އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ޗެލްސީ ޖެހިލިއިރު މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

ލީގުގައި ޗެލްސީ ކުޅުނީ ރަށުންބޭރުގައި ބްރެންޓްފޯޑް އާއި ދެކޮޅަށެވެ. މި މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި ޗެލްސީއަށް ލިބިގެންދިޔަ އެވެ.

ޗެލްސީން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިންގްލެންޑުގެ ޑިފެންޑަރު ބެން ޗިލްވެލްއެވެ.

ޗިލްވެލް މިވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ. އޭނާ އެންމެފަހުން އިންޓަނޭޝަނަލް ބްރޭކުގައި އިންގްލޭންޑަށް ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައިވެއެވެ.

ޗެލްސީގެ ކީޕަރު މެންޑީގެ ހުށިޔާރު ސޭވްތަކެއް މި މެޗުގައި ފެނުނެވެ. ކައުންޓަރ ހަމަލާތަކުގައި ބްރެންޓްފޯޑް ހުއްޓުވުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އޭނާއެވެ.

މި މެޗާއި ކުރިމަތިލިއިރު ޗެލްސީ އޮތީ އެއްވަނަ މަގާމު ގެއްލިފައެވެ. އެއީ ވޮޓްފޯޑް އަތުން ލިވަޕޫލް 5-0 ގެ ނަތީޖާއަކުން މޮޅުވެފައިވުމުންނެވެ. ބްރެންޓްފޯޑް އަތުން ޗެލްސީ ހޯދި މި މޮޅާއެކު އެ ޓީމު ތާވަލުގެ އެއްވަނައިގައި މިހާރު އޮތީ 19 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނަ ލިބެނީ ލިވަޕޫލަށެވެ. އެއީ ޖުމްލަ 18 ޕޮޮއިންޓާއެކު އެވެ.

ޔުނައިޓެޑާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން

މެންޗެސްޓަރ ޔުނައިޓެޑު ކުުޅުނު މެޗުން އެ ޓީމު ބަލިވީ ލެސްޓާ ސިޓީ އަތުން 4-2 ގެ ނަތީޖާއަކުންނެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ހޯދި މޮޅާއެކު ރަށުންބޭރުގައި ޔުނައިޓެޑުން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ. ރަށުންބޭރުގައި ޔުނައިޓެޑު ކުޅުނު 29 މެޗުން ބަލިވެފައެއް ނުވެއެވެ. މިއީ އެ ރެކޯޑަށް ނިމުން އައި މެޗެވެ.

މެޗުގައި ޔުނައިޓެޑުގެ ލަނޑުތައް ޖެހީ މޭސަން ގްރީންވުޑް، މާކަސް ރަޝްފޯޑް އެވެ. ލެސްޓާ ސިޓީއަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ޔޫރީ ޓިއެލްސްމަން، ކަގްލާ، ޖޭމީ ވާޑީ، އަދި ޕެޓްސަން ޑާކާ އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައި އަށް މެޗުން 14 ޕޮއިންޓާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު