މާވަށް ކައުންސިލްގެ ފުޓްސަލް ޗެލެންޖް 2021 ގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު މާވަށު ފުޓްސަލް އެރީނާގައި ބާއްވައިފިއެވެ.

މި މުބާރާތަކީ މާވަށުގެ ފިރިހެން ޒުވާނުންނަށް ޚާއްޞަކޮށްގެން އެ ރަށުގެ ކައުންސިލާއި ގޭމްސް އެސޯސިއޭޝަން އޮފު މާވަށް (ގެމް) އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތެވެ.

ޖުމްލަ ހަ ޓީމާއެކު ކުރިޔަށްދާ މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ މާވަށު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މޫސާ އެވެ.

މުބާރާތުގައި ބައިވެރިވި ހަ ޓީމަކީ ކަންމަތި އެފްސީ، މުލިމަތި އެފްސީ، މާވަށު ސްޕޯޓްސް ކުލަބް، އަކިރިކޮޅު އެސްސީ، އަކިރިކޮޅު އެސްސީ ޖޫނިއާސް، ފޯކަސް އެސްސީ އެވެ.

މި މުބާރާތުގައި ރާއްޖޭގެ މަގުބޫލު ފުޓްސަލް ތަރިންތަކެއް ފެނިގެންދާނެ ކަމަށެވެ. މީގެތެރޭގައި ހުސެއިން ޝަރީފް (އޮންލީ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަލީ ހާފިޒް (ހާއްޕެ)، ހުސެއިން ނާޝިދު (ނާއްޓޯ)، އަޔާޒް އަހްމަދު (އަޔާ)، އަހުްމަދު އަޖުވަދު (އަޖޭ)، އަދި އިބްރާހިމް އަސްވާދު (ގަބޭ) ފަދަ ކުޅުންތެރިން ހިމެނެއެވެ.

މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 17 އިން 24 ގެ ނިޔަލަށެވެ. މެޗުތައް ކުރިޔަށްދާނީ ރޭގަނޑުގެ ވަގުތުގައެވެ.

މި މުބާރާތް ހޯސްޓުކޮށް ހިންގާނީ މާވަށުގައި ކާމިޔާބު އެތަކެއް މުބާރާތެއް ބާއްވާ އަދި ހިންގާފައިވާ ގޭމްސް އެސޯސިއޭޝަން އޮފު މާވަށް (ގެމް) އާއެކު މާވަށު ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާއިންނެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން މުބާރާތް ހޯސްޓުކުރާ ގޭމްސް އެސޯސިއޭޝަން އޮފް މާވަށް (ގެމް) ގެ ރައީސް އިބްރާހިމް ނަޒްމީ ވިދާޅުވީ މި މުބާރާތް ގެމްސް އިން ހޯސްޓުކުރަން ނިންމީ މާވަށު ޒުވާނުންނަށް މި ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެވޭނެ ޖަމްއިއްޔާއަކީ މި ޖަމްއިއްޔާ ކަމަށް ޔަގީންކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގެމް ގެ އަންނަ އަހަރު ބާއްވަން ރާވާ ގެމް ފުޓްސަލް ޗެލެންޖް 2022 އަށް ވާމްއަޕް މުބާރާތަކަށް މި މުބާރާތް ހެދުން،" ގެމް ގެ ރައީސް ވިދާޅުވިއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާއަށް ވުރެ ބޮޑު ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

މާވަށު ކައުންސިލަކީ ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ރާވަމުން ކުރިއަށްދާ ކައުންސިލެކެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައިވެސް ކުޅިވަރަށާއި އިޖުތިމާއީ ތަރައްޤީއަށް ޕްރޮގްރާމުތައް ހިންގާފައިވެއެވެ. މިއަހަރުވެސް އަގު ބޮޑު ވޮލީ މުބާރާތެއް ބޭއްވުމަށް ކައުންސިލް ދަނީ ރާވަމުންނެވެ.