ރާއްޖޭގެ ފުޓުބޯޅަ ފޯރި ވަރުގަދަވެފައިވާ ކަމަށާއި ކޮންމެ އަހަރަކު ފުޓުބޯޅައިގެ އިންވިޓޭޝަނަލް މުބާރާތެއް ރާއްޖޭގައި ބާއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލަފާދެއްވާފައިވާ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ނިމިދިިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފުޓުބޯޅަ ހީނުކުރާ ވަރަށް ފޯރި އަރާފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މިކަން މަހްލޫފް ހާމަކޮށްދެއްވީ ރޭ އިންޑިއާ އާއި ނޭޕާލް ކުޅުނު މުބާރާތުގެ ފައިނަލް މެޗަށްފަހު އެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގައި އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފަށް ރައީސް ލަފާދެއްްވާފައިވާ ކަމަށެވެ.

"އަޅުގަނޑާއި ބައްސާމް މި މަސައްކަތް އަންނަ އަހަރުން ފެށިގެން ކުރަންޖެހޭ މަސައްކަތްތައް ފަށާނަން" މަހްލޫފް ވިދާޅުވިއެވެ.
އަންނަ މަހު ސްރީލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕް ނުވަތަ މަހިންދަރާޖަ ޕަކްސަ ކަޕަށް ދާއިރު މިހާރު އޮތް ފުޓުބޯޅައިގެ ފޯރި ނުކެނޑި ގައުމީ ޓީމާއެކު ކަންކަން ކުރިޔަށްގެންދަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މުބާރާތުން ރާއްޖެ ކެޓިނަމަވެސް ހަގީގަތަކީ ދިވެހި ޓީމުގެ ކުޅުންތެރިން އަދި ސަޕޯޓަރުން ވަރުގަދަ ހިތްވަރެއް ދެއްކި ކަމަށެވެ.
ނިިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކެޓީ އިންޑިއާ އަތުން ބަލިވެގެންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެއާއެކު ރާއްޖެ މި މުބާރާތް ނިންމާލީ ތާވަލުގެ ތިންވަނަ މަގާމުގައި ހަ ޕޮައިންޓާއެކު އެވެ. ދެވަނަ ލިބެނީ ނޭޕާލަށެވެ. އެއީ ހަތް ޕޮއިންޓެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ އިންޑިއާ އަށެވެ.