އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނޭޕާލާއި ދެކޮޅަށް އިންޑިއާ ކުޅެމުން އަންނަ މެޗުގައި ދެމިނެޓު ތެރޭ އިންޑިއާއިން ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފިއެވެ.

އިންޑިއާއިން މި ގޯލުތައް ކާމިޔާބު ކޮށްފައިވަނީ މެޗުގެ ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއް ތެރޭއެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ސުނިލް ޗެތްރީއެވެ. އޭގެ ފަހުން 50 ވަނަ މިނެޓުގައި އެޓީމަށް ދެވަނަ ގޯލެއް ކާމިޔާބު ކޮށްދީފައިވަނީ ސުރޭޝް ސިންގް ވަންޖަމް އެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޗެތްރީ ކާމިޔާބު ކޮށްދީފައިވާއިރު، މިއީ އޭނާ މިމުބާރާތުގައި ޖެހި ފަސް ވަނަ ގޯލުކަން ފާހަގަ ކޮށްލެވެއެވެ.

މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއާއި ކުޅެ 3-1 ގެ ނަތީޖާއަކުން މޮޅުވެ ތާވަލުގެ އެއްވަނައިގެ ޓީމުގެ ގޮތުގައެވެ.