ރޭ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ދެވަނަ ބުރުގެ މެޗުގައި ކޮލަމްބިއާ ބަލިކޮށް އިންގްލޭންޑު ކުއާޓާ ފައިނަލާއި ހަމަ އަށް ދަތުރު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ނަމަވެސް ގިނަ މީހުންގެ ލޮލަށް ނުފެނުނު މަންޒަރަކީ، އިންލޭންޑު މެޗުން މޮޅުވި ވަގުތު، އެޓީމުގެ ކީޕަރު ޖޯޑަން ޕިކްފޯޑު ޖެއްސި ސެލެބްރޭޝަންއެވެ. މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އައި ޕިކްފޯޑު ވަނީ މުހިންމު ދިފާއު ތަކެއް ކޮށްފައެވެ. އޭގެ ތެރެއިން ޕެނަލްޓީ އެއް ވެސް ޕިކްފޯޑު ވަނީ ނަގާފައެވެ.

އިންގްލޭންޑު މޮޅުވާން ޕިކްފޯޑު ކުރި ދިފާއުގެ ފަހުން އެރިކް ޑަޔާ ގެ ޕެނަލްޓީ ގޯލުގެ ތެރެ އަށް ދިޔުމުން ހުރިހާ ކުޅުންތެރިންވެސް ވަނީ ޕިކްފޯޑާއި ދިމާލަށް ދުއްވައިގެންފައެވެ. ހަމަ އެހެންމެ ޕިކްފޯޑު ވަނީ ޓީމުގެ ކުޅުންތެރިންނާއި ދިމާލަށް ދުވަމުން ގޮސް، ރޮނާލްޑޯގެ ސެލެބްރޭޝަން ޖައްސާފައެވެ.

ޕިކްފޯޑުގެ މި ސެލެބްރޭޝަންގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމާއި ބެހޭގޮތުން ޕޯސްޓު ތައް ޖަހާފައެވެ. ހާއްސަކޮށް އިންގްލޭންޑު ސަޕޯޓަރުން ވަނީ ޕިކްފޯޑު ކުރި ކަމަށް ތައުރީފު ކޮށްފައެވެ. ބައެއް މީހުން، ރޮނާލްޑޯ އެވަޓަން އަށް ދާކަމަށް ބުނި އިރު ބައެއް މީހުން ބުނެފައި ވަނީ އަދިވެސް ކުޑަކޮށް ފަރިތަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ސެލެބްރޭޝަން ޖެއްސުމުން އޭނާ އަކީ ލެޖެންޑެއް ކަމަށެވެ.