ރާއްޖޭގައި ނިމިގެންދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު އިންޑިއާގެ ކެޕްޓަން އުމުރުން 37 އަހަރުގެ ސުނިލް ޗެތްރީ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގައި ނޭޕާލް 3-0 އިން ބަލިކޮށް އިންޑިއާއިން ވަނީ ސަރަހައްދީ މުބާރާތުގެ ތަށި އަށްވަނަ ފަހަރަށް އުފުލާލާފައެވެ. މި މެޗުގައިވެސް ޗެތްރީ ވަނީ ލަނޑު ޖަހާފައެވެ. މިއީ އިންޑިއާއިން މި މުބާރާތް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ.

މުޅި މުބާރާތުގައި ޗެތްރީ ވަނީ ފަސް ލަނޑު ޖަހާފައެވެ. އެއާއެކު އޭނާއަަށް ވަނީ މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިިޔާގެ މަގާމު ލިބިފައެވެ. މީގެއިތުރުން ޗެތްރީ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި އޭނާ ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު ޗެތްރީއަށް ވަނީ 10،000 ޑޮލަރު ލިބިފައެވެ.

މުބާރާތުގެ ހުރިހާ އިންޑިވިޖުއަލް އެވޯޑެއް ޗެތްރީ ހޯދިއިރު އޭނާއަކީ މި މުބާރާތުގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޗެތްރީ މި މުބާރާތުގައި ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ރާއްޖެ ކޮޅަށް ދެ ލަނޑު ޖެހިއެވެ. ދެން އޭނާ ލަނޑުތައް ޖެހީ ނޭޕާލް ކޮޅަށް ދެ ލަނޑު އަދި ބަންގްލަދޭޝް ކޮޅަށް އެއް ލަނޑެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ކާމިޔާބުކުރި ލަނޑާއެކު ސުނިލް ޗެތްރީ ވަނީ ގައުމީ ޓީމަށް ޖެހި ލަނޑުތަކުގެ އަދަދު 80 އަރާފައެވެ. އެއާއެކު އޭނާ ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި އަރާ ހަމަކޮށްފައެވެ.