ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ރެއާލްމެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯގެރެއަލް ހިސްޕަނިއާ އެފްސީ ގުޅިގެން ރާއްޖޭގައި 18 ފުޓުބޯޅަ އެކެޑެމީއެއް ހުޅުވަން ނިންމައިފިއެވެ.

ސަލްގާޑޯއަކީ ދުނިޔޭގައި އުފެދުނު މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައިވާ ކުރީގެ ކުޅުންތެރިއެކެވެ. އޭނާ މީގެކުރިން ވަނީ ރާއްޖެ އަށް ވެސް އައިސްފައެވެ.

ހޮޓެލް ޖެންގައި މިކަން އިއުލާނުކުރުމަށްޓަކައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ޖަވާ) ގެ އިތުރުން ސަލްގާޑޯ އެކަޑަމީގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާނެ ކޯޗިން ޓީމު އަދި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އާއި އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވިއެވެ.

މިކަން އިފްތިތާހުކޮށްދިނުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖަސްް: ޝާބިލް

މި 18 އެކަޑަމީގެ ތެރެއިން އަތޮޅުތެރޭގައި ގާއިމުކުރުމަށް ނިންމާފައިވަނީ 10 އެކަޑަމީ އެވެ. މި 10 އެކަޑަމީ ހުޅުވާނީ 10 ރަށެއްގައެވެ. އަދި މާލޭގައި ހުޅުވަން ނިންމާފައިވަނީ 8 އެކަޑަމީ އެވެ. މާލޭގައި އެކަޑަމީގެ ކަންކަން ކުރިޔަށްދާނީ މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައެވެ.

އަތޮޅުތެރޭގައި އެކަަޑަމީ ހުުޅުވަން ނިންމާފައިވާ ދިހަ ރަށް ކަނޑައަޅާފައިވަނީ އާބާދީ އާއި އެ ރަށްރަށުގައި ފުޓުބޯޅައިގެ ފޯރިއާއި ނަތީޖާތަކަށް ބެލުމަށްފަހު އެވެ.

އަތޮޅުތެރޭގައި އެކަޑަމީ ހުޅުވަން ނިންމާފައިވާ 10 ރަށް

  • ހދ.ކުޅުދުއްފުށި
  • ބ.އޭދަފުށި
  • ނ.ކެނދިކުޅުދޫ
  • އދ.މަހިބަދޫ
  • ގދ.ތިނަދޫ
  • ލ.ގަން
  • ދ.ކުޑަހުވަދޫ
  • ޏ.ފުވައްމުލަށް
  • އައްޑޫސިޓީ (ދެ އެކަޑަމީ)

ދެން ހިމެނޭ 8 އެކަޑަމީ ހުޅުވުމަށް ހަމަޖެހިފައިވަނީ މާލޭގެ 8 ތަނެއްގައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. މި ތަންތަނުގެ ސްކޫލްތަކުގައި މި އެކަޑަމީގެ ހަރަކާތްތައް ކުރިޔަށްދާއިރު މާލެއާއި އަތޮޅުތެރޭގައި މި އެކަޑަމީގެ ކަންކަން ކުރިޔަށްގެންދާނީ އެކަމަށް ހާއްސަކޮށްފައިވާ ބޭރުގެ ކޯޗިން ޓީމަކުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް-- ވަގުތު އިމޭޖަސް: ޝާބިލް

ސްކޫލް އެކަޑަމީ

މި 18 އެކަޑަމީގައި އެންމެ ފުރަތަމަ ސްކޫލުތަކުގައި ކުރިޔަށްދާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 8 އަހަރުންދަށް، 9 އަހަރުންދަށް، 10 އަހަރުންދަށް، 11 އަހަރުންދަށް، އަދި 12 އަހަރުންދަށަަށެވެ. މި ސްކޫލްތަކުން ފާހަގަކުރެވޭ ކުދިން މި އުމުރު ފަހަނައެޅުމުން މީގެތެރޭގައި ފާހަގަކޮށްލެވޭ ކުދިން ދެން ބަދަލުކުރާނީ ހައި ޕާފޯމާންސް ސެންޓަރަށެވެ.

ހައި ޕާފޯމަންސް ސެންޓަރ

ހައި ޕާފޯމަންސް ސެންޓަރުގައި އުމުރުފުރާތައް ފަށާނީ 13 އަހަރުންދަށުން ފެށިގެންނެވެ. މި ސެންޓަރުގައި ދެން ހިމެނޭނެ އުމުރުފުރާތަކަކީ 14 އަހަރުންދަށް، 15 އަހަރުންދަށް، 16 އަހަރުންދަށް އަދި 17 އަހަރުންދަށެވެ. މީގެތެރެއިން 14 އަހަރުންފެށިގެން 17 އަހަރާއި ދެމެދު ފާހަގަށްކޮށްލެވޭ މޮޅެތި އަދި ހުނަރުވެރި ކުދިންނަށް ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބޭނެއެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ވެސް އެ ކުދިން ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިކަމުގައި އެންމެ އިސް މީހެއްގެ ގޮތުގައި ހަރަކާތްތެރިވާ ރެއާލް މެޑްރިޑްގެ ކުރީގެ ލެޖެންޑް މިޗެލް ސަލްގާޑޯ ބުނީ މި އެކަޑަމީގެ ކަންކަން ރޭވުމަށްޓަކައި ގާތްގަނޑަކަށް ދެ އަހަރުދުވަސް ހޭދަވި ކަމަށާއި ރާއްޖޭގައި ހަރަކާތްތެރިވާނެ ރަނގަޅު ކޯޗުން މި މުއްދަތުގެ ތެރޭގައި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

މި ޕްރޮގްރާމުގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށް ކޯޗިން ސްޓާފުން ވަނީ އައްޔަނުކޮށްފައެވެ. މި ކޯޗުންގެ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރާނީ ސަލްގާޑޯ އެވެ.

"ކޮވިޑާ ގުޅިގެން އަހަރެމެންގެ މަސައްކަތް ތަންކޮޅެއް ލަސްވި ނަމަވެސް މިހާރު ވަނީ އަލުން ފަށާފައި، ކުރިއަށް އޮތް ހައެއްކަ އަހަރަށް ވިސްނުން މިހުރީ، އެކަށީގެންވާ ކޯޗުންވެސް ހޯދައި، ރަނގަޅަށް ފަށަން ތައްޔާރުވެފައި މިއޮތީ،" ސަލްގާޑޯ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެލް

    ދިވެހި ފުޓްބޯޅައަށް ވަރަށްވެސް ބޮޑުހަބަރެއް // ދިވެހި ފުޓްބޯޅައިގަ މާދަމާ ތިފެށުމުގެ ކާމިޔާބީއާއި ބޮޑެތިކުރިއެރުމާއި އުފާތަށް ލިބޭނެ / އިންޝާﷲ // ސަލްގާޑޯސަރ އަށް ފަށްފަށުން ޝުކުރިއްޔާ // ،