ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އިނިއެސްޓާގެ އަސަރުގަދަ ސިޓީއެއް ސަޕޯޓަރުންނަށް ހަދިޔާކޮށްފިއެވެ.

އެގޮތުން އިނިއެސްޓާގެ ސިޓީގައި ބުނެފައިވަނީ އޭނާ ސްޕެއިންގެ ޖާޒީގައި ފުރަތަމަ މެޗެއް ކުޅުނީ މީގެ 14 އަހަރު ކުރިން، އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ކަމަށާއި އެ ދުވަސް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ގައުމުގެ ފަހުރުވެރި ނަން ދިފާއުކުރުމުގެ ހުވަފެން ދެކެމުން އައި މީހެއް ކަމަށްވެސް އިނިއެސްޓާ ބުނެފައިވެއެވެ.

އަދި ގައުމުގެ ނަން ދިފާއު ކުރުމަކީ ހަމަ އެކަނި ހުވަފެނެއް ނޫން ކަމަށާއި އެއީ ބޮލުގައި އެޅިފައި އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށްވެސް ސްޕެއިންގެ ކުރީގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ވަނީ ބުނެފައެވެ.

"އަހަރެން ގައުމު ދިފާއުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. ނަމަވެސް ބައެއް ފަހަރު ހިތާމައާއި މޮޅިވެރި ކަމާއި ކުރިމަތިލާން ޖެހޭނެ. އަދި އެކަންކަމުން ހިތްވަރުލިބި ކާމިޔާބީއަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް" އިނިއެސްޓާގެ ސިޓީގައިވެއެވެ.

އަދި ސްޕެއިން އާއި އެކު ކުޑައިރުއްސުރެއް ދެކެމުން އައި ހުވަފެންތައް ހަޤީގަތަކަށް ހެދިއްޖެ ކަމަށާއި މުސްތަގުބަލުގައިވެސް ސްޕެއިންއަށް ކާމިޔާބީ ލިބުން އެދޭކަމަށް އިނިއެސްޓާ ބުނެފައިވެއެވެ.

ސްޕެއިން ވޯލްޑްކަޕާއި އަލްވަދާއު ކިޔަން ޖެހުނު މެޗަށް ފަހު ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ އިނިއެސްޓާގެ އަސަރުގަދަ ސިޓީ ނިންމާލަމުން އޭނާ ވަނީ ސަޕޯޓަރުންނާއި ސްޕެއިންގެ ޓީމުގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ގައުމީ ޓީމާއި ވަކިވެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭންވީ ވަގުތުކަމުގައި އިނިއެސްޓާ ބުނެފައިވެއެވެ.

"އަހަރެން ސްޕެއިންއާއި އެކު ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ހެދިއްޖެ. އަދި މިއީ އަހަރެން ގައުމީ ޓީމާއި ދުރުވާން އެންމެ ރަނގަޅު ވަގުތު. ސްޕެއިންގައި އޮތީ ޒުވާން ޓީމެއް. އަދި އެޓީމަށް މުސްތަގުބަލުގައި ގައުމު ފަހުރުވެރިކޮށްދެވޭނެ ކަމާ މެދު އަހަރެން ޝައްކެއް ނުކުރަން" އިނިއެސްޓާ ބުނެފައިވެއެވެ.

އިނިއެސްޓާ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2006 ވަނަ އަހަރުއެވެ. އޭގެފަހުން އިނިއެސްޓާ ވަނީ އެޓީމަށް 131 މެޗު ކުޅެދީ 13 ގޯލު ކާމިޔާބުކޮށްދީފައެވެ.

އިނިއެސްޓާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އަދި ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން 2010 ވަނަ އަހަރު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކުރީ އިނިއެސްޓާ ކާމިޔާބުކުރި ގޯލުންކަން ފާހަގަކޮށްލެވެއެވެ.

ބާސެލޯނާގައި 22 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ސީޒަން ނިމުމުން އިނިއެސްޓާ އެ ކްލަބު ދޫކޮށްލާފައިވާއިރު އޭނާ މިހާރު ކުޅެމުން އަންނަނީ ޖަޕާނު ލީގުގެ ކްލަބެއް ކަމަށްވާ ވިސެލް ކޯބް އަށެވެ.

އިނިއެސްޓާ ވަނީ ބާސާގައި ހޭދަކުރި މުއްދަތުގައި 674 މެޗު ކުޅެދީ 32 ތަށްޓެއް އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން

    "އިނިއެސްޓާގެ ސިޓީގައި ބުނެފައިވަނީ އޭނާ ސްޕެއިންގެ ޖާޒީގައި ފުރަތަމަ މެޗެއް ކުޅުނީ މީގެ 14 އަހަރު ކުރިން، އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ކަމަށް" ވާނަމަ އޭނާގެ އުމުރުން މިހާރު ވާންޖެހޭނީ 29 އަހަރު. އެކަމަކު އޭނާގެ މިހާރުގެ އުމުރު އުޅެނީ 30 އަހަރަށްވުރެވެސް މަތީގައި. އެހެންވީމާ، ތިޔަ ވާހަކަ ދިމައެއް ނުވޭ.

  2. ރަށްދު

    ދެންނުފެލެ އެދުވަހެއް ދެން ނާންނާނެ

    1
    1
  3. ހަސަން

    "އިނިއެސްޓާގެ ސިޓީގައި ބުނެފައިވަނީ އޭނާ ސްޕެއިންގެ ޖާޒީގައި ފުރަތަމަ މެޗެއް ކުޅުނީ މީގެ 14 އަހަރު ކުރިން، އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ކަމަށް" ވާނަމަ އޭނާގެ އުމުރުން މިހާރު ވާންޖެހޭނީ 29 (15+14) އަހަރު. އެކަމަކު އޭނާގެ މިހާރުގެ އުމުރު އުޅެނީ 30 އަހަރަށްވުރެވެސް މަތީގައި. އެހެންވީމާ، ތިޔަ ވާހަކަ ދިމައެއް ނުވޭ. އެއްޗެއް ލިޔާއިރު، އެއެއްޗެއް ދެކޮޅުޖެހޭތޯވެސް ބަލަންވާނެ. އެވަރު ނޭނގޭ މީހުން ނޫސްވިކަމަށް ކުފޫ ހަމައެއް ނުވޭ.