ބާސެލޯނާއަށް ބަދަލުވިފަހުން އަނިޔާގައި ގިނަދުވަސްތަކެއް ހޭދަކުރުމަށްފަހު ކުޅުނު މެޗެއްގައި އަގުއެރޯ ފުރަތަމަ ފަހަރަށް އެ ކުލަބަށް ލަނޑެއް ކާމިޔާބުކޮށްދީފި އެވެ.

މެންޗެސްޓަރ ސިޓީ ދޫކޮށް މި ސީޒަނުގައި ބާސެލޯނާއަށް ބަދަލުވި ކުޅުންތެރިޔާ ވަނީ ސީޒަން ފެށުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ކަކުލަށް ގެއްލުންވުމުގެ ސަބަބުން ކުޅުމާއި ދުރަށްދާން ޖެހިފައެވެ.

އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ދެ މަހާއި ބައިގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން އޭނާއަށް ޖެހުނެވެ. މި މުއްދަތުގައި ބާސެލޯނާ ކުޅުނު ނުވަ މެޗެއް އަގުއެރޯއަށް ގެއްލުނެވެ.

މިއީ ޔޫއީ ކޯނެލާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބާސެލޯނާގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕް ކުޓީނިއޯ އާއި ސާޖިއޯ އަގުއެރޯ އެވެ. މިއީ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އަގުއެރޯ ކާމިޔާބުކުރި ލަނޑެކެވެ.

އަގުއެރޯ ރަނގަޅު ފޯމަކަށް އަންނަން ފެށުމާއެކު ބާސާއިން އަންނަ އާދިއްތަ ދުވަހު ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ 9 ވަނައިގައެވެ. މެސީ ބާސާ ދޫކޮށްދިޔަ ފަހުން އަދި މިހާތަނަށް ބާސެލޯނާއަށް އެ ޓީމުގެ އަސްލު ކުޅުން ދެއްކޭގޮތެއް ނުވެއެވެ. އަގުއެރޯ އަނިޔާއިން ރަނގަޅުވި އިރު އަންސޫ ފާޓީ ވެސް ވަނީ އަނިާއިން ރަނގަޅުވެ އާދީއްތަ ދުވަހުގެ މެޗަށް ތައްޔާރުވެފައެވެ.

ބާސެލޯނާގައި އަނިޔާގެ މައްސަލަ ދެން އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އޮސްމަން ޑެމްބެލޭ އަށެވެ. އޭނާގެ ކަކުލުގެ ސާޖަރީއަށް ފަހު އަދިވެސް ދަނީ ކުރީގެ ފިޓްނަސް އަނބުރާ ގެންނަން މަސައްކަތްތަކެއް ކުރަމުންނެވެ.