ރާއްޖެއިން އާ ފުޓުބޯޅަ ޖީލެއް ބިނާކުރުމުގެ ގޮތުން އަލަށް ފަށަން ތައްޔާރުވާ ބޮޑު މަޝްރޫއުގެ ތެރެއިން ރާއްޖެއިން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ރަނގަޅު ކުޅުންތެރިންނަށް ޔޫރަޕުން ޓްރެއިންކުރުމުގެ ފުރުސަތު އަހަރަކު ތިން ފަހަރު ލިބިގެންދާނެ ކަމަށް ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ބުނެފިއެވެ.

އެފްއޭއެމުގެ ޓުވާޑްސް ފިއުޗާ މަޝްރޫއުގެ ދަށުން މިޝެލް ސަލްގާޑޯގެ ރިއަލް ހިސްޕަނިއާ އެފްސީ ގުޅިގެން މުޅި ރާއްޖޭގައި ކުރިޔަށްގެންދަން ތައްޔާރުވާ ފުޓުބޯޅައިގެ ބިޔަ މަޝްރޫއާއި ގުޅޭގޮތުން ގެނެސްދިން ޕްރެޒެންޓޭޝަންގައި އޭނާ ވަނީ މިކަން ހަ އަހަރުދުވަހުގެ ތެރޭގައި ކުރިޔަށްގެންދަން ނިންމާފައިވާ ގޮތް ހާމަކޮށްފައެވެ.

މި އެއްބަސްވުމުގެ ދަަށުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އެކަޑަމީ ހުޅުވިގެންދާއިރު ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ހޯދުމަށް ހާއްސަ ސްކައުޓިން ޓީމެއް އެކި އުމުރުފުރާތަކަށް ވަނީ ހާއްސަކޮށްފައެވެ. އުމުރުން 12 އަހަރުންފެށިގެން ދަށުގެ ކުދިން ހާއްސަވާނީ އެ އެކަޑަމީތަކަށެވެ. އަދި 12 އަހަރުންމަން 17 އަހަރާއި ހަމަޔަށް ކުދިންނާއެކު ހައި ޕާފޯމަންސް ސެންޓަރުގައި ގިނަ މަސައްކަތްތަކެއް ކުރިޔަށްދާނެ އެވެ.

އެކަޑަމީގައި ހަރަކާތްތެރިވާ ކޯޗުންނާއި އެފްއޭއެމްގެ އިސްވެރިން އަދި ގައުމީ ޓީމުގެ ދެ ކުޅުންތެރިން-- ވަގުތު އިމޭޖަސް: އިސްމާއީލް ޝާހު

މި މަސައްކަތާއި ގުޅޭގޮތުން ހޮޓެލް ޖެންގައި ބޭއްވި ހަރަކާތަށްފަހު ވާހަކަދައްކަމުން ސަލްގާޑޯ ބުނީ ދިވެހި ކުޅުންތެރިއެއް މި ޕްރޮގްރާމްގެ ތެރެއިން ޔޫރަޕުގެ ޕްރޮފެޝަނަލް ލީގަކަށް ގެންދެވިއްޖެ ނަމަ އެއީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވާނެކަމަށެވެ.

"ދިވެހި އެއް ކުޅުންތެރިއެއް ނަމަވެސް އަހަރެމެންނަށް ޔޫރަޕުގެ ޕްރޮފެޝަނަލް ލީގަކަށް ގެންދެވިއްޖެ ނަމަ އެއީ މި ޕްރޮގްރާމަށް ލިބޭނެ ބޮޑު ކުރިއެރުމެއް، އަހަރެމެން ކޮންމެ އަހަރަކު ތިން ފަހަރު ޔަގީނުންވެސް ދިވެހި ރަނގަޅު ކުޅުންތެރިން ޔޫރަޕުގައި ފަރިތަކުރަން ލިބުމަކީ މި ޕްރޮގްރާމަށް ލިބޭނެ ކުރިއެރުމެއް" ސަލްގާޑޯ ބުންޏެވެ.

ސަލްގާޑޯގެ އެކަޑަމީން މިހާރުވެސް ދަނީ ދުބާއިގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ތަޖުރިބާއާއެކު ރާއްޖޭގައި އެކި އުމުރުފުރާތަކަށް ކުޅުންތެރިން ތައްޔާރުކުރުމަށް ބޭރުގެ ކޯޗިން ސްޓާފުންގެ ޓީމެއް ވަނީ ހާއްސަކޮށްފައެވެ.

ސަލްގާޑޯ ބުނީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ރެއާލް މެޑްރިޑާއި ބާސެލޯނާ ނޫނީ ސެލްޓަ ވީގޯގައި ޕްރޮފެޝަނަލަކަށް ވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއ ިޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނަށް ވެވެނީ ނިސްބަތުން ފަސް އިންސައްތަ ކުޅުންތެރިންނަށް ކަމަށެވެ.

ޔޫރަޕުގެ ފެންވަރަށް ދާން ރާއްޖޭގެ މެސީއެއް ފެނިއްޖެނަމަ އެއީ އެންމެންނަށް ލިބޭނެ ބޮޑު އުފަލެއްގެ ގޮތުގައިވެސް ސަލްގާޑޯ ފާހަގަކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެލް

    2028ގެ ކުރިން އިރާދަކުރެއްވިއްޔާ ދިވެހި ފުޓްބޯޅައިގެ ތަފާތު ފެންނާނެ ކަމުގެ ވަރަށް އުންމީދު އެބައޮތް / އިންޝާﷲ ،،.