ވޯލްޑް ކަޕު ގުރޫޕް ސްޓޭޖަށް ފަހު ދެވަނަ ބުރުގައި ބެލްޖިއަމް އާއި ކުޅެ، ހިތް ދަތި ގޮތަކަށް ބަލިވުމަށް ފަހު ޖަޕާނު ޓީމުގެ ދެ ތަރިން ރިޓަޔާރ ވެއްޖެއެވެ.

ވޯލްޑް ކަޕުން ވަކި ވާން ޖެހުމުން ޖަޕާނު ޓީމުގެ ދެ ތަރި ކެެއިސުކޭ ހޮންޑާ އަދި މަކޮޓޯ ހަސެބޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ދެވަނަ ބުރުގައި ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފު ފެށުނު އިރު 0-2 ގެ ލީޑެއް ޖަޕާނަށް ލިބުނު ނަމަވެސް މެޗު ނިމެން ކައިި ވެފައި ވަނިކޮށް ބެލްޖިއަމް ވަނީ ޖަޕާނުގެ މައްޗަށް ފަހަތުން އަރާ ކުރި ހޯދާފައެވެ.

މިއަހަރުގެ ވޯލްޑް ކަޕުގައި އެންމެ މެޗެއްގައި ވެސް ފުރަތަމަ 11 އިން ޖާގަ ހޮންޑާ އަށް ލިބިފައި ނުވާއިރު ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ ގަބޫލު ކުރަނީ ޖަޕާނުގެ ކުރިމަގު ވަރަށް އަލި ކަމަށެވެ.

" މިއަދު އަހަރެމެން މި ދެއްކީ ޖަޕާނުގެ ފުޓުބޯޅައިގައި އުޖާލާ ކުރިމަގެއް އެބަ އޮތްކަން، އަހަރެން ވަރަށް އުފާވޭ މޮޅު ކުޅުންތެރިން އުފެދެމުން ދާތީ، ކުރިޔަށް އޮތީ އެކުޅުންތެރިން ތާރީހު ލިޔުން. މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕު، އަހަރެން ބޭނުންވީ ކުއާޓަ ފައިނަލަށް ޓީމު ގެންދަން، އެކަން ނުވި ނަމަވެސް އަހަރެން މަސައްކަތް ކުރިން" 32 އަހަރުގެ ހޮންޑާ ބުންޏެވެ.

މީގެ އިތުރުން ޖަޕާނު ޓީމުގެ ކެޕްޓަން ރިޓަޔާ ވިއިރު އޭނާ ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ޖަޕާނު ޓީމުގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. ޖަޕާނު ކުރިޔަށް އޮތް އޭޝިޔަން ކަޕުގައި ބައިވެރި ވާއިރު އެމުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޔޫއޭއީ ގައެވެ.