ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިިލް ގައުމީ ޓީމަށް ކުޅެމުންދަނިކޮށް ލިބުނު އަނިޔާއާއި ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރުބީ ލިޕްޒިގް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗުން އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ނޭމާގެ އުކުޅުވަޅަށް ލިބުނު ގެއްލުމުގެ ސަބަބުން މިރޭ އާރުބީ ލިޕްޒިގް އާއި ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެ ކަން ކަށަވަރުވެފައި ވާއިރު މިއީ އެ ޓީމަށް ލިބޭނެ ބޮޑު ކަންބޮޑުވުމެކެވެ.

މެޗުގެކުރިން ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު މައުރޯ ޕޮޗެޓީނޯ ބުނީ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުގެ ވާހަކަ މާ ބޮޑަށް ދައްކަން ބޭނުންނުވާ ކަމަށާއި އޭނާއަށް އެންމެ މުހިއްމުވާނީ އެ ކުޅުންތެރިއެއްގެ ސިއްހަތު ކަމަށެވެ. އަދި އުއްމީދަކީ މިމަހު މާސޭ އާއި އެންމެފަހުގެ ޗެމްޕިއަން ލިލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ނޭމާ ފިޓުވުން ކަމަށްވެސް ބުނެފައިވެއެވެ.

ލިޕްޒިގް މެޗުގައި ނޭމާ ނެތްތަން ފޫބައްދާނެ މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށާއި މިއީ އެ ކުޅުންތެރިންގެ ފެންވަރު ދައްކަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ކޯޗު ބުންޏެވެ.

ޕީއެސްޖީގައި ނޭމާއަށް މި ސީޒަނުގައި އަދި މިހާތަނަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ވޯލްޑްކަޕް ކޮލިފައިންގައި އެންމެފަހުން ކުޅުނު މެޗުތަކުގައި ނޭމާ ދިޔައީ އޭނާގެ ފެންވަރު ދައްކަމުންނެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ލިޕްޒިގް ބައްދަލުކުރާއިރު މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް މި މެޗު ގެއްލެއެވެ. މީގެތެރޭގައި ޑިމާރިއާ ސަސްޕެންޑްވެފައި ވާއިރު ސާޖިއޯ ރާމޯސް އާއި ޕަރެޑޭސް ހުރީ އަނިޔާގައެވެ. އަދި އާއިލީ ކަމެއްގެ ސަބަބުން ފޯވާޑް މައުރޯ އިކާޑީ ހުރީ ކުޅުމާއި ދުރުގައެވެ.