައި ވެންގާގެ ކާމިޔާބު ފުޓުބޯޅަ ކެރިއަރާއި އާސެނަލްއާއި އެކު ވެންގާ ކުރި މަސައްކަތްތައް ފެނިގެންދެއެވެ. އަދި މީގެކުރިން ވެންގާގެ ފަރާތުން އަޑުނީވޭ ގިނަ ވާހަކަތަކެއް މި ޑޮކިއުމެންޓްރީ ގައި ހިމަނާފައިވެއެވެ.

އާސެނަލްގެ ކޯޗުކަމުން ވެންގާ ދިޔަފަހުން އަދި މިހާތަނަށް އެ ޓީމަށް ލީގު ހޯދިފައެއް ނުވެއެވެ. އެންމެފަހުން އެ ޓީމަށް ލީގު ކާމިޔާބުކުރެވުނީ 2004 ގައެވެ. ވެންގާގެ ބަދަލުގައި ދެން އެ ޓީމާއި ހަވާލުވީ އުނެއި އެމެރީ އެވެ. ނަމަވެސް އޭނާއަށް އާސެނަލް އާއެކު ކާމިޔާބީއެއް ނުހޯދެވެއެވެ. ޓީމު ދިޔައީ އިތުރަށް ބަލިކަށިވަމުންނެވެ.

އޭގެފަހުން 2019 ގައި އާސެނަލްގެ ކޯޗުކަން ހަވާލުކުރީ އެ ކުލަބުގެ ކުރީގެ ކުޅުންތެރިޔާ މިކެލް އާޓޭޓާ އަށެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އާސެނަލް ވެއްޓުނީ އެއަށްވުރެ ފުން ވަޅުގަނޑަކަށެވެ.

ވެންގާގެ ފުޓުބޯޅަ ހަޔާތަށް ހާއްސަކޮށްގެން ގެނެސްދޭން ތައްޔާރުވާ މި ޑޮކިއުމެންޓްރީ ރިލީޒްކުރާނީ އަންނަ ނޮވެމްބަރު މަހުގައެވެ.